ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

އެކަން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް 'ވަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ، އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް މިއަދު އެދިފައިވަނީ އެކަމަށް ފުލުހުން އެދުމުން ކަމަށެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އެ އަމަރު ކްރިމިނަލް ކޯޓުން އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިއަދު ކޯޓުން ވަކި ގޮތެއް ނިންމާނެ އެވެ.

މެންބަރު އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައި މިވަނީ، އޭނާއާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށް އެ މައްސަލަ ބަލަމުންދާތީ އެވެ. އެ މައްސަލަ ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.

އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފަ އެވެ.