ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައިގައި ވަކި ފިކުރަކަށް ބެލުމެއްނެތި ދައުލަތުގެ މުއައްސަސާތަކުން ތެދުވަން ޖެހޭ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އީސައާ ގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ.
ޝިދާތާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވައި ރައްޔިތުން ރައްކާތެރިކުރަން ތިބި އެންމެ މުހިއްމު މުއައްސަސާގެ މެންބަރެއްގެ ފަރާތުން މިފަދަ އަމަލެއް ފެންމަތިވުމަކީ ލަދުވެތި އަދި ހިތާމަ ހުރި ކަމެއް ކަމަށެވެ.
"ސިޔާސީ ފިކުރަށް ކުލަޔަކަށް ބެލުމެއްނެތި މިފަދަ ކަންކަމާ ދެކޮޅަށް ދައުލަތުގެ މުއައްސަސާތަކުން ތެދުވަން ޖެހޭ،" ޝިދާތާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަސްރާއަށް އީސަ އަނިޔާ ކުރިކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.
އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން 'ވަން' އަށް ބުނީ، އެ ދެ މީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އަދި ރޭ އިތުރަށް އެ މައްސަލަ ހޫނުވެ ދެ މީހުންގެ ދެމެދުގައި ޒުވާބެއް އުފެދުނީ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަތް އިސްކުރިކަން އެނގިފައެއް ނުވެއެވެ.
ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވަނީ، އެ އަޑުތައް އިވުނު އަވައްޓެރިއެއް ކަން ވަނީ އެނގިފައެވެ.
އެކަމާ ގުޅިގެން އަސްރާ ވަނީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެ، ބަޔާންދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު