މިސް ޔުނިވާސް 2021 އަށް މެކްސިކޯގެ ރީތީގެ ރާނީ އަންޑްރޭއާ މޭޒާ ހޮވިއްޖެއެވެ.

ފޮލްރިޑާގައި މިއަދު ކުރިއަށް ދިޔަ މިސް ޔުނިވާސް ހޮވުމުގެ މުބާރާތުގައި މިސް ޔުނިވާސްގެ ތާޖު އަންޑްރެއާގެ ބޮލުގައި އަޅުވައިދީފައިވަނީ މިދިޔަ އަހަރުގެ މިސް ޔުނިވާސް ސައުތު އެފްރިކާގެ ރީތީގެ ރާނީ ޒޮޒިބީ ޓުންޒީއެވެ.

މިއިވެންޓުގައި އެންމެ ފަހު ސުވާލެއްގެ ގޮތުން ބައިވެރިންނާ ކޮށްފައިވަނީ ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ކޮވިޑުގެ ބަލިމަޑުކަމުން ގައުމު ސަލާމަތްކުރުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިތޯއެވެ.

އެސުވާލުގެ ޖަވާބުގައި އަންޑްރެއާ ބުނެފައިވަނީ މި ނުރައްކާތެރި ކޮވިޑުގެ ބަލިމަޑުކަން ހުއްޓުމަށް އެންމެ ރަނގަޅު ހައްލެއް ނުނެރެވޭނެ ކަމަށާއި ނަމަވެސް އޭނާ ނަމަ ކަންކުރާނެ ގޮތަކީ ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ކުރިން ފުރަބަންދު ކުރުން ކަމަށެވެ. ކޮވިޑުގެ ހާލަތު ގޯސްވެ މީހުންގެ ފުރާނަ ވަކިވެގެން ގޮސްފައިވާ ކަމަށާއި ރައްޔިތުންނަށް އަޅާލައި ދުރާލައި ކުރީ ބައިގައި ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވަނީ ޖަވާބުދީފައެވެ.

ފްލޮރިޑާގައި ކުރިއަށް ދިޔަ 69 ވަނަ މިސް ޔުނިވާސް ހޮވުމުގެ މުބާރާތުގައި 26 އަހަރުގެ އަންޑްރެއާ ހޮވިފައިވާއިރު އޭނާއާ ގާތުން ވާދަކުރި ބްރެޒިލްގެ ރީތީގެ ރާނީ ޖޫލިއާ ގަމާ އަށް ފަސްޓް ރަނަރަޕް ލިބި، ދެވަނަ އަށް ޖެނެކް މެސީޓާ އަދި ތިން ވަނައަށް ޑޮމިނިކަން ރިޕަބްލިކްގެ ކިމްބަލީ ޕެރެޒް އައިސްފައިވާއިރު 4 ވަނަ އަށް އިންޑިއާގެ އެޑްލީން ކަސްޓެލީނޯ ވަނީ ހޮވިފައެވެ.