ވަޔަލެސް ޕްރއިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޕްރޮފައިލް ޝީޓުން ގ. ހިލްމަން އިސްމާއީލް ހަލީމްގެ ނަން އުނިކުރަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑީވެލޮޕްމަންޓްގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލަ އަކީ، އިސްމާއީލް ހަލީމް ވަޔަލެސް ޕްރއިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންކަމުން އިސްތިއުފާދީ، އެކަން 2011 ވަނަ އަހަރުން ފެށިގެން އެތައް ފަހަރެއްގެ މަތިން އެ މިނިސްޓްރީ އަށް އަންގާފައި ވުމާއި، އިސްމާއީލް ހަލީމަކީ ވަޔަލެސް ޕްރއިވެޓް ލިމިޓެޑް އުފެދުނީއްސުރެ މިއަދާ ހަމައަށް ކުންފުނީގެ ހިއްްސާދާރަކަށް ނުވާއިރު ވެސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ މައުލޫމާތު ހިމެނޭ ޕްރޮފައިލް ޝީޓުން އޭނާގެ ނަން އުނި ނުކޮށް އޮތުމުން އިކޮނޮމިކް މިނިސްޓްރީ އާއި ދިވެހި ދައުލަތުގެ މައްްޗަށް އޭނާ ކޮށްފައިވާ ދައުވާ އެކެވެ.
ހުށަހެޅި ދައުވާގައި ހަލީމު އެދިފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ މައުލޫމާތު ހިމެނޭ ޕްރޮފައިލް ޝީޓުން އޭނާގެ ނަން އުނި ނުކޮށް އޮތުމަކީ، ގާނޫނީ ގޮތުން ސައްހަ ނޫން އިޖުރާއަތެއްގެ ދަށުން އޮތް އޮތުމެއް ކަމަށް ކަނޑައަޅައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޕްރޮފައިލް ޝީޓުން އޭނާގެ ނަން ތިން ދުވަހުގެ ތެރޭގައި އުނި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އެ ދައުވާއަށް އިންކާރު ކޮށް ދައުލަތުން ބުނެފައި ވަނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައެޅި ބަޔާން ވެގެން ނުވާހާ ހިނދަކު އެ ކުންފުނީގެ ޑިރެކްޓަރަކު ވަކި ކުރެވޭނީ، އެ ކުންފުންޏަކުން ފާސްކުރާ ހާއްސަ ގަރާރަކުން ކަމަށް، ކުންފުންޏާ ބެހޭ ގާނޫނުގައި، ބަޔާން ކޮށްފައިވާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މައުލޫމާތު ހިމެނޭ ޕްރޮފައިލް ޝީޓުން ހަލީމްގެ ނަން އުނިކޮށްފައި ނުވަނީ ބޯޑު މެންބަރުކަމުން އޭނާ ވަކި ކޮށްފައިވާކަން އެނގޭނެ އެ ކުންފުނީގެ ހާއްސަ ގަރާގެއް ހުށަހަޅާފައި ނުވާތީ ކަަށެވެ.
މި މައްސަލަ ބެލުމުގައި، ފާހަގަ ކުރެވިފައިވާ ކަންތައްތަކަށް ބެލުމަށްފަހު، ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ބޯޑު މެންބަރުކަމުގެ މަގާމުން ހަލީމް އިސްތިއުފާ ދީފައިވީ ނަމަވެސް ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާ ކަން ސާބިތު ނުވާ ކަމަށެވެ.
އެހެންކަމުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ މައުލޫމާތު ހިމެނޭ ޕްރޮފައިލް ޝީޓުން އޭނާގެ ނަން އުނި ނުކޮށް އޮތުމަކީ، ގާނޫނީ ގޮތުން ސައްހަ ނޫން އިޖުރާއަތެއްގެ ދަށުން އޮތް އޮތުމެއް ކަމަށް ބެލެވެން ނެތް ކަމަށާއި، ވަޔަލެސް ޕްރައިވެޓް ލިމިޓެޑްގެ ހާއްސަ ގަރާރެއް ނެތި ދައުވާ ކުރާ ފަރާތުން އެދިފައިވާ ގޮތަށް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޕްރޮފައިލް ޝީޓުން ހަލީމުގެ ނަން ތިން ދުވަހުގެ ތެރޭގައި އުނި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ދިވެހި ދައުލަތަށް އަންގައި އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް