ރައްޔިތުންގެ މަޖިލީހުގެ އިޖުތުމާއީ ކޮމެޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވަކި ކުރުމަށް ހުށަހަޅައިފި އެވެ.

އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން އީސަ ވަކި ކުރެއްވުމަށް ހުށަހަޅާފައި މިވަނީ، އޭނާއާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށް އެ މައްސަލަ ބަލަމުންދާތީ އެވެ. އެ މައްސަލަ ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.

އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފަ އެވެ.

އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން މެންބަރު އީސަ ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވާކަން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އިޖުތިމާއީ ކޮމެޓީގައި ނައިބު މުގައްރިރަކީ، މަޑެވިލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ފިޔަވައި ދެން އެ ކޮމެޓީގައި ތިއްބަވަނީ ހުސް އެމްޑީޕީ މެންބަރުންނެވެ. މުގައްރިރު ކަމުން އީސަ ވަކި ކުރެވޭނީ ކޮމެޓީގައި ވޯޓެއް ނަގައި އަގުލަބިއްޔަތު ލިބެއްޖެ ނަމަ އެވެ.