ޖޭން ހައިސްކޫލް ނިންމާފައި ކޮލެޖަށް ބަދަލު ވެއްޖެއެވެ. ކޮލެޖް ހުންނަނީ ގެއާ މާދުރު ހިސާބެއްގައި އޮންނަ ސިޓީއެއްގައެވެ. އެހެންކަމުން ކޮލެޖްގެ ކިޔެވުން ފެށެންވާއިރަށް ޖޭން ކޮލެޖްގެ ދަނާލަށް ބަދަލުވިއެވެ. މިކަމާ ޖޭން ހުންނަނީ ވަރަށް އުފަލުންނެވެ. ސަބަބަކީ، ގޭމީހުންނާއި މަންމައާއި ބައްޕަޔާ ދުރަަށް ދެވި މިނިވަންކަމާ އެކު އުޅެވޭނެތީއެވެ.

ޖޭންގެ މަންމަ ކޮންމެދުވަހަކު ވެސް، ޖޭންއަަށް ގުޅާފައި ހާލު ބަލައެވެ. ބަސްއަހައިގެން ކިޔަވައި، މޮޅުު ކުއްޖަކަށްވުމަށް ނަސޭހަތް ދެއެވެ. ޖޭން ހުންނަނީ ހިތްހަމަ ޖެހިގެންތޯއާއި ޖޭން ބޭނުންވާ އެއްވެސްކަމެއް އޮތްތޯ މަންމަ ކޮންމެ ދުވަހަކުވެސް ޖޭންއާ ސުވާލުކުރެއެވެ.

ކޮންމެ ދުވަހަކު މަންމަ ގުޅާތީ ޖޭން ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އަދި އަބަދު އެއް ވާހަކައެއް ދައްކާތީ ވެސް ޖޭން ހުންނަނީ ފޫހި ވެފައެވެ. އެހެންކަމުން މަންމަގެ ފޯންކޯލު ތަކަށް ޖަވާބު ދިނުން މަދުކުރަން ފެށިއެވެ. މިގޮތުގައި ދެތިން މަސް ފާއިތު ވެއްޖެއެވެ. މިހާރު ޖޭން އެއްގޮތަކަށްވެސް މަންމަގެ ފޯންކޯލަކަށް ޖަވާބެއް ނުދެއެވެ. އިސްކަން ދެވެނީ ރައްޓެހީންނާއި ކުޅުމާއި މަޖާކުރުމަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ފިނިމޫސުމަށް ކޮލެޖްތައް ބަންދު ވެއްޖެއެވެ. އެހެން ކުދީންނެކޭ އެއްފަދައިން ޖޭންވެސް ޗުއްޓީ ލިބުމުން ގެއަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. ޖޭންއަށް ގެއަށް ދެވުނީ ރޭގަނޑު އަށެއްޖަހައި ބޮޑުވި ފަހުންނެއެވެ. އޭރު ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. ޖޭން ވަގުތުން އޭނާގެ ބައްޕަޔަށް ގުޅިއެވެ. "ބައްޕަމެން މިތިބީ މަންމަ ގޮވައިގެން އައިސް ހޮސްޕިޓަލުގައި." ޖޭންގެ ބައްޕަ ބުންޏެވެ.

ޖޭން އަވަހަށް ޓެކްސީއަކަށް އަރައިގެން ހޮސްޕިޓަލަށް ދިޔައެވެ. މަންމަ ބާއްވާފައި އޮތް ކޮޓަރިއަށް ވަންއިރު ބައްޕައާއި އާއިލާގެ އެހެން މީހުން ވެސް މަންމަ ގާތުގައި ތިއްބެވެ. އެވަގުތު ޖޭން ފެންކަޅި ވިއެވެ. މަންމަގެ ބޮލުގެ އިސްތަށިތައް ވަނީ ފައިބައި ހުސްވެފައެވެ. މުޅި މީހާ ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަ ވެފައެވެ. ޖޭން މަޑުމަޑުން ގޮސް މަންމަގެ ގާތުގައި ހުއްޓުނެވެ. އެވަގުތު މަންމަ ލޯހުޅުވާލާފައި ޖޭންގެ އަތުގައި ހިފާލާފައި ހިނިތުން ވެލިއެވެ.

ފަހުން ބައްޕަގެ ފަރާތުން އެނގުނު ގޮތުގައި ޖޭން ކޮލެޖަށް ދިޔަތާ މަހެއްހައި ދުވަސް ފަހުން މަންމަ އަށް ކެންސަރު ޖެހިފައިވާ ކަން އެނގުނެވެ. މަންމަ ބޭނުންވީ ޖޭންއަށް އެކަން ސިއްރު ކޮށްފައި ބާއްވާށެވެ. އެކަމުގެ ސަބަބުން ޖޭންގެ ކިޔެވުމަށް އެއްވެސް އަސަރެއް ކުރާން މަންމަ ބޭނުން ނުވީއެވެ.

ޖޭންގެ ހިތަަށް އެރިއެވެ. "އަހަރެންނަކީ ކިހާ ގޯސް މީހެއް ހެއްޔެވެ. މަންމަ ބަލި ހާލުގައި އޮވެ އަހަންނަށް ގުޅަނީ އަހަރެން ހެޔޮހާލުގައި ހުރިތޯ ބެލުމަށެވެ. އެކަމަކު އަހަރެން މަންމަގެ ފޯންކޯލު ތަކަށް ޖަވާބު ދިނުން ހުއްޓާލީއެވެ. މުޅި ދުނިޔޭގައި ވެސް އަހަރެންނަށް ވުރެ ގޯސް މީހަކު ނުހުންނާނެއެވެ."

ޖެހިގެން އައި ދުވަހު ހެނދުނު ޖޭން އޭނާގެ މަންމަގެ ކިބައިން މައާފަށް އެދުނެވެ. ޖޭންގެ މަންމަ އޭނާގެ އަތުގައި ހިފައިގެން އޮވެ ބުންޏެވެ. "މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ... ދަރިފުޅު ފެނުނީމަ ވަރަށް އުފާވެއްޖެ."

މަންމަގެ ގާތުގައި ދުވަސްކޮޅަކު މަޑުކޮށްލަން ޖޭން ބޭނުންވިއެވެ. އެހެން ނަމަވެސް މަންމަ އެކަމާ އިންކާރު ކުރިއެވެ. މަންމަ ނަސޭހަތް ދިނީ ޖޭން ކޮލެޖަށް ގޮސް ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ. އަދި ކޮންމެ ދުވަހަކު އެއް ފަހަރު ޖޭންގެ އަޑު އިވެންޏާ އެންމެ ރަނގަޅު ކަމުގައި މަންމަ ބުންޏެވެ.

ޗުއްޓީ ނިމުމުން ޖޭން އަނެއްކާވެސް އެނބުރި ކޮލެޖަށް ހިނގައްޖެއެވެ. އަދި މަންމަ ޖޭންއަށް ގުޅުމުގެ ކުރީން ކޮންމެ ދުވަހަކުވެސް ޖޭން އޭނާގެ މަންމައަށް ގުޅައެވެ. ޖޭންއާ ދޭތެރޭ މާބޮޑަށް ނުވިސްނުމަށާއި، ބައްޔާ ހަނގުރާމަ ކުރުމަށް މަންމައަށް ހިތްވަރު ދެމުން ގެންދިޔައެވެ. މާތް ﷲ ގެ އިރާދަފުޅާ އެކު، މަސްތަކެއް ފަހުން ޖޭންގެ މަންމަގެ ސިއްހީ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. އަދި ޖޭން ވެސް މަންމަގެ ބަސްއަހައި ކިޔަވައިގެން މޮޅު ކުއްޖަކަށް ވިއެވެ.

އިބުރަތް؛ މައިންބަފައިންނަކީ އަބަދު ތިމާޔާ އެކު އުޅޭނެ ބައެއް ނޫނެވެ. ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް މައިންބަފައިންމަށް ވަގުތު ދޭށެވެ.

*******

ތަރުޖަމާ: އަހުމަދު މިސްބާހު މުނީރު