ގާޒާގައި ހިންގަމުން އަންނަ "މޯލްޑިވް ގާޒާ" ރެސްޓޯރެންޓަށް އިސްރާއީލުން ދިން ރޮކެޓު ހަމަލާއެއް އަމާޒުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ މި ހަމަލާގައި ރެސްޓޯރެންޓުގެ ބޮޑު ބައެއް ހަލާކުވެ، ތިން މީހަކަށް ވަނީ ޒަހަމުވެފައެވެ.

މިދިޔަ އަހަރު އިމާދު އަލްބައްޔާ، އޭނާގެ ބައިވެރިންނާއެކު މި ރެސްޓޯރަންޓު ހުޅުވައި، މޯލްޑިވް ގާޒާގެ ނަމުން ނަން ދީފައިވަނީ، ގާޒާގައި ދިރިއުޅެމުން އަންނަ މުސްލިމުން ތަހައްމަލުކުރަމުންދާ ނުތަނަވަސްކަމަށް ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. އަދި ރާއްޖެއަކީ ފަތުރުވެރިން ހިތްހަމަޖައްސަން އަންނަ މަންޒިލަކަށް ވާފަދައިން ގާޒާގެ މުސްލިމުން ހިތްހަމަޖައްސާލުމަށް ރެސްޓޯރަންޓެއް ގާޒާގެ ބީޗު ސަރަހައްދު މޫދާ ދިމާލުގައި ހުޅުވައި ހިދުމަތްދެމުން އައިސްފައިވެއެވެ.

މޯލްޑިވް ގާޒާ ރެސްޓޯރަންޓުގެ ވެރިޔާގެ މީގެ ކުރިން [އިންޓަވިއުއެއް](/https://oneonline.mv/34072) "ވަން" އިން ގެނެސްދީފައިވާނެއެވެ.

އިސްރާއީލުން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް ދެވަނަ ހަފުތާއަށް އައިސްފައިވާ އިރު، މިއަދުގެ ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރު ހުއްސަމް އަބޫ ހަރުބީދު ވަނީ ޝަހީދުކޮށްލައިފައެވެ.

އާންމުން އުޅޭ ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާ އިރު، މިހާތަނަށް 58 ކުޑަަކުދިންނާއެކު ފަލަސްތީނުގެ ރައްޔިތުން 200 ވަނީ ޝަހީދުކޮށްލައިފައެވެ.