ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތައުލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. ހަމަ އެއާއެކު، ރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުންވެސް އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ގާނޫނުގައި ހިމެނޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ ދަރިވަރުންނަށް ބޭނުންވާ އެސައިމަންޓުތަކާއި ދިރާސީ މަސައްކަތްތައް އަގަށް ކޮށްދިނުމާއި އެކަންކުރުވުމާއި އެކަން ކޮށްދޭ ކަމަށް އިއުލާން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ހިމެނުމެވެ.
އެގޮތުން އެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައި ބުނެފައިވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގު ދީގެން ކުރުވުމަކީ މަނާ ކަމެއް ކަމަށެވެ.
އެ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައިވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހެޅުމަކީވެސް މަނާ ކަމެއް ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގެ (1)ގައި ބަޔާން ކޮށްފައިވާ އަމަލެއް ކޮށްފި ދަރިވަރެއްގެ އަދަބަކީ 5000 ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށެވެ. މިއީ އެކަން ކުރި ކުއްޖާގެ އަދަބެވެ. (ނ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގެ (2) ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއްގެ އަދަބަކީ 10000 ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށެވެ. އެއީ އެކަން ކޮށްދިން ފަރާތުގެ އަދަބެވެ.
މީގެ އިތުރުން އެފަދަ އަމަލެއް ދަރިވަރަކު ހިންގައިފިނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް އެ ގާނޫނުގެ ދަށުން ހަދައި ގަވާއިދުގައި ކަނޑައަޅާ އުސޫލުތައް މަތީ ތައުލީމު ދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި ހުންނަންވާނެ ކަމަށްވެސް ގާނޫނުގައި ހިމަނާފައިވެއެވެ.
އެ ގާނޫނުގެ ސަބަބުން ރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލުކަމާއެކު އެތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ. މީގެ އިތުރުންވެސް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ އެހެނިހެން އުސޫލުތައްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެންމެހައި މުވައްޒަފުން، އެ ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެން އުފައްދާ އިދާރާއަށް އެހިނދުން ފެށިގެން ބަދަލުވާނެކަންވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ އޮތޯރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ.
ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެ ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު