ރަޝިޔާ އާއި ޗައިނާއިން ދޭ ސައިބާ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ނެތް ގައުމުތަކުގެ ސައިބާ ޑިފެންސް ވަރުގަދަ ކުރުމަށް އިނގިރޭސިވިލާތުން އެހީވާން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޮމިނިކް ރާބް މި ހަފުތާގައި ވިދާޅުވީ, ސައިބާ ހަމަލާއަކުން ދިފާއުވުމުގެ ގާބިލުކަން ނެތް އެފްރިކާ އާއި އިންޑޯ ޕެސިފިކް ގައުމުތަކަށް އެހީވުމަށް 31 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

މި އިންވެސްޓްމަންޓުން އެފްރިކާގައި އާ ސައިބާ އޮޕަރޭޝަން ހަބެއް ގާއިމުކުރާނެއެވެ. މި ހަބް އޮޕަރޭޓް ކުރާނީ އިތިއޯޕިއާ, ގާނާ, ކެންޔާ, ނައިޖީރިއާގެ އިތުރުން ރުވާންޑާގެ ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް, ސައިބާ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

އޭނާ ވިދާޅުވީ, ސައިބާ ހަމަލާއެއްގެ ޝިކާރައަކަށް ވެދާނެ ގައުމުތަކުން ޑިމޮކްރެޓިކް އިންތިހާބެއް ބާއްވާ އިރު, އިންޓަނެޓަކީ އެއްވެސް ގާނޫނެއް ނެތް, މިނިވަން, ހުޅުވާލެވިފައިވާ އަދި ސުލްހަވެރި ތަނަކަށް ހެދުމަށް ޔޫކޭ އާއި އެގައުމުގެ ޕާޓްނަރުން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

"ހަގީގަތަކަށް ބުނާނަމަ, ސައިބާސްޕޭސް އަކީ ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކުން ގުޅިގެން އަތްގަދަ ކުރާ ތަނަކަށް ވުމުން ސަލާމަތް ކުރަންޖެހޭ. އޭގެ މާނައަކީ އެކަމުގެ ޝިކާރަކަށް ނުވަތަ ނުރައްކަލަކަށް ވެދާނެ ނިކަމެތި ގައުމުތަކަށް އެހީތެރިވުން," ޑޮމިނިކް ރާބް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން މިހެން ބުނެފައިވާ އިރު, ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ސާވިސް (އެސްވީއާރު) އިން އެމެރިކާގެ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ ސޯލާވިންޑްސް ހެކްކުރި މައްސަލައިގައި އިނގިރޭސިވިލާތާއި އެމެރިކާގެ ފެޑެރަލް އެޖެންސީތަކާއި ސަތޭކައަށްވުރެ ގިނަ ޕްރައިވެޓް ކުންފުނިތަކުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.