މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހަފުތާއަކު ތިން ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން އިއްޔެ ބުނީ މިއަދުން ފެށިގެން ބޭންކުގެ ބްރާންޗްތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:30 އަށް ކަމަށެވެ.

ނަމަވެސް ހަފުތާގެ އެހެން ދުވަސްތަކުގައިވެސް އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ބީއެމްއެލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، ޗެކް ޕްރޮސެސް ކުރުން އަދި ޕޭރޯލްގެ ހިދުމަތްތައް ބޭންކުން ދޭނެއެވެ.

މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް ބީއެމްއެލުން އިލްތިމާސް ކުރެއެވެ. ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިންފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.