އަމިއްލަ ހިޔާލުތަކެއްގައި އިނދެފައި އަހަރެން ރީޝަމްއަށް ބަލައިލެވުނެވެ. ބުރުގާ ކަރަށް ހެޔޮވަރުކޮށްލި ގޮތަށް އެއްބައިގައި ހިފަހައްޓައިގެން އަހަރެންނަށް އިނދެވުނީ ހުއްޓުން އަރާފައި ހުރި ރީޝަމްއަށް ބަލަހައްޓައިގެންނެވެ. ލަސްލަހުން ރީޝަމްގެ ނަޒަރު އަހަރެންނަށް ހުއްޓައިލިއެވެ. ރީޝަމްގެ ދެލޮލުގައިވީ ހާސްކަމެވެ. އޭނާގެ އެ އަޖައިބެއް ކަހަލަ ތަފާތު ބެލުމުގެ ސަބަބުން އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފިއެވެ.

"ކިހިނެއްވީ؟" އަހަރެންނަށް އަހައިލެވުނެވެ. ރީޝަމްގެ ފަރާތުން ޖަވާބެއް ނައުމުން އަހަރެންގެ ފިޔަވަޅުތައް ރީޝަމް އާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

"ކިހިނެއްވީ؟ އާލިމް ކީކޭ ބުނީ؟" އަހަރެންނަށް ރީޝަމްގެ ކޮނޑުގައި ހިފައި ތަޅުވައިގަނެވުނެވެ. ރީޝަމްގެ ދެލޮލުން ކަރުނަ ފައިބައިގަތީ އެވަގުތުއެވެ. އަހަރެންނަށް ހީވީ މޭގަނޑު އަނގައަށް އައި ހެންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަރެންގެ ސިކުނޑި އިންޒާރު ކުރަމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ ދެ ތުންފަތް ދޭތެރެއިން ވިއާންގެ ނަން ނިކުތެވެ. މާމަ ކޮޓަރިއަށް ވަނީ އަހަރެން ރީޝަމްއަށް ބަލަހައްޓައިގެން ގަނޑުވެފައި ހުއްޓައެވެ. މާމަ ހުއްޓިފައި އަހަރެމެންގެ ދެމީހުންނަށް ވަކިނ ވަކިން ނަޒަރެއް ދިނެވެ. އަހަރެން ދޫކޮށްލާފައި މާމަ ކުރިމަތިލީ ރީޝަމްއަށެވެ.

"ކިހިނެއްވީ؟ ހުރިހާކަމެއް ރަނގަޅުތަ؟" މާމަ އެހިއެވެ. ފުރިގެން ބަންޑުންވަމުން ދިޔަ ކަރުނަތަކާއެކު ރީޝަމް މާމައަށް ބަލައިލިއެވެ.

"ކް...ކޮށާ...ކޮށާލައިފި. ވިއާން ގަޔަށް ވަޅި ހަރައިފި" ރީޝަމް މަޑުމަޑުން ބުނެލިއެވެ. އެހިނދު އަހަރެންނަށް ހީވީ އަހަރެންގެ އެތެރެހަށީގައި ދައުރުވަމުން ދިޔަ ލޭ ގެ ހަރަކާތް ހުއްޓުނު ހެންނެވެ. ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ހަށިގަނޑުގެ ވަރުދޫވެ އަރިއަޅައިލި ވަގުތު އަހަރެންގެ އެއް އަތުގައި މާމަ ހިފެހެއްޓިއެވެ. އަހަރެން ފަދައިން ކޮޓަރި ދޮރުމަތީގައި ގަނޑުވެފައި ހުރި މަންމަ އަހަރެންނަށް ފެނުނީ މާ ފަހުންނެވެ.

"ކޮބާ މިހާރު؟" މާމަ އެހިއެވެ.

"އާލިމް ބުނީ ވަރަށް އަވަހަށް ހޮސްޕިޓަލަށް އަންނާށޭ" ރީޝަމް ބުންޏެވެ. މާމަ ހިނގައިގަތެވެ. މަންމަ ކުރިމަތީގައި ހުއްޓިފައި މަންމަގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

"ރީޝަމް، ދަރިފުޅު މަލް ގޮވައިގެން އާދޭ" މާމަ ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އެ ހަބަރު އިވިގެން މާމައަށް އެއްވެސް އަސަރެއް ނުކުރިއެވެ. މާމަގެ އިހުސާސުގެ ބައި ނެތީބާވައޭ ހިތަށް އެރިއެވެ.

"ހިނގާ ދާން. ބުރުގާ އަޅައިގެންތަ ދާނީ" ރީޝަމް އަހަރެންނަށް ބަލައިލަމުން ބުނެލިއެވެ.

"އަހަރެން ބުރުގާ މިއެޅީ އަހަރެންގެ ކައިވެންޏަށް. މިރޭ މި ކައިވެނި ނުކުރެވުނަސް އަހަރެން ވިއާންގެ ކުރިމައްޗަށް އަރަން ބޭނުންވަނީ މި ހެދުމުގަ ބުރުގާ އަޅައިގެން" އަހަރެން ބުނީމެވެ. ރީޝަމްގެ ހަރަކާތްތައް އަވަހެވެ. އަހަރެން ބުރުގާ އަޅުވަމުން ދިޔައީ ނުލާހިކު ފަރިތަކަމާއެކުގައެވެ. އިރުކޮޅަކާ ނޭފަތް ދަމާލާ ކަރުނަ ފޮހެލާތަން އަހަރެންނަށް ފެނެއެވެ.

"އާލިމް ބުނީ އައިޖީއެމްއެޗް ކައިރީގައި ހުރި ފާމަސީ އިން އެދެމީހުން ނިކުތްތަނާ ދެ ސައިކަލުގައި ދިޔަ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށް" ރީޝަމް ބުނެލިއެވެ. އަހަރެންގެ ދެލޮލުން ތާޒާ ކަރުނަތައް ފައިބައިގަތެވެ.

"ކަރަށް ވަޅި ހެރީ. ހިނގާ ދާން" ރީޝަމް ބުނެލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ އަބާޔާ އުފުލައިލަމުން އަހަރެންނަށް ދޮރާ ދިމާލަށް ދުއްވައިގަނެވުނެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްކުރަން އަހަރެން ބޭނުމެއް ނުވިއެވެ. މަގުމައްޗަށް ނިކުތްއިރު އަހަރެންގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ.

ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ޓެކްސީ ޑްރައިވަރު ވެސް އަހަރެން ރޯވަރުން ސުވާލު ކުރިއެވެ. އެމީހާއަށް ވެސް އަހަރެންނަށް ޖަވާބެއް ނުދެވުނެވެ.

"އެހެންތަ. އެސޮރު ކައިވެނިކުރަން އޮތް ވަގުތަށް މީހަކު ވަޅި ހަރާނީ ކޮންމެވެސް މީހަކު ރާވައިގެން ކަމަށް ވާނީ" ޑްރައިވަރު އެހެން ބުނި ވަގުތު އެންމެ ފުރަތަމަވެސް އަހަރެން ހިތަށް އައިސް ވަނީ ޒިޔާންގެ ނަމެވެ. ވިއާނަކީ އެއްވެސް މީހަކާ ޒާތީ މައްސަލައެއް އޮތް މީހެއް ނޫނެވެ. މީހަކަށް ނަފްރަތެއް ވާނެ މީހެއްވެސް ނޫނެވެ. މީހަކަށް ދެރައެއްދޭން ހިތަށްވެސް އަރާނެ މީހެއް ނޫނެވެ. ވިއާނަށް މަރުގެ ހަމަލާއެއް ދޭނީ ޒިޔާން ނޫން އެހެން އިންސާނެއް ނޫނެވެ. އެކަމަކު ޒިޔާން ހުރީ ޖަލުގައެވެ. އެއީ ޒިޔާނަށް ނުވާނެއެވެ. ދެން ކާކު ހެއްޔެވެ؟

ނުބައި ވިސްނުންތަކުން އަހަރެންގެ ހިތުގައި ވަސްވާސް އުފައްދަމުން ދާވަރަކަށް އަހަރެންގެ ކަރުނަތައް އިތުރުވަމުން ދިޔައެވެ. ޓެކްސީ ދުވަނީ ފަހަތަށް ހެން ހީވާން ފަށައިފިއެވެ. ޑްރައިވަރާ ދިމާލަށް އަހަރެންނަށް ހަޅޭއްލަވައި ގަނެވުނީ ބޭއިހްތިޔާރުގައެވެ. ދެރަވެސް ވިއެވެ. ހޮސްޕިޓަލު ކައިރިއަށް ޓެކްސީ މަޑުކުރުމުން އަހަރެން ފައިބާފައި ވެސް އަލުން ކާރު ދޮރުހުޅުވާލާފައި ޑްރައިވަރުގެ ކިބައިން މަޢާފަށްއެދުނީމެވެ.

އެމެޖެންސީ ރޫމު ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން މަންމަ ބޯ ލައްކޮށްލައިގެން އިނީ މާމަގެ ބަނޑާ ހަމައިގައެވެ. މަންމަ ރޮނީއެވެ. މާމަ ހުރީ މަންމަގެ ބޮލުގައި ފިރުމާށެވެ. ފާރުގައި ލެގިލައިގެން ހުރި އާލިމް ފެނުމާއެކު ރީޝަމް ދުވެފައި ގޮސް އާލިމް ކައިރީގައި ހުއްޓިއްޖެއެވެ. އަހަރެންގެ ކައިވެންޏަށް ހާއްސަކޮށްގެން އާލިމް ލައިގެން ހުރި ހުދކުލައިގެ ގަމީހުން ހުދު އެންމެ ތަންކޮޅެއްވެސް ފެންނަން ނެތެވެ. އާލިމް ވަނީ ލެއިން ތަތްތެޅިފައެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން ގޮސް އަހަރެން ހުއްޓުނީ ރީޝަމް ކައިރީގައެވެ.

"ވަރަށް ސަކަރާތް. ހެއެއް ނެތް. ވެންޓިލޭޓަރަށް މިހާރު ލައިފި" އާލިމް ބުނެލިއެވެ. އާލިމްގެ އަޑުވެސް ވަނީ ކުރެހިފައެވެ. އޭނާގެ ދެލޮލުން ކަރުނައެއް އަހަރެންނަށް ފެނުނެވެ.

"އަހަރެންނަށް ވަދެވޭނެތަ؟" އަހަރެން އެހީމެވެ. އާލިމް ދެފަރާތަށް ބޯހޫރާލިއެވެ. އެކަމަކުވެސް އަހަރެން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. އަހަރެން ބޭނުންވަނީ ވިއާން ކައިރީގައި ހުންނާށެވެ.

"ދަރިފުޅާ. ކޮންކަމެއް؟ އެއްވެސް ކަމެއް ގޯހެއްނުވޭ. އަހަރެމެންގެ ވެރި ރައްބު އިރާދައިގައި ހުރި ކަމެއް ނޫނީ ނުވާނެ. އާނ. ވިއާނަކީ އަހަރެމެންގެ ލޭ. އާއިލާ. މާމަގެ މޭގެ އެތިކޮޅު. އެކަމަކު އަހަރެމެންގެ ހައްގެއްނޫން. އެއީ އެކަލާނގެ އަމާނާތެއް. ދެއްވާނީވެސް އެކަލާނގެ. ގެންދަވާނީވެސް އެކަލާނގެ" މާމަ އަހަރެން ގޮވައިގެން އައިސް ބޭންދީ މަންމަ އާ ޖެހިގެން ހުރި ގޮނޑީގައެވެ. މަންމަގެ ގާތުގައި ރީޝަމް ހުއްޓެވެ.

"އެކަމަކު ވިއާން" އަހަރެންނަށް ބުނެވުނެވެ.

"ކޮންމެ އިންސާނަކަށްވެސް އަސަރުކުރާނެ. ދެން ހުއްޓާލާ. އަހަރެމެން ހެއްދެވިފަރާތުގެ މަތިން ހަނދުމަކުރޭ. ﷲއަކްބަރު" އަހަރެންގެ ބޮލުގައި މާމަ ފިރުމަމުން ދިޔައެވެ. އިރުކޮޅަކުން އަހަރެންނަށް ފެނުނީ އާލިމް ވަރަށް ބާރަށް އެމެޖެންސީ ރޫމުގެ ދޮރާ ދިމާލަށް ދިޔަ ތަނެވެ. އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. އާލިމަށް އެތެރެއަށް ނުވަދެވެނީސް ހުޅުވިގެން ދިޔަ ދޮރުން އެނދެއް ނެރެފިއެވެ. ގައިމަތީގައި އޮތް ހުދުކުލައިގެ ބެޑްޝީޓުން މުޅި ހަށިގަނޑު ނިވާވެފައި އޮތަސް އަހަރެންނަށް އަހަރެންގެ ހިތުގައި ޖަހަމުންދާ ވިންދު އޮޅުވައެއް ނުލެވޭނެއެވެ. އެއީ ވިއާންކަން އަހަރެންނަށް އިނގިއްޖެއެވެ. އެނދުގެ ދެފަރާތުގައި ތިބި ނަރުހުންނާ ޑޮކްޓަރުންގެ ހަރަކާތްތައް އަވަހެވެ. ވިއާންގެ ބޮލާ ދިމާލުގައި ހުރި އަންހެން ނަރުހެއް އޭރުވެސް ވިއާނަށް އޮކްސިޖަންދެމުން ދިޔައެވެ. ބޯދަށުގައި އޮތް ބާލީހުގައި އޮތީ ހުސްލެއެވެ. އަހަރެންގެ ކުރިމަތިން އެނދު ދުއްވާފައި ދިޔައިރު އެ އެނދުގެ ފުރޮޅު އަރަމުން އެދިޔައީ އަހަރެންގެ ހިތަށް ކަމެއް އެއިން އެއްވެސް މީހަކަށް ނޭނގޭ ކަހަލައެވެ. މާމަ މަންމަގެ އަތުލަފިިކޮށްލައިގެން ހިނގައިގަތްއިރު އަހަރެން ގޮވައިގެން އައީ ރީޝަމްއެވެ.

އައިސީޔޫ ބޭރުގައި އަހަރެން މަޑުކޮށްލައިގެން އިންއިރު އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ އައިސީޔޫގެ ދޮރަށެވެ. އެދޮރުގެ އެތެރޭގައި އަހަރެންގެ ރޫހު ވެއްޖެއެވެ. އަހަރެންގެ ހުރިހާ އުފާވެރިކަމަކާ ހިތާމައެއް ވަނީ އެދޮރުން އެތެރޭގައެވެ. އިރުކޮޅަކުން އައިސީޔޫ ތެރެއިން އާލިމް ނިކުތްތަން ފެނުނެވެ. އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. އެމޫނުގައި އެއްވެސް އަސަރެއް ނެތެވެ. އޭނާ އައިސް ހިފީ މާމަގެ އަތުގައެވެ. އަހަރެންނަށް މާމައަށް ބަލައިލެވުނެވެ. މާމަގެ މޫނުމަތިން ހިނދުކޮޅަކަށް ނުތަނަވަސްކަމެއް ފެނިލިހެން ހީވިއެވެ. ދެން ފެނުނީ މާމަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވި ތަނެވެ.

"ޑޮކްޓަރުންގެ މާބޮޑު އުންމީދެއް ނެތޭތަ ބުނީ. އެކަމަކު މި ކާއިނާތުގެ ވެރި ﷲ އަށް މާމަ އިތުބާރުކުރަން. އެފަރާތުން ފަޅި ސިކުންތަކަށްވެސް މާމަ އުންމީދު ކަނޑައެއް ނުލާނަން. ދަރިފުޅުމެންވެސް އެންމެ ފަހުވަގުތާ ހަމައަށް އުންމީދު ދޫކޮށްނުލާތި" މާމަ ވާހަކަދެއްކިއެވެ.

"ޑޮކްޓަރުން ބުނީ ހަށިގަނޑުގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރިކަމަށް. ލޭ ހޯދަން ބުނެފި. ސާޅީސްއަށްގަޑައިރު ފަހުން ހޭނާރައިފިއްޔާ ދެން ކުރެވޭނެކަމެއް ނެތޭ" އާލިމް ވާހަކަދެއްކިއެވެ.

"ހެހެހެ. އެބޭފުޅުން ދެއްވާނީ ފަރުވާ. ޝިފާ ދެއްވާނީ އެހެން ފަރާތަކުން. އަވަހަށް ދޭ ލޭ ކަންތައް ހަމަޖައްސަން" މާމަ ބުނެލިއެވެ.

އާލިމް ދިޔަ ދިމާލަށް ބަލަން ހުރެފައި އަހަރެން ގޮސް ހުއްޓުނީ ގަބުވެފައި ހުރި މަންމަގެ ކުރިމަތީގައެވެ. މަންމަ އަހަރެންގެ ގައިގައި ބައްދައިގަތެވެ. މިހުރިހާއިރު އަހަރެންނާ ކުރިމަތިނުލާން މަންމަ ހުރި ކަހަލައެވެ. އަހަރެންނަށްވެސް މަންމަގެ ގައިގައި އަތް ވަށައިލެވުނެވެ.

"ޒިޔާން ޖަލުން ދޫކޮށްލައިފި. މިކަމަކީ ޒިޔާންގެ އަމަލެއް" މަންމަ ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. މާކުރިންވެސް އެއީ ޒިޔާންގެ އަމަލެއްކަން އަހަރެންނަށް އިނގުނެވެ. އެކަމަކު އެހާ އަވަހަށް ޒިޔާން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟

ސިކުންތަކަށްފަހު ސިކުންތެއް ގަޑިއަކަށްފަހު ގަޑިއެއް ފާއިތުވަމުން ދިޔައެވެ. ޒިޔާނަށްޓަކައި އޮފީހުން ޗުއްޓީއެއް ނަގައިގެން ހުރި އާލިމް ހޮސްޕިޓަލުގައި މަޑުކޮށްފައި އަންހެނުންތައް ގެއަށް ފޮނުވައިލިއެވެ. އެކަަކު އަނެކަކުގެ ދުލުން ބަސްމަދުވެފައި ތިބި މަންމަ އާ އަހަރެން ސޯފާއަށް ވެއްޓިގަނެވުނީ ގޮތްހުސްވެފައިވާ ހާލުގައެވެ. އަހަރެންނާ ޖެހިގެން ރީޝަމް އިށީނެވެ.

"ވަރަށް ލަސްވެއްޖެ. އަހަރެން ގެއަށް ދާންޖެހޭނެ. ދަންވަރު ހޭލެވިއްޖިއްޔާ ރީކް ވަރަށް ރޯނެ. ﷲ އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނާ ރީކް މަންމަގެ ގެއަށް ލާފައި އަހަރެން އަންނާނަން" ރީޝަމް އަހަރެންގެ އަތުގައި ހިފައިލާފައި ބުނެލިއެވެ. އަހަރެންނަށް ރީޝަމްއަށް ބަލައިލެވުނެވެ. ރީޝަމް ގެއަށް ދާން އަހަރެން ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އަހަރެންނަށް ރީޝަމްގެ އެ އުޒުރުު ގަބޫލުކުރެވެއެވެ.

"މަލް ހީނުކުރައްޗެ މަލް އަހަރެންނަށް އެންމެ ބޭނުންވި ވަގުތު އަހަރެން ދުރަށްދަނީއޭ. އެހެނެއްނޫން. އަހަރެން އަބަދުވެސް ހުންނާނަން މަލް ކައިރީގަ. އެކަަމަކު މިވަގުތަށް މަޖުބޫރު" އަހަރެންގެ ލޯކައިރި ފޮހެލަމުން ރީޝަމް ބުނެލިއެވެ. އަހަރެންނަށް ރީޝަމްގެ ގައިގައި ބައްދައިލެވުނެވެ. މިހުރިހާއިރު އަހަރެންގެ އެންމެ ކައިރީގައި ހުރިކަމަށްޓަކައި ޝުކުރުއަދާކުރީމެވެ.

ރީޝަމް ގޮސް ގޭތެރެ ހިމޭންވުމާއެކު އަހަރެންގެ ފިކުރުތައް ވިއާންގެ ހަނދާންތަކާ ގުޅިއްޖެއެވެ. މާމަ މަންމައަށް ކާއެއްޗެއް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެމަންޒަރު ބަލަން އަހަރެން ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

"އެތައް ތަކުލީފުތަކަކާއެކު އަމިއްލަ ބަނޑުން އުފަންކުރި ދަރިއަކު ދިރިއުޅުމާ މަރާ މެދު ހަނގުރާމަ ކުރަމުންދާއިރު މި މައިމީހާގެ އަރުން އެތެރެއަށް އެއްޗެއް ދާނެތަ؟ ތި ފެންތަށި ބޯލެވިދާނެ. އެކަމަކު ހުރިހާ ފެނެއް ދާނީ ބޭރަށް" މަންމަ ވާހަކަދައްކަމުން ދިޔައެވެ. ދެލޯ މަރާލައިގެން ސޯފާގައި ބޯ ލައްކޮށްލައިގެން އިނަސް މަންމަގެ ވޭނުން ފުރިގެންވި އެ ބަސްތައް އަހަރެންނަށް އިވުނެވެ.

"އެދަރިފުޅުގެ ލޯބި އަހަރެންނަށް ލިބުނުތާ އަދި ސައުވީސް ގަޑިއިރު ނުވޭ. ކުޑަހިނދުކޮޅެއްގެ ލޯބި ދީފައި އެފުންމާލީ މަރުގެ ތުންފަތް މައްޗަށް" މަންމަގެ ގިސްލުމުގެ އަޑު ކެނޑިގެން ނުދެއެވެ. އަހަރެންގެ ހިތަށް ވަމުންދިޔަ ތަދު ދިޔައީ އިތުރުވަމުންނެވެ. އެންމެފަހުން އިންތަނުން ތެދުވެގެން މަންމަމެންނާ ދުރަށް ހިނގައިގަތީމެވެ. އިސްއުފުލައިލި ވަގުތު އަހރެންގެ ނަޒަރު ގޮސް ހުއްޓުނީ އަހަރެންނާ ވިއާންގެ ކައިވެނި ކުރުވުމަށް ތައްޔާރުކޮށްފައި ހުރި ބޮޑު މޭޒެވެ. ކައިވެނީގެ މަޖިލީހުގައި ކޮންމެހެން ބައިވެރިވާންޖެހޭ އަދަދަށް ގޮނޑި ޖަހާފައި އެހުރިގޮތަށް ހުއްޓެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް މޭޒު ކައިރީގައި ހުއްޓެވިއްޖެއެވެ. އެތެރެހަށީގައި ކެކިއަރަމުން ދިޔަ އިހުސާސްތައް ހިފަހައްޓަން އަހަރެން ކުރި މަސައްކަތްތައް އެވަގުތު ބޭކާރުވެގެން ދިޔައެވެ. ދެތުންފަތް ފޫއަޅުވާލާފައި އަހަރެންގެ ރުއިމުގެ އަޑު ބޭރަށްް ނިކުތެވެ. ހިތުގައިވި ޝަކުވާތައް ދުވާ ހަމައަށް އަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ.

"ދަރިފުޅުމެންނޭ. މާތްކަލާކޮ. މިއަޅާގެ ދަރިންނަށް ކެތްތެރިކަމާ ހިތްވަރު ދެއްވާށި" މޭޒު ބުޑުގައި އަހަރެން ރޯން އިންދާ މާމަ އައިސް އަހަރެން ނަގައިފިއެވެ، އަތުލަފިކޮށްލައިގެން ގެންގޮސް ބޭންދީ ސޯފަގައި އިން މަންމަ ކައިރީގައެވެ.

"މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ދަރިންނޭ. ތި ރޯ ރުއިންތައް ހުއްޓާލާ. އިންސާނުންގެ ހަޔާތަށް އުފާވެރިކަމާ ހިތްދަތިކަން މިންވަރކުރައްވަވާ އޯގާވަންތަ އިލާހަށް އިތުބާރުކުރޭ. އެކަލާނގެ އިރާދަފުޅުގައި ހުރިކަމެއް ނޫނިއްޔާ ނުވާނެ. ކޮންކަމަކާ ތިހާސްވެ ކަންބޮޑުވަނީ" މާމަގެ އޯގާތެރި ބަސްތައް އިވިގެން ދިޔައެވެ.

"މަންމާ، އަހަރެންގެ ދަރިފުޅުގެ ހަށިގަނޑަށް ގުޅާފައިވާ އެ ހޮޅިތަކާ ނަރުތައް ފެނުމުން އަހަރެންގެ ލަގޮނޑިއަށް ހާދަ ބާރެއް ކުރިއޭ. އެކުއްޖާ އެހާލުގައި އޮންނަތަން ބަލާކަށް އަހަރެންނަށް ކެތެއްނުވާނެ. މިއީ އަހަރެންގެ ފަރުވާކުޑަކަން. ޒިޔާނަށް އެއީ އެނާގެ ބޭބެކަން ކުރިން އަންގައިދެވުނުނަމަ" މަންމަ ގިސްލާފައި ކިޔަމުން ދިޔައެވެ.

"ތިކަހަލަ ކުފުރުގެ ބަސްތައް ދުލުން ބޭރުނުކުރޭ. ހިތްތަކަށް ހިތްހަމަޖެހުން ލިބިގެންވަނީ އެކަލާނގެ މަތިން ހަނދުމަކުރީމަ. ހިނގާ ކޮޓަރިއަށް ގޮސް ނަމާދުކޮށްލަން. މަލްވެސް މިރޭ އޮންނާނީ މާމަ ކައިރީގައި. މުސީބާތުގެ ވަގުތުގައި ރޮއެ، އަޑުގަދަ ކުރުމެއް ނޯވޭ" މަންމަގެ ބުރަކަށީގައި ފިރުމަމުން މާމަ ވާހަކަދެއްކިއެވެ. ދެލޮލުން ކަރުނަ ހުސްނުވާ ހާލުގައި މާމަ ބުނި ފަދައިން ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ގޭ ދޮރު ބެލްއަޅައިލި އަޑު އިވުނެވެ. ދޮރާ ދިމާލަށް ބަލައިލެވުނީ ހުރިހާ މީހުންނަށް އެއްކޮށެވެ. ދަންވަރުގެ އެވަގުތު ގެއަށް އައީ ކާކުބާއޭ ހިތަށް އެރިއެވެ. އެކަކަށްވެސް ގުޑާލަން ނުކެރިފައި ތިއްބާ ދޮރާ ދިމާލަށް ހިނގައިގަތީ މާމައެވެ. ހުޅުވިގެންދިޔަ ދޮރުން ބޭރުގައި ތިބި ފުލުހުންގެ ޓިމެއް ފެނިފައި އަހަރެން ހާސްވިއެވެ. އެމީހުން ގޭތެރެއަށް ފިޔަވަޅެއް އެޅީ މާމަގެ ހުއްދަ ލިބިގެންނެވެ.

ފަތިސްނަމާދުގެ ބަންގީގެ ފުރަތަމަ ކަލިމަވެސް ކަންފަތުގައި ޖެހުނީ އަހަރެން މުސައްލަ މަތީގައި އއިންދައެވެ. މާމަ ބުނި ފަދައިން ހުޝޫއަތްތެރިކަމާއެކު އެކަލާނގެއަށް ސަޖިދައެއް ޖަހައިލެވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ބަލައިބެލުމަށް މަންމަވެސް އިނީ ހަމަޖެހިފައެވެ. ފަތިސްނަމާދުކޮށްގެން އަހަރެން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. ރޭގަނޑު އެއްކޮށް ލޮލުފިޔައެއް ޖެހިފައި ނެތަސް އަހަރެންނަށް ވަރުބަލިކަމެއް އިހުސާސެއް ނުކުރެވެއެވެ. އަހަރެން ހުރީ އިންތިހާއަށް ވިއާން ދެކިލަން ބޭނުންވެފައެވެ. ގެއިން ނިކުންނަން ދޮރާ ހަމައަށް ދިޔަތަނާ ބެލްކަނީ ގަސްތައް ކައިރީގައި ހުރި މާމަ ގޮވާލައިފިއެވެ.

"އެއްޗެއް ނުވެސް ކައިތަ ދަނީ" އަހަރެން ބަލައިލީ މާމަ ވާހަކަދެއްކި އަޑަށެވެ. ނިކުމެގެން އައިރު އެތަނުގައި މާމަ ހުރިކަމެއް އަހަރެންނަށް ނޭނގެއެވެ.

"ވަރަށް އަވަހަށް ދާންބޭނުން. އެކޮޅަށް ގޮސްފައި އެއްޗެއް ކާލާނަން" އަހަރެން އަވަސް އަވަހަށް ބުނީމެވެ. ބަނޑުހައިހޫނު ކަމުގެ އެއްވެސް އިހުސާސެއް ނުކުރެވެއޭ މާމަ ކައިރީގައި ބުނަން އަހަރެން ބޭނުމެއް ނުވެއެވެ. ބޭނުންވެފައި ހުރީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ. ގެއަށް އައީ ކޮންމެހެން އަންނަން ބޭނުންވެގެނެއް ނޫނެވެ.

އައިސީޔޫ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާލިމް ފެނުމުން އަހަރެންގެ ހިތުގައި އާލިމާ މެދު ގަދަރު އުފުލިގެން ދިޔައެވެ. ވިއާނާ އާލިމުގެ އެކުވެރިކަން އުފެދުނުތާ އަދި މާގިނަ ދުވަހެއްވެސް ނުވެއެވެ. އެހެންނަމަވެސް ވަފާތެރި އެކުވެރިންގެ ލިސްޓުން އާލިމް ޖާގަ ހޯދައިފިއެވެ. އެކުވެރިޔަކަށްޓަކައި ރޭގަނޑުގެ ނިދި ގުރުބާން ކުރާނީ ވަފާތެރިއަކު ނޫނީ ދެން ވަކި ކާކު ހެއްޔެވެ؟

"އެއްވެސް ހަބަރެއްވިތަ؟" އާލިމް ކައިރީގައި ހުއްޓިފައި އަހަރެން އެހީމެވެ. އާލިމް ދެފަރާތަށް ބޯހޫރާލިއެވެ. އަހަރެން ގޮނޑީގައި އިށީނުމުންވެސް އާލިމް ދޮރުމަތީގައި ކުރިން ހުރި ގޮތަށް ހުއްޓެވެ. ގިނައިން އަހަރެންނަށް ބެލެނީ އާލިމްގެ ހަރަކާތްތަކަށެވެ. އާލިމްގެ ދެލޮލުގައި ބަރުބަލިކަމެއް ވިއެވެ. އެހެންނަމަވެސް އެވަރުބަލިކަމަށް ހަށިގަނޑު ހުޅުވާލަން އޭނާ ބޭނުންނުވާކަހަލައެވެ.

"މަލް އެއްޗެއް ކައިގެންތަ އައީ؟" އާލިމް އެހިއެވެ. ވަގުތުގެ ގޮތުން ހޮސްޕިޓަލުގައި މީހުން މަދެވެ. ގޮނޑިބަރީގައި ތިބި ދެތިން މީހުން ނޫން އެއްވެސް މީހަކު ފެންނަން ނެތެވެ.

"ނުކަން. ބަނޑުހައެއްނުވޭ" އަހަރެން ބުނީމެވެ. އިތުރު ސުވާލެއް އާލިމް ނުކުރެއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރެފައި ހިނގައިގަނެއްޖެއެވެ. އިރުކޮޅަކުން އައިސް އަހަރެން އަތަށް ކޮފީތައްޓެއް ދީފިއެވެ.

"ސައުވީސްގަޑިއިރު ހަމަވާއިރު ކާއެއްޗެއް ނުކައި ހުރި މީހަކު ބަނޑުހައިނުވެ ނުހުންނާނެ. އަސްލު މަލް ތިއިނީ ވަރަށް ބަނޑުހައިވެފަ. ބަނޑުހައިހޫނުކަމުގެ އިހުސާސަށް ވުރެ ބޮޑަށް ތިމާގެ ހިތަށް ވޭންއަޅާ އެހެންކަމެއްގެ އުނދަގޫ އިހުސާސްވާތީ އެކަން ފާހަގަކުނުކުރެވެނީ" އާލިމް ބުންޏެވެ.

"އަސްލު ކިހިނެއްވީ؟" އަހަރެން އެހީމެވެ.

"ބޭސްފިހާރައިން ނިކުތްތަނާ މޫނު ނިވާކޮށްގެން ތިބި ދެމީހަކު އައިސް އެންމެ ފުރަތަމަ ވިއާންގެ ބުރަކައްޓަށް ވަޅި ހަރައިލީ. ހަމަ އެވަގުތު ލޭތައް ފައިބައިގަނެފި. ވިއާންގެ އަނގައިން އާހެއްގެ އަޑު އިވިނު. އަހަރެން ބުނެފިން ހިނގާށޭ ހޮސްޕިޓަލަށް. ސައިކަލަސް އަރާފައި ސްޓާޓްކޮށްލަން އުޅެނިކޮށް ފަހަތުން އައި މީހާ އެއް މިއެއް ބަލައިނުލަ އެތަންމިތަނަށް ވަޅި ހަރަން ފަށައިފި. އެމަންޒަރު ބަލަން އަހަރެން ހުރީ ޝޮކެއްގަ. އަހަރެންގެ އެއްވެސް ހިއްސެއް އެވަގުތު މަސައްކަތެއްނުކުރޭ. މީހުންތައް އައިސް ވިއާންގެ ގައިގައި ހިފައިގަތްއިރު އެއްބަޔަކު ދެ ސައިކަލް ފަހަތުންވެސް ދުއްވައިގަތްތަން ފެނުނު. މީހަކު އައިސް އަހަރެންގެ ގައިގައި ހިފައި ތަޅުވައިގަނެފައި ބުނެފި އެމްބިޔުލާންސަށް ގުޅާށޭ. އޭގެފަހުން އަހަރެންގެ ސިކުނޑި މަސައްކަތްކުރަން ފެށީ. އޭރު ވިއާން އޮތީ މީހެއްގެ އަތުތެރޭގައި ތިިރިއަށް ލޭތަކާއެކު ވެއްޓިފަ. މުޅި ތަނުގައި އޮތީ ލޭގެ ކޯރެއް ހެދިފަ" އާލިމް ކިޔައިދިން ވާހަކަތަކުން އަހަރެންގެ ދެލޮލަށް މަންޒަރުތައް ސިފަވިކަހަލައެވެ. ދެލޮލުގެ ކަރުނަވަޅަށް ކަރުނަތައް ޖަމާވެގެން ދިޔައީ އެއްވެސް އިހްތިޔާރަކާ ނުލައެވެ.

ދުވަހުގެ ބާކީ ވަގުތުތައް ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ހޮސްޕިޓަލުގައި ހުރެފައި އަހަރެން ގެއަށް އައީ ރޭގަނޑު އެގާރަ ޖަހައި ބޮޑުވިފަހުންނެވެ. ހުރިހާ ވަގުތެއްގައި އަހރެންގެ ހިޔަނި ފަދައިން ގާތުގައި ރީޝަމް ހުއްޓެވެ. މާމަގެ އޯގާތެރި ބަސްތަކުންނާ ރީޝާމްގެ ގާތްކަން އަހަރެންގެ ހިތްވަރަކަށް ވިއެވެ. ހޮސްޕިޓަލުގައި މާމަ ހުއްޓަސް ގޮނޑިބަރިން ނުފެނެއެވެ. ގިނަ ވަގުތު މަންމަ އާ އެކު މާމަ ހޭދަކުރީ މިސްކިތުގައެވެ.

ވިއާންގެ ހާލަތަށް ބަދަލެއް އައުމަށް ޑޮކްޓަރުން ދީފައިވާ ވަގުތު ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ބަދަލުނުވިއެވެ. ވިއާންގެ ހާލަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ވައަތު ފަޔަށް ވަޅި ހަރާފައި ހުރިލެއް ފުންވެފައި، ނާރުތަކަށް ގެއްލުންވެފައި ހުރުމުގެ ސަބަބުން އެފައި ބުރިކޮށްލަން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން އިންޒާރު ދީފިއެވެ. އެހަބަރު އިވުނު ހިނދު އަހަރެންގެ ދެކަންފަތް ބީރުވިނަމައޭ ހިތަށް އެރިއެވެ. ދެފަރާތަށް ބޯހޫރާން ފެށުނީ އެވަގުތުކޮޅު ބަދަލުކުރމަށް އެދެވުނު ވަރުންނެވެ.

ވިއާންގެ އެހީތެރިއަކަށް ގޮވައިލުމާއެކު އާލިމް އެދިމާލަށް ދިޔައެވެ. ގޮނޑިބަރީގައި ހުރިހާ މީހުން ހަމަޔަށް ތިބި ވަގުތެވެ. އާލިމްގެ މޫނުމައްޗަށް އައި ބަދަލުންނާ އެއް އަތުން އަނގަމައްޗާއެކު އަތުން ހަރަކާތްކޮށްލި ގޮތުން ރަނގަޅު ހަބަރެއް ނޫންކަން އަހަރެންނަށް ވިސްނުނެވެ. ގޮނޑިން ތެދުވެގޮތަށް އެދިމާލަށް އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ފަހަތުން ރީޝަމްވެސް ހިނގައިގަތެވެ.

"ވަރަށް ވަރަށް ހާލު ދެރަ. ހަށިގަނޑުގެ ބައެއް އޯގަންތަކުގެ އެއްވެސް މޫވްމަންޓެއް ނެތް. ލަންގްސް އިން ބެއްދި ހޯލްގައި އިންފެކްޝަނެއްވެސް އެބައުޅޭ. ލޭވެސް ހުރީ އަތްނުފޯރާ ހިސާބަށް މައްޗަށް ގޮސްފައި. ހުން މައިތިރިެއްނުވޭ. ޑޮކްޓަރުންގެ އުންމީދުވެސް މަޑުމަޑުން ކެނޑެމުން މިދަނީ" ޑޮކްޓަރުގެ އެ ޖުމްލަތަކާއެކު ހުރި ތަނުގައި އަހަރެންގެ ފިޔަވަޅު ތަތްވި ކަހަލައެވެ. އެވާހަކަތައް އަހަރެންގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ. މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ގޮސް ލޯމަތީގައި ކޮކާފިޔަ ބުރާލިހެން ހީވިއެވެ. ދެފައިން ވަރުދޫވެ އަރިއަޅައިލި ވަގުތު މީހަކު ހިފަހައްޓައިލިކަން އިނގުނެވެ.

(ނުނިމޭ)