މަހޭޝް އަދި މުކޭޝް ބަޓްގެ ޕްރޮޑަކްޝަން ހައުސް ވިޝޭޝް ފިލްމްސް ރޫޅިފައިވާ ކަމުގެ އަޑުތައް އަނެއްކާވެސް ގަދަ ވެއްޖެ އެވެ. މީގެ ކުރީންވެސް ވަނީ މި އަޑުތައް ފެތުރިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މި ދެބޭން މީޑިއާއަށް މާބޮޑު ކަމެއް ޔަގީންކޮށްދީފައި ނުވިނަމަވެސް، މުކޭޝް ބުނެފައިވަނީ، ވިޝޭޝް ފިލްމްސްއަކީ މުކޭޝްގެ ކުންފުންޏެއް ކަމަށާއި މަހޭޝް އަކީ ކްރިއޭޓިވް ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާގެ ޕްރޮޑަކްޝަންގައި މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށެވެ.

އޭނާ ބުނީ ދެބެއިންގެ މެދުގައި މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އޭނާގެ ފިލްމުތަކުގައި އެހީތެރިކަމެއް ބޭނުން ވެއްޖެ ހިނދެއްގައި މަހޭޝް ހުރީ އޭނާއަށް އެހީތެރިވުމަށް ތައްޔާރަށް ކަމަށެވެ. މުކޭޝް އިތުރަށް ބުނީ މުކޭޝްގެ ދަރިން ބޭނުންވަނީ ވިޝޭޝް ފިލްމްސް އާ ހަރުފަތަކަށް ގެންދަން ކަމަށާއި އެކަމުގައި އޭނާގެ ދަރިންނަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މަހޭޝް ބަޓް މީޑިއާގައި އަދި ވާހަކަދައްކާފައެއް ނުވެއެވެ. ވިޝޭޝް ފިލްމްސްއިން މިހާތަނަށް 57 ފިލްމު އުފައްދާފައިވާއިރު ފިލްމުތަކުގެ %90 ގެ މަސައްކަތް ތަކުގައި މަހޭޝް ބަޓް ހަރަކާތްތެރިވެފައި ވެއެވެ.

މަހޭޝް އަދި މުކޭޝްއަށް ބޮޑުބޭބެ ކިޔާ އިމްރާން ހާޝްމީ ވަރަށް ފަހުން އީޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ވިޝޭޝް ފިލްމްސާއެކު އޭނާގެ ފޮނި ހަނދާންތަކެއް ވާ ކަމަށާއި، އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ވިޝޭޝް ފިލްމްސް ރޫޅުމުގެ ފަހަތުގައި ވަނީ ކޮން މައްސަލަގަނޑެއްކަން އޭނާއަށް ނޭނގޭ ކަމަށާއި، ނަމަވެސް ހުރިހާ ރަނގަޅު ކަމަކަށްވެސް ނިމުން އޮންނާނެ ކަމަށާއި، އޭނާއަށް އެކަމާ ގުޅޭ ގޮތުން މާބޮޑު ތަފުސީލެއް ލިބިފައި ނުވާ ކަމަށް އިމްރާން ބުނެފައި ވެއެވެ.

މީގެ އިތުރުން މަހޭޝް-މުކޭޝް އާ ގުޅޭ ގޮތުން އޭނާގެ ބޮޑުބޭބެއިންގެ މި މައްސަލައާ މެދު ވިކްރަމް ބަޓް އާ މީޑިއާއިން ކުރި ސުވާލަކަށް ދިން ޖަވާބުގައި އޭނާ ބުނެފައިވަނީ ބޭނުންވާ ވާހަކަ ބުނެވެން ނެތް ކަމަށާއި އެވާހަކަ ނުދެއްކުމަށް އޭނާގެ ބޮސް މަހޭޝް ހުއްދަ ދީފައި ނުވާ ކަމަށެވެ.