ދިވެހީންގެ ފަރާތުން، ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ވެއާ ހައުސެއް ކައިރިއަށް އިސްރާއީލުން ބޮން އަޅައިފިއެވެ.

އިސްރާއީލުން ބޮން އަޅާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަަށްގެންދާ "ލޯތްބާއެކު" ކެމްޕޭނުގެ ދަށުން ގާޒާއަށް އެހީ ބަހަން ތައްޔާރުވަމުން ދިޔަ ވެއާ ހައުސްއެއްގެ ކައިރިއަށެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު، މުހައްމަދު އަލީ "ވަން" އަށް މިރޭ ވިދާޅުވީ، އިސްރާއީލުން ބޮން އަޅާފައިވަނީ ގާޒާގެ 400 އެއްހާ އާއިލާއަށް ފުޑް ޕެކޭޖާއި ހޮޓް މީލްސް ބެހުމަށް ތައްޔާރުކުރަމުން ދިޔަ ވެއާހައުސް ކައިރިއަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓުނަރަކާ ވަޓްސްއެޕް ވީޑިއޯ ކޯލެއްގައި ހުއްޓައި ފުރަތަމަ ބޮން މި އެޅީ. ހަމަ ވެއާ ހައުސާ ވަރަށް ކައިރިން. އެ ގަޑީ ހުރިހާ މަސައްކަތްތައް ހުއްޓުމަކަށްވެސް އައި." މުހައްމަދު އަލީ ވިދާޅުވިއެވެ.

ކެމްޕޭނުގެ ދަށުން މިއަދު ހޮޓް މީލްސް އާއި ފުޑް ޕެކޭޖުތައް ބެހުމަށް ހަމަޖެހިފައި އޮތީ ނޯތު ގާޒާގައި ގެދޮރު ނެތި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ އާއިލާއަކަށެވެ.

އައިއޭސީގެ ފަރާތުން މިރޭ ލައިވްއެއް ކުރިއަށްގެންދަނިކޮށް ވެސް ވަނީ ބޮމެއް ގޮއްވާލައިފައެވެ. އެ ބޮމުގެ އަޑު ލައިވްއަށް އަރާފައިވާ އިރު، ބޮން އެޅީ ކިހާ ދުރަކަށް ކަމެއް ނޭނގެއެވެ.

ލޯތްބާއެކު ކެމްޕެއިން މެދުވެރިކޮށް، ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެކައުންޓް 7770000026259 (ރުފިޔާ އެކައުންޓް) އަށް ފައިސާ ޖަމާކޮށްދިނުން އައިއޭސީން އެދެއެވެ.

އިތުރު މައުލޫމާތު އައިއޭސީގެ ހޮޓްލައިން 9122121 އަށް ގުޅައިގެންނާއި ވައިބާކުރުމުން ލިބިގެންދާނެއެވެ.