ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން ގައުމީ ތަރައްގީގެ ދުވެލި އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކަށް އިންތިހާބުވި މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިހާބުވި މެންބަރުން މިއަދު މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސް ސޯލިހު މިރޭ ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އަދި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތަށް ސިޓީތަކާއި ރަށްތައް ތަރައްގީކޮށްދިނުން ކަމަށެވެ.

މީގެ ކުރިން އިންތިހާބުކުރި ކައުންސިލްތަކާއި މިފަހަރު އިންތިހާބު ކުރި ކައުންސިލްތަކުގެ އެންމެ ބޮޑު ތަފާތަކީ، ކައުންސިލަރުންގެ ގޮތުގައި އިންތިހާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ، އަންހެން ބޭފުޅުން ކަމަށްވުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި ގައުމީ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ރަށު ތަރައްގީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، އާ ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން، ގައުމީ ތަރައްގީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. މިއަދު މިފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރެވުމުން އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމަށެވެ.