ދިރާގުން ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ނިންމައިފިއެވެ.
ދިރާގުން ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ނިންމީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް މިއަދު ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ.
މިއަދު ބޭއްވި ދިރާގުގެ 32 ވަނަ އަހަރީ އާންމު ޖަލްސާގައި 46 ހިއްސާދާރުންނާއެކު 717,373,704 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ.
ދިރާގުން ބުނީ، ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު އެ ކުންފުނީގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ކުންފުނީގެ ޖުމުލަ އާމްދަނީ އޭގެ ކުރީ އަހަރާ ބަލާއިރު 13.1 އިންސައްތަ ދަށްވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.
މިދިޔަ އަހަރު ޓެކްސް އުނިކުރުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނީ 732 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަރަހާ އަޅާބަލާއިރު 22.2 އިންސައްތަ ދަށް އަދަދެކެވެ.
ދިރާގުން ބުނީ، މިދިޔަ އަހަރު އެކުންފުނީގެ އާމްދަނީއަށް އެހާ ބޮޑު އަސަރެއް ކުރީ، ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ދިރާގުން ބުނީ، ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ މިއަހަރުގެ އަހަރީ އާއްމު ޖަލްސާއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވާ ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ. މިދިޔަ އަހަރުގެ ޑިވިޑެންޑްއަކީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ މަދު އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު