މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިންގާ ގަވާއިދަށް ބަދަލު ގެނެސް, ޑިރެކްޓަރުންގެ ދައުރު ދެ އަހަރަށް ބަދަލުކޮށްފިއެވެ.
ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށް މިއަދު ބޭއްވި ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ ޑިރެކްޓަރުންގެ ދައުރަށެވެ. އެގޮތުން މިހާރު ކަނޑައަޅާފައި އޮތް ޑިރެކްޓަރުންގެ ދައުރު އެއް އަހަރުން ދެ އަހަރަށް ބަދަލުކުރަން ވަނީ ފާސްކޮށްފައެވެ.
މި ބަދަލާއެކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަން ކޮށްފައިވާ ޑިރެކްޓަރުންގެ މަގާމުގެ މުއްދަތު ގުނަން ފަށާނީ މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބޭއްވި ތާރީހުން ފެށިގެންނެވެ. އަދި އެ ތާރީހުން ފެށިގެން ދެ ވަނައަށް އަންނަ އަހަރު ބާއްވާ ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހާ ހަމައަށް އެ ފަރާތްތައް މަގާމުގައި ދެމިތިބޭނެއެވެ.
މީގެ އިތުރުން ހިއްސާދާރުންގެ ޖަލްސާތައް ވަކި ތަނަކަށް ހާޒިރުވެގެން ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިއްސާދާރުންގެ އާންމު ޖަލްސާތައް ބޭއްވުމަށް މަގުފަހިކުރުމަށްވެސް ހިންގާ ގަވައިދަށް ވަނީ އިސްލާހު ގެނެސްފައެވެ.
މި އިސްލާހުތައް ފާސްވީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 96.4 ޕަސެންޓް ހިއްސާދާރުންގެ ވޯޓާއެކުއެވެ.
މިއަދުގެ ބޭއްވި ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެރިވީ 19 ހިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރުން ތަމްސީލުކުރި އިރު, ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ހިއްސާދާރުންނެވެ. އެއީ މުޅިއަކު 5.5 މިލިއަން ހިއްސާއެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދަށް އެންމެ ފަހުން އިސްލާހު ގެނެސްފައިވަނީ 2017 ވަނަ އަހަރެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި