އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 93

އަބްދުﷲ ފާރޫގް ހަސަން

(20 މެއި ގެ އަދަދާ ގުޅޭ)

"އެހެންވީއިރު ކަލާ އަވަހަށް އެނބުރި ކިއްލާއަށް ވަޑައިގަންނަވާ! އަޅުގަނޑު އިތުރު ފަސްސަތޭކަ ސިފައިން ކަލާގެ އަރިހަށް ފޮނުވާނަން. އެބައިމީހުން މުރުސިއްޔާއާއި އަލްމަރިއްޔާއާއި އިޝްބީލިއްޔާގެ ސިފައިންނާ ގުޅިގެން ތަންކޮޅެއް ދުރުގައިހުރި ޗެކްޕޯސްޓުތައް ބަލަހައްޓާގޮތަށް ހަމަޖައްސަވާ! ވަށަވަށައިގެން މިހިރަ ފަރުބަދަތަކުގެތެރެ ބަލަހައްޓަންވެސް އަޅުގަނޑު ގެމަތަކެއް ފޮނުވާނަން. އަޅުގަނޑަށް އެނގޭ މުހާސިރާ ދިގުވުމުގެ ސަބަބުން މުލޫކުއްޠަވާއިފުންގެ ލަޝްކަރުތައްވަނީ ހިތްވަރު އެލިފައި. އެކަމަކު އެއިން އެއްވެސް ބޭފުޅަކު ދުޝްމިނުން ބައިވެރިވެވަޑައިގެން ނުބައި ރޭއްވެވުންތަކެއް ރާއްވަވާ ކަމަކަށް އަދިއެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ. سعد! ކަލާގެ މަރުކަޒުގައި ފިސާރި ހޭފުޅުލައްވައި ހުންނަވާތި! އަޅުގަނޑު ވަރަށް އަވަހަށް ކިއްލާއަށް އެންމެފަހުގެ ޙަމަލަ ދޭނަން. ދެދުވަސް ކުރީން ކަލާއަށް ޚަބަރު ފޮނުވާނަން. ޙަމަލަދޭ ދުވަހު ހުރިހާ ޗެކްޕޯސްޓުތަކެއްގައި ތިބި ސިފައިންވެސް އަނބުރައި ގެންނަން އަޅުގަނޑު ބޭނުންވާނެ. ކަލާވެސް ކަލާގެ ސިފައިންކުރެ ގިނަމީހުން މިކޮޅަށް ފޮނުއްވަންވާނެ. އެކަމަކު ކަލާ ކިއްލާގައި މަޑުކުރައްވާތި. އެއީ ވަރަށް މުހިންމު ކިއްލާއެއް. އެކިއްލާ ބަލަހައްޓަން ކަލާއަށްވުރެ އެކަށީގެންވާ މީހަކު އަޅުގަނޑުގެ ވިސްނުމަކަށް ނުގެނެވޭ! ކަލާ ދެން ވަޑައިގެންނެވިޔަސް އެންމެ ރަނގަޅު!"

* * * * * * * * * * *

އިރުއަރައި ކުޑައިރުކޮޅެއްވީތަނާ ބަރުބަރީ ޖަނަރަލެއް أميـر يـوسف ގެ ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "يـا أميــر! قـاضى أبـو جـعـفـر ފޭލިގެކޮޅުގެ ބޭރުގައި އެބަހުންނެވި."

"އެކަލޭގެފާނު ވަޑައިގެންނެވީ ކޮންއިރަކު؟"

"ދެންމެއަކު."

"އެންމެ ރަނގަޅު. އެކަލޭގެފާނު ގޮވައިގެން އާދޭ!"

އޮފިސަރ ބޭރަށް ނުކުމެއްޖެއެވެ. قـاضى أبـو جـعـفـر އިރުކޮޅެއްގެފަހުން ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. أميـر يـوسف ކުރިޔަށް ވަޑައިގެން أبـو جـعـفـر އާ މުޞާފަޙާ ކުރައްވައިފައި ވިދާޅުވިއެވެ. "ކަލޭގެފާނު މިއޮތްހައި ދުވަސް ވަންދެން ބައްދަލުވެސް ނުކުރައްވައި ތިޔަ އުޅުއްވީ ކޮންތަނަކުތޯ؟"

قـاضى أبـو جـعـفـر ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު އެނބުރި މިއައީ އަދަމެވެ ކިޔޭ ރަށުގެ ދޮރޯށީގައި ޓަކިދީފައި!"

"ތިޔަ ވިދާޅުވި އެއްޗެއް ނުވިސްނުނު!"

"އަޅުގަނޑު ޣަރުނާޠާއަށް ދިޔުމާއެކު އަޅުގަނޑު ހައްޔަރުކޮށްފި."

"އެކަމަކު ކަލޭގެފާނު ހައްޔަރުވެވަޑައިގެންނެވިކަމެއް އަޅުގަނޑު ނުދެނެހުރީން. عبــدالمنـعـــم ވެސް ތިޔަކަހަލަ ވާހަކަފުޅެއް ވިދާޅެއްނުވޭ!"

قـاضى أبـو جـعـفـر ވިދާޅުވިއެވެ. "عبــدالمنـعـــم ގެ ޙަޔާތްޕުޅުގެ އެތައް އަހަރުތަކެއްވަނީ ޖަލުގައި ހޭދަކުރައްވައިފައި. އެކަމަކު އޭނާގެ އަނބިކަނބަލުންނަށާއި ބޭފުޅުންނަށްވެސް އޭނާއަށް ވީނުވީގޮތެއް އެނގިވަޑައެއް ނުގަންނަވާ. މިތާނގެ ވެރީން އެބޭފުޅުންގެ ހައްޔަރީންނާއި އެބޭފުޅުންގެ ޤައިދީންގެ އަޑު ޤައިދުޚާނާގެ ބޭރުން އެއްވެސް މީހެއްގެ ކަންފަތާ ހަމަޔަށް ފޯރިޔަނުދެއްވަން ވަރަށް ވަރުގަދަޔަށް ފިޔަވަޅު އަޅުއްވާނެ.

އަޅުގަނޑު ޣަރުނާޠާއަށް ދިޔައީ ޤުރުޠުބާގައި އޮތް ޢިލްމުވެރީންގެ ބައްދަލުވެވަޑައިގެންނެވުމެއް ނިންމައިފައި. އަޅުގަނޑު ދެދުވަހަކަށްވުރެ އިތުރަށް ރަށުގައި ހުންނާކަށެއް ގަސްދުކޮށްފައެއްވެސް ނެތް. އެކަމަކު އަޅުގަނޑު ރަށަށްދިޔަ ދުވަހުގެރޭ ގޭގެ ކައިރީގައިހުރި މިސްކިތަކުން ޢިޝާނަމާދު ކޮށްގެން ގެއަށްދަނިކޮށް މަގުމަތީން އަޅުގަނޑު ހައްޔަރުކޮށްފި."

"ކަލޭގެފާނު ހައްޔަރުކުރީ أميـر عبد اللّـه ގެ އަމުރުފުޅަށްތޯ؟"

"އާދެ. އޭނާ ވަނީ އަޅުގަނޑު ޤަތުލުކުރާން އަމުރު ކުރައްވައިފައި. އަޅުގަނޑު ސަލާމަތްވީ އޭނާގެ މަންމާފުޅު މައްސަލައިގެ ތެރެޔަށް ވެދެވަޑައިގެންނެވުމުގެ ސަބަބުން."

"ކަލޭގެފާނު ޖަލުގައި ހުންނެވީ ކިހައި ދުވަހަކުތޯ؟"

"ދެމަހާއިބައި ވަންދެން."

"އަޅުގަނޑު މަނިކުފާނުގެ އަރިހަށް މިއައީ އިޝްބީލިއްޔާއާއި، ބިޠުލިޔޫސާއި ޤުރުޠުބާއާއި އެނޫންވެސް ބައެއް ރަށްރަށުގައި ބުރެއް ޖަހައިފައި. އަޅުގަނޑު ވަނީ އެރަށްރަށުގެ އެންމެ ބޮޑެތި ޢިލްމުވެރީންނާ ބައްދަލުކޮށްފައި. މިހާރު ޙާލަތު ނިޔާކުރާގޮތުން މުލޫކުއްޠަވާއިފުންގެ ކިބައިން އަންދަލުސު ސަލާމަތްކުރެއްވުމަކީ މަނިކުފާނުގެ ވާޖިބެއްކަމުގައި އަޅުގަނޑު ދައްކަމުން އަންނަ ވާހަކަޔަށް އެބޭފުޅުން ތާއީދުކުރައްވާ." أبـو جـعـفـر އެހެން ވިދާޅުވެފައި އެކަލޭގެފާނުގެ ޖީބުފުޅުން ކަރުދާހެއް ނަންގަވައިފިއެވެ. އެކަރުދާސް އަތްޕުޅަށް އަރުއްވަމުން أميـر يـوسف ގެ އަރިހުގައި ވިދާޅުވިއެވެ. "ބައްލަވާ! މިއީ ފަސްދޮޅަސް ޢިލްމުވެރިޔެއްގެ ފަތުވާ. އެބޭފުޅުންގެ ޢިލްމުވެރިކަމާއި ޢިލްމީ މަޢުލޫމާތުގެ މުއްސަނދިފުޅުކަމާއި ޒާހިދުކަމާއި ތަޤުވާވެރިކަމާމެދު އަންދަލުސުގެ ދެން ތިއްބެވި ޢިލްމުވެރީންގެ ބަސްފުޅު ހުރިގޮތުގެ ފަތުވާވެސް މާލަހެއްނުވެ މަނިކުފާނުގެ އަރިހަށް އަތުވެދާނެ. މީގެއިތުރަށް މި ފަތުވާއާމެދު އިސްލާމީ ދުނިޔޭގެ އެންމެ އަރައިތިއްބެވި ޢާލިމުންނާއި ފަޤީހުންގެ ޚިޔާލުފުޅު އޮޅުންފިލުއްވަންވެސް އަންދަލުސުގެ ޢާލިމުންކުރެ ޖަމާޢަތެއްގެ ބޭކަލުންވަނީ މުރާކިޝަށާއި މިޞުރަށާއި ޝާމަށާއި ޢަރަބިކަރަޔަށް ވަޑައިގެންފައި. އަޅުގަނޑުމެން އެބޭކަލުން ފޮނުވީ ޤުރުޠުބާގެ އެއްވުމަށްފަހު. މުރާކިޝްގެ ޢިލްމުވެރީންނާ ބެހޭގޮތުން މިހާރުވެސް ވަނީ އެބޭކަލުން އަޅުގަނޑުމެންގެ ފަތުވާއާ އެއްބަސްވެވަޑައިގަންނަވާކަމުގެ ޚަބަރު ލިބިފައި."

أميـر يـوسف އެކަރުދާސް އަނބުރައި أبـو جـعـفـر ގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "ކަލޭގެފާނު ތިޔަ ވަގުތު ނަންގަވައިލެއްވީ ކުޑަވެސް ފައިދާއެއްނެތް މަސައްކަތްޕުޅެއްގައި. އަޅުގަނޑު މީގެކުރީންވެސް ކަލޭގެފާނަށް ދެންނެވީން. އަޅުގަނޑު އަންދަލުސަށް އައީ ދައުލަތް ފުޅާކޮށް ރަށްރަށް ހިފުމުގެ ދަހިވެތިކަމުގައެއް ނޫނޭ. ޢީސާއީންގެ ނުރައްކަލުން އަންދަލުސު ސަލާމަތްވާއިރަށް އަޅުގަނޑު އެނބުރި މުރާކިޝަށް ހިނގައިދާނެ ވާހަކަ ތަރުކާރުކޮށް މިގެންދަނީ އިޢުލާނު ކުރަމުން. ޠަވާއިފުލްމުލޫކުންގެ ކިބައިގައި އެތައްހާސް އުނިކަމެއް އެބަހުރިކަމުގެ ޙަޤީޤަތަށް އަޅުގަނޑުވެސް އިޢުތިރާފުވަން. އެކަމަކު އޭގެ މާނަޔަކީ އަޅުގަނޑު ފަތުވާތަކަކުން ބާރު ހޯދައިގެން އަޅުގަނޑުގެ ވަޢުދާ ޚިލާފުވުމެއް ނޫން. ޙިސްނުއްލައިޠު ފަތަޙަވުމުން އަންދަލުސުގައި އަޅުގަނޑުގެ މަސައްކަތް ނިމުނީ. އަޅުގަނޑު މިފަހަރު އަންދަލުސަށް އައި މަޤުޞަދު ހާސިލުވީ. އެހައިތަނުން މުލޫކުއްޠަވާއިފުން އިޞްލާޙު ކުރެއްވުމަކީ ނުވަތަ އެބޭފުޅުން އިޞްލާޙުވެވަޑައިނުގެންފިކަމުގައިވާނަމަ އިޚުތިޔާރުތަކުން ދުރުކުރެއްވުމަކީ ތިޔަބޭކަލުންގެ ކަމެއް."

قـاضى أبـو جـعـفـر ވިދާޅުވިއެވެ. "ރައްދު ނުކުރެވޭފަދަ ޙަޤީޤަތްތަކެއްގެ އަލީގައި އަޅުގަނޑުމެން ފަތުވާ ދީފައިވަނީ އަންދަލުސުގެ ރަސްރަސްކަލުން ޢަމަލީގޮތުން އިސްލާމްދީނުން ބޭރުވެވަޑައިގެންފައިވާކަމަށް. ޣައިރު އިސްލާމީ ވާރުތައް ނެންގެވުން ހުއްޓައިލައްވާކަށެއްވެސް އެބޭފުޅުން ބޭނުންފުޅެއް ނުވޭ. އިސްލާމްދީނާ ޚިލާފު ޤާނޫނުތައްވެސް އުވައެއް ނުލައްވާ. އެބޭފުޅުންގެ ޢައްޔާޝީ ކަންކަމަށް ފައިސާ ހޯއްދެވުމަށްޓަކައި ވަނީ އިސްލާމްދީން އެއްގޮތަކަށްވެސް ހުއްދަ ނުކުރާ ވާރުގެ އެތައް ވައްތަރެއް މާތް اللّـه ގެ އަޅުތަކުންގެ އަތުން މަޖުބޫރުން ނަންގަވަން ފައްޓަވައިފައި. އަޚުލާޤީ ހައިސިއްޔަތުން ބެލިކަމުގައިވިޔަސް އެބޭފުޅުންނަކީ މުސްލިމުން އެއްކިބައިގައި އޮއްވައި އިންސާނުންނެވެ ބުނެވޭފަދަވެސް ބައެއް ނޫން. ދުޝްމިނުންގެ ކަނޑިތައް އެބޭފުޅުންގެ އިސްތަށިފުޅުމަތީން ފެނިވަޑައިގެންނެވުމުން އެބޭފުޅުން އަންދަލުސުގެ ޢިލްމުވެރީންނާއި އާއްމުންނާއި އެފުރިކާގެ މުޖާހިދުންގެ އެހީއަށް އެދިވަޑައިގެން ޔޯތް ގޮވައިލައްވާން ފެއްޓެވީ. އިސްލާމްދީނަށް ނުރައްކާވެއްޖެކަމަށް ވިދާޅުވެ ކިނބޫ ކަރުނަ އަޅުއްވާން ފެއްޓެވީ. އެކަމަކު ޒަލާޤާގެ ފަތަޙައަށްފަހު ނުރައްކަލުން ސަލާމަތްވެވަޑައިގެންނެވިއްޖެކަމަށް އިޙުސާސުވެވަޑައިގެންނެވުމާއެކު އެބޭފުޅުން އެންމެބޮޑަށް ހީވާގިފުޅުވެ ވަޑައިގެންނެވީ އަންދަލުސުގައި އިސްލާމީ ނިޒާމުގެ ސަރުކާރެއް އުފައްދާން ގޮވައިލާ މީހުން އަންދަލުސުގެ ކަންކޮޅުތަކުން ހޮވައިލައްވައި ހިފައި ހައްޔަރުކުރައްވައި ޖަލުތަކަށް ކޮއްޕައިލައްވަން. ޒަލާޤާގެ ހަނގުރާމަ ކުރެވުނީ މަތިވެރި މަޤުޞަދަކަށްޓަކައި. އެކަމަކު އެބޭފުޅުންގެ މަސައްކަތްޕުޅަކީ ޒަލާޤާގެ ޝަހީދުންގެ މަހާނަފުޅުތަކުގެ މަތީގައި ތިއްބަވައިގެން ރާފޮދު ހިއްޕެވުން. އަނެއްކާ ޙިޞްނުއްލައިޠުން ހަލާކާއި ސުންނާފަތިކުރުމުގެ އަލިފާންގަނޑުގެ ހުޅު އަރާންފެށުމުން "އޭތް. ޔޯތް. އަލިފާނޯތް." ގޮވައިލައްވާން ފައްޓަވައިފި. ސަލާމަތަށް އެދިވަޑައިގެން މަނިކުފާނާ ދިމާޔަށް އަތްޕުޅު ދިއްކުރައްވާން ފައްޓަވައިފި. އެއީވެސް އެބޭފުޅުންގެ ނުބައި ޢަމަލުފުޅުތަކުން ތައުބާވެވަޑައިގަންނަވައިގެންނަކުން ނޫން. އަދި ކީއްތޯ؟ އެބޭފުޅުންގެ ފާފަތަކުގެ ސަބަބުން އަންދަލުސުގެ އާއްމުންގެ ލޯތައް ހުޅުވިފައިވާތީ. މަނިކުފާނަށް އެނގިވަޑައިގެންފައިނެތި ހިނގައިދާނެ. މުލޫކުއްޠަވާއިފުން މަނިކުފާނު އަންދަލުސަށް ވަޑައިގެންނެވުމަށް ދަޢުވަތު ނޭރުވިނަމަ އަންދަލުސުގެ ކޮންމެ ރަށަކާއި ކޮންމެ އަވަށަކުން މަނިކުފާނުގެ އަރިހަށް އާއްމުންގެ ވަފުދުތައް ދިޔައީސް. އާއްމުން ދަނޭ މަނިކުފާނު އެބައިމީހުންގެ ދަޢުވަތު ރައްދު ނުކުރައްވާނެކަން. މުލޫކުއްޠަވާއިފުންގެ ނަޒަރުގައި އާއްމުން އެރުވި ދަޢުވަތަކަށް މަނިކުފާނު އަންދަލުސަށް ވަޑައިގެންނެވުމަކީ އެބޭފުޅުންނަށް ކުރިމަތިވާނެ ނުރައްކަލެއް. އެހެންކަމުން އެބޭފުޅުން ކުރީބައިގައި މަނިކުފާނުގެ އަރިހަށް معـتـمـد ފޮނުއްވީ. ޙިޞްނުއްލައިޠު މިހާތަނަށް ފަތަޙަ ނުކުރެވިވަނީ އެބޭފުޅުންގެ އެތެރެފުށުގެ ނުބައިކަމުން. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މަނިކުފާނަށް. އެބޭފުޅުންގެ އިސްތަށިފުޅުގައި އަޅުގަނޑުމެން މިއަޅުވާ ހުރިހައި އިލްޒާމުތަކެއް ޙަޤީޤަތާ ޚިލާފު ކަމުގައިވިޔަސް އެބޭފުޅުން ހަނގުރާމައިގެ މައިދާނުގައި ސާބިތުކުރެއްވި އެތެރެފުށުގެ ނުބައިކަމާއި ފިނޑިފުޅުކަމާއި މައިދާނަށް ފުރަގަސްދެއްވުމަކީ އެންމެ ބޮޑެތި އަދަބުތަކުން އަދަބު ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކުށްތަކެއް."

أميـر يـوسف ވިދާޅުވިއެވެ. "އެދުވަހުގެ ހާދިސާއިން ކަލޭގެފާނުގެ ހިތްޕުޅަށް ތިޔަވަނީ މާބޮޑަށް އަސަރުކޮށްފައި. އެކަމަކު ކަލޭގެފާނަށް އެނގިވަޑައިގެންފައިނެތި ހިނގައިދާނެ. އަޅުގަނޑު އެކަމާ އެބޭފުޅުންނާ ވަރަށް ހަރުކަށިކޮށް ވާހަކަ ދެއްކިން. އެބޭފުޅުންވަނީ ކުރިޔަށް އޮތްތާނގައި އެފަދަ ކުށެއް ތަކުރާރު ނުކުރައްވަން ވަޢުދުވެވަޑައިގެންފައި. އޭގެފަހުން އަޅުގަނޑު މިގެންދަނީ ބައެއް މަޞްލަޙަތުތަކަށްޓަކައި ގަސްދުގައި ޙިޞްނުއްލައިޠުގެ މުހާސިރާ ދިގުދަންމަމުން. އަޅުގަނޑު ވަރަށް އަވަހަށް ކިއްލާއަށް އެންމެފަހުގެ ޙަމަލަ ދޭނަން. ކަލޭގެފާނަށް ޔަގީންފުޅުކޮށް އަރުވަން. އެބޭފުޅުން ޢަހުދާ ޚިލާފުވެވަޑައިގެންފިނަމަ އަޅުގަނޑު އެބޭފުޅުންނަކަށް މަޢާފެއް ނުކުރާނަން. އެކަމަކު އަޅުގަނޑުގެ ހިތުގައި އަންދަލުސަށް ވެރިވުމުގެ ޚިޔާލު އުފެއްދެވިދާނެކަމުގެ ކުށް ޚިޔާލުފުޅު ކަލޭގެފާނުގެ ހިތްޕުޅުން ނެރެލައްވާ."

قـاضى أبـو جـعـفـر ވިދާޅުވިއެވެ. "އިޝްބީލިއްޔާގެ ރަސްގެފާނާއި ޣަރުނާޠާގެ ރަސްގެފާނު އެނބުރި ވަޑައިގެންފިކަން އަޅުގަނޑު ދެނެހުރިން. އަޅުގަނޑަށް ޔަގީން ދެން ތިއްބެވި ބޭބޭފުޅުންވެސް މަޑުމަޑުން އެބޭފުޅުންގެ ބޯކޮޅު ބައްލަވައިގެން އެނބުރި ރަށަށް ވަޑައިގެންފާނެ. އަޅުގަނޑުމެންގެ ސަލާމަތާމެދު މާތް اللّـه ރުހިވޮޑިގެންވާކަމުގައިވާނަމަ އެކަލާނގެ މަނިކުފާނުގެ ޒަމީރަށް ހަމަޖެހުން ލިބިވަޑައިގަންނަވާނެ ސަބަބުތައް އުފައްދަވައިދެއްވާނެ!"

أميـر يـوسف ވިދާޅުވިއެވެ. "އެބޭފުޅުން ވަޑައިގެންނެވީ އަޅުގަނޑުގެ ގާތުން އިޒުނަ ހޯއްދަވައިގެން. އެބޭފުޅުންގެ ލަޝްކަރު މިތާނގައި އެބައޮތް. އެހެންވީއިރު އެބޭފުޅުންނާ ބެހޭގޮތުން ރައުޔެއް ޤާއިމު ކުރެއްވުމުގައި ކަލޭގެފާނު މާއަވަސްވެވަޑައިނުގަންނަވާ!"

"މި މައްސަލައިގައި އަޅުގަނޑުމެންނަށް ވަނީ ވަރަށްބޮޑު ކުށެއް ކުރެވިފައި. އެއީ އަހަރުތަކެއްގެ ތަޖުރިބާއަށްފަހު އަޅުގަނޑުމެން މުލޫކުއްޠަވާއިފުންނާމެދު ކަނޑައެޅި ރައުޔު ބަދަލުކުރުން. އެއީ އެބޭފުޅުންގެ ރީތި ނަޢުރާތަކުގެ އަސަރުގައި ޖެހެވިގެން ކުރެވުނު ކަމެއް. މަނިކުފާނު އެބޭފުޅުންގެ ހުށަހެޅުއްވުމާ ވިދިގެން އަންދަލުސުގެ ދާޚިލީ ކަންކަމާ ބެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވުމާއެކު އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރީން އެކަމާ ދެކޮޅުހަދާން ޖެހޭނެ. މިހާރު އަޅުގަނޑު މަނިކުފާނަށް އިލްތިމާސްކުރާނީ އެބޭފުޅުންނާމެދު ސަމާލުވެވަޑައިގެން ހުންނަވަން. އެންމެ ފަހުވަގުތު އެބޭފުޅުން ކެހިވެރި ޢަމަލުތަކެއް ހިންގެވުމަކީ ނުހަނު އެކަށީގެންވާ ކަމެއް. އަޅުގަނޑު އެނބުރި ދަނީ. އަޅުގަނޑު މިދަނީ އަޅުގަނޑު ދެން މަނިކުފާނުގެ ފައިންޕުޅު ދެކޭއިރު އަންދަލުސުގެ މުސްތަޤުބަލާމެދު އަޅުގަނޑުމެންގެ ޚިޔާލު އެކަކު އަނެކަކާ ތަފާތުނުވާނެކަމުގެ ޔަގީންކަމުގައި."

أميـر يـوسف ތެދުވެވަޑައިގެން قـاضى أبـو جـعـفـر އާ މުސާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެން ބައްދަލުވާއިރު މުލޫކުއްޠަވާއިފުން ތެދުމަގަށް ރުޖޫޢަވެވަޑައިގެންފައިވުން އެދިވަޑައިގެން ކަލޭގެފާނު ދުޢާ ނުކުރައްވަނީ ކީއްވެގެންތޯ؟"

قـاضى أبـو جـعـفـر ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިހާރު މުސްކުޅިވެއްޖެ. މުސްތަޙީލު ކަންކަމަށް އެދި ދުޢާކުރާހައި ހިތްވަރެއް މިހާރަކު އަޅުގަނޑުގެ ކިބަޔަކު ނެތް."

(ނުނިމޭ)