ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޕްރޮފެޝަނަލް ލެވަލްގައި ކުޅެމުން އަންނަ ބެޑްމިންޓަންގެ ސްކޯރިން ގަވާއިދަށް ބަދަލެއް ގެންނަން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އާއި އިންޑޮނޭޝީއާގެ ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެން ހުށަހަޅައިފިއެވެ.
މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނެގި ފުރަތަމަ ފަހަރު ކަމަށް ބީއޭއެމް އިން ބުނެފައިވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ވަނީ ރާއްޖޭން އިސްވެ ހުށަހަޅާފައިވާ ސްކޯރިން ގަވާއިދަށް އަމަލުކުރަން ފެނޭތޯ ބަލަން މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ އެނުއަލް ޖެނެރަލް މީޓިންއަށް ހުށަހަޅާނެކަން އަންގައިފައެވެ.
މި އާ ސްކޯރިން ގަވާއިދު ގެންނަން މަސައްކަތްކުރައްވާ އެންމެ އިސް އެއް ފަރާތަކީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އެވެ. ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެންބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަނީ މޫސައެވެ. ބައިނަލްއަގުވާމީ ގޮތުން ބެޑްމިންޓަންގެ ނުފޫޒު ގަދަ މަގާމެއްގައި ހުރެ މޫސަ ކުރަމުން އަންނަ މަސައްކަތް އިންޓަނޭޝަނަލް ފެޑެރޭޝަނުން ބަލައިގަނެ، ސްކޯރިންނަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް ވަނީ ތާއީދު ކޮށްފައެވެ.
މިދިޔަ މަހު ކުރީކޮޅުގައި ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަނުން މީޑިއާއަށް ވަނީ ރާއްޖެ އާއި އިންޑޮނީޝިއާ އިން އިސްވެ މި ހުށަހެޅި ސްކޯރިން ގަވާއިދަށް ގެންނަ ބަދަލު އިއުލާނު ކޮށްފައެވެ. އެގޮތުން އާ ގަވާއިދާއެކު ބެޑްމިންޓަން މެޗުތައް ކުޅޭނީ ބެސްޓް އޮފް ފައިވްގެ އުސޫލުންނެވެ. އެއީ 11 ޕޮއިންޓުން ސެޓެއް ނިމޭ ގޮތަށެވެ. މިހާރު ކުޅެމުން އަންނަނީ ބެސްޓް އޮފް ތުރީގެ ގަވާއިދަށެވެ. އެ ގަވާއިދުގެ ދަށުން ސެޓެއް ނިމޭނީ 21 ޕޮއިންޓުންނެވެ.
ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަންގެ ރައީސް ޕޯލް-އެރިކް ހޯޔާ ލާސެން ވިދާޅުވީ މިއީ މެންބަރު އެސޯސިއޭޝަނުން ހުށަހެޅި ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގައި ދެކޭ ކަމަށާއި މިއީ މީގެ ކުރިން ވެސް ކުރަން ބޭނުންވި ކަމެއް ކަމަށެވެ.