ޓައުކްޓޭ ތޫފާނުގެ ސަބަބުން ބޮލީވުޑުގެ ފިލްމުގެ ސެޓުތަކަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.
އިންޑިއާގެ ފިލްމު ސިޓީ ހިމެނޭ މަހާރާޝްތުރާއަށް މި ތޫފާނުގެ އަސަރު ކޮށް ބޮލީވުޑު ފިލްމު ސެޓުތަކުގެ އިތުރުން ޑުރާމާ ޝޯގެ ސެޓުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކޮވިޑުގެ ސަބަބުން ޝޫޓިންތައް ހުއްޓިފައި އޮތް އިރު، މި ތޫފާނުގެ ސަބަބުން ބައެއް ސެޓުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން ގޮސްފައިކަމުގައި އިންޑިއާގެ ހަބަރުތައް ބުނެއެވެ.
ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، އަޖޭ ދޭވްގަންއާއެކު ކުޅުމަށް ތައްޔާރުވަމުން އަންނަ ބޯނޭ ކަޕޫރުގެ ފިލްމު ''މައިދާން' ގެ ސެޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މުމްބާއީގެ ފިލްމު ސިޓީގައި ހިމެނޭ ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު ''ޓައިގާ3'' ގެ ސެޓު، ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ''ބްރަހަމަޝްތުރާ'' އަދި ސަންޖޭލީލާ ބަންސާލީ އުފައްދާ އާލިއާ ބަޓު ފެނިގެންދާ ފިލްމު ''ގަންގޫބާއި'' ގެ ސެޓުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނޭ އެމްޕްލޯއީސް ގެ ރައީސް ބީ.އެން ތިވާރީ މައުލޫމާތު ދީފައިވާގޮތުގައި ބާލާޖީ ޓެލެފިލްމުތަކުގެ ބައެއް ސެޓުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިގެން ގޮސްފައެވެ.
ކޮވިޑުގެ ހާލަތުގެ ސަބަބުން ބޮލީވުޑާއި ޓެލެވިޒަން ސިލްސިލާތައް އުފައްދާ ފަރާތްތަކަށް ލިބެމުންދާ ގެއްލުމުގެ އިތުރުން މިތޫފާނާއި ގުޅިގެން ފޫނުބެއްދޭވަރުގެ ގެއްލުމަކާއި ފިލްމު އުފައްދާ ފަރާތްތައް މިވަނީ ކުރިމަތިލާންޖެހިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން