ކޮވިޑު ބަލި ޖެހިގެން ފަރުވާދިނުމަށް ފެސިލިޓީތަކަށް ގެންދާ މީހުންނަށް އާއިލާގެ ލޯތްބާއި އަޅައިލުން ދީ، އެމީހުންގެ ހާލު ވީހާވެސް ގާތުން ބެލުމަކީ މުހިންމު ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ އާއިލާތަކުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ.
މި ހިތާބުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އާއިލާ ދުވަސް ދިމާވެފައިވަނީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެފައިވާ ދަނޑިވަޅެެއްގައި ކަމަށެވެ. އަދި މި ބަލިމަޑުކަމުގެ ސަބަބުން މިއީ ވަރަށް ގިނަ އާއިލާތަކަށް މަލީ ގޮތުންނާއި ނަފުސާނީ ގޮތުން ނުތަނަވަސްކަމާއި ކަންބޮޑުވުން ދިމާވެފައިވާ ދުވަސްކޮޅެއް ކަމަށެވެ.
މިއީ ދަތި އުނދަގޫ ވަގުތެއް ނަމަވެސް މި ދަނޑިވަޅުގައިވެސް އެންމެ މުހިންމު އެއްކަމަކީ އާއިލީ ގުޅުން ވަރުގަދަކޮށް ބަދަހިކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮވިޑު ބަލީގައި ފަރުވާދިނުމަށް ފެސިލިޓީތަކަށް ގެންދާ މީހުންނާއި އާއިލާގެ ދެން ތިބި މެންބަރުން ގުޅުން ބަދަހިކޮށް އެމީހުންގެ ހާލު ގާތުން ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ބަލިން އާއިލާތައް ރައްކާތެރިކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް ވީހާވެސް މަދުން ބޭރަށް ނިކުމެ އުޅުމާއި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދައްކައި އަމިއްލައަށް އެކަހެރިވުމަކީ އާއިލާގެ އެހެނިހެން މެންބަރުން މި ބަލިން ސަލާމަތް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ކޮވިޑުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅުމަށް ދަތިވެ ކުލި ނުދެއްކި، ރަށަށް ބަދަލުވާން ބޭނުންވެފައި ތިބި އާއިލާތަކަށް މިހާރުވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިހާތަނަށް ވެސް އެފަދަ ނުވަ އާއިލާއެއް އަތޮޅުތެރޭގައި ދިރިއުޅެވޭނެ ގޮތް ޖެންޑާ މިނިސްޓްރީން ހަމަޖައްސައިދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.