ކައުންސިލަރުންގެ މަގާމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި އެއީ ކޮނޑުގައި އެޅޭ ގައުމީ ވާޖިބާއި ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކަށް އިންތިހާބުވި މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިހާބުވި މެންބަރުން މިއަދު މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް ހިންގަން ފެށުނު ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނެސްފައިވަނީ ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހު، ރައްޔިތުންގެ ވިންދު ހުރީ އެ ބަދަލުތަކާއިގެން ކުރިއަށް ދިއުމަށް ކަމަށްވާތީ ކަމަށެވެ.
މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ކައުންސިލްތަކާ ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރު ދީ، ރަށްރަށުގެ އިހުތިސާސް މިހާރު އެހުރީ ކަނޑައެޅިފައި ކަމަށެވެ.
"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީކޮށްދެއްވުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ބޭނުން ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ. އަދި މިއަދު ލިޔަން ފެށި ލާމަރުކަޒީ ނިޒާމުގެ އައު ސަފްހާގެ ދެލި ފޭދުނަ ނުދީ ހިފެހެއްޓުމަކީ، ކައުންސިލަރުންގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު