ކޮވިޑް 19 ގެ މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މަރުކަޒީ ބޭންކު އެމްއެމްއޭގެ އިއުލާނާ އެއްގޮތް ވާ ގޮތުގެ މަތީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)) އިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ މިމަހުގެ 23 އިން 27 އަށް އެ ބޭންކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި ދުވަސްތަކުގައި ބޭންކު ހުޅުވަން ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 12:30 އަށް ބެންކުން ހިދުމަތް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ. އެގޮތުން ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.

މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ ކަމަށާއި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކް ކޮށްލުމަށް ވެސް އެ ބޭންކުން އެދިފައިވެ އެވެ.

ބީއެމްއެލުން ބުނީ އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށެވެ. މީގެ އިތުރުން ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ވެސް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.