އިޒްރޭލުގެ އަނިޔާވެރި ޔަހޫދީންގެ ރަހުމު ކުޑަ އަނިޔާތައް ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާތާ އެތައް ދުވަހެކެވެ. ކޮންމެ ދުވަހަކުމެ ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް، ހާއްސަކޮށް ގާޒާއަށް، އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ތަނެއް ވަނީ ބިމާ ހަމަވެފައެވެ. އެތައް އާއިލާއެއް ވަނީ މަގުމަތިވެފައެވެ. އެތައް ބަޔަކު ޝަހީދުވެފައިވާ އިރު، ޒަހަމްތަކާއެކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ހާހުން ގުނާލެވެއެވެ. ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނާ ދެކޮޅަށް އިސްރޭލުގެ ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓައި ފަލަސްތީނުގެ މިނިވަންކުރުމަށް މުސްލިމު އެތައް ގައުމަކުން ވަނީ ގޮވާލައިފައެވެ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެވެސް ހިމެނެއެވެ.
މީސްކޮޅު މަދު ނަމަވެސް ދިވެހިން އަންނަނީ އެއް ރޫހެއްގައި އިސްރޭލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރަމުންނެވެ. ދިވެހިން ވަނީ އެމީހުންގެ ދީލަތި އަތްތައް ފަލަސްތީނަށްޓަކައި ހުޅުވާލައިފައެވެ. އެގޮތުން މިހާތަނަށްވެސް ދިވެހިން ވަނީ ފަލަސްތީނުގެ އެތައް ހާސް ރައްޔިތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާއެކުގައިކަން އަންގައިދޭން މިއަދު މުޅި ރާއްޖޭގައި ވަނީ ފަލަސްތީނުގެ ދިދަތައް ވިހުރުވާލައި ޝުއޫރު ފާޅުކޮށްފައެވެ. ގޭގެ ބެލްކަނިތަކުން ފެށިގެން ގައުމުގެ އެންމެ އިސްވެރިންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެ، އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އަޑުއުފުލައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، ރާއްޖޭގެ ރައްޔިތުން ފަލަސްތީނާ އެކު ތިބިކަމަށް ވިދާޅުވެ، އެ ގައުމު މިނިވަންކުރުމަށް ގޮވާލައި، ފަލަސްތީނުގެ ދިދައަކާ އެކު ޓުވީޓެއް ކުރައްވައިފައެވެ. އެމަނިކުފާނުގެ އިތުރުން ރާއްޖޭގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަތީ ފަޑީގެ ގިނަ ބޭފުޅުން ވަނީ ފަލަސްތީނާއެކުގައި ތިއްބެވިކަން އަންގައިދިނުމަށް އެގައުމުގެ ދިދައާއެކުގައި ނަންގަވާފައިވާ ފޮޓޯތައް މީސް މީޑިއާއަށް ދޫކޮށްލައްވައިފައެވެ.
ފަލަސްތީނާއެކުގައި ތިބިކަން އަންގައިދޭން މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތައް މިއަދު ފުރާލައިފައިވަނީ ފަލަސްތީނުގެ ދިދައިންނެވެ. މާލޭގެ ބައެއް ގޯޅިތަކުގައި ފަލަސްތީނުގެ ދިދަ ދަމާފައިވާ އިރު، އެތައް ގެއެއްގެ ބެލްކަނިތައްވެސް ވަނީ އެގައުމުގެ ދިދައިން ފުރާލައިފައެވެ. އެމްއެންޑީއެފްގެ ބަންޑާރަކޮށީގެ އާ އިމާރާތުގައި ހުންނަ ބޮޑު ސްކްރީން ވެސް ވަނީ ފަލަސްތީނުގެ ދިދައަކުން ދިއްލާލައިފައެވެ.
އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވަނީ ފަލަސްތީނާއެކުގައި ދިވެހިން ތިބިކަން އަންގައިދޭން ސައިކަލު ބުރުތައްވެސް ބާއްވައިފައެވެ. ބައެއް ރަށްރަށުގައި ޝުއޫރު ފާޅުކުރުމުގެ ހިނގާލުންތައްވެސް ބޭއްވިއެވެ. ރާއްޖޭގެ ކުދިބޮޑު އެންމެން މި ހަރަކާތުގައި ބައިވެރިވި އިރު، އެ އެންމެންގެ ހިތުގައިވެސް ވަނީ އަހުވަންތަކަމުގެ ލޯތްބެވެ. އެ އެންމެންގެ ރޫހަކީވެސް ފަލަސްތީނު މިނިވަންވެ މުސްލިމުންނަށް ނަސްރު ލިބުމެވެ.
ކޮވިޑުގެ ހާލަތުގެ ސަބަބުން މާލޭގައި މި ހަރަކާތް ގެތަކުގައި ތިބެގެން ކުރިއަށްގެންދިޔަ ނަމަވެސް ބަލި ނެތް ރަށްރަށުގެ ރައްޔިތުން ފަލަސްތީނާއެކުގައި ތިބިކަން އަންގައިދިނީ މަގުމަތިންނެވެ. ބައެއް ރަށްރަށުގެ ރައްޔިތުން އިސްނަގައިގެން ވަނީ ފަލަސްތީނަށް އެހީވުމަށް ފަންޑު ފޮށިތައްވެސް ބަހައްޓައިފައެވެ.
ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް ދިވެހިން އަޑު އުފުލާނެކަން މިއަދު މިވަނީ ފެނިގެން ގޮސްފައެވެ. މިއަދުގެ ބޮޑު ހަރާކާތާއެކު ވަނީ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯބި ހާމަވެފައެވެ. ދިވެހިން ތިބީ ފަލަސްތީނާއެކު އެގައުމު މިނިވަންވެ، މުސްލިމުންނަށް ނަސްރު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ފަލަސްތީނު
ފަލަސްތީނު
ފަލަސްތީނު
ފަލަސްތީނު