މިފަހަކަށް އައިސް ބޮލީވުޑުގައި މަޝްހޫރު ބައެއް ތަރިން މަރުވެއްޖެކަމަށް ބުނެ ފަތުރާ ދޮގު ހަބަރުތަކުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޕަރޭޝް ރަވަލް މަރުވެއްޖެ ކަމަށް ބުނެ އިއްޔެ ހަބަރުތައް ފެތުރިފައިވާތީ އޭނާ މިވަނީ އެކަން ދޮގުކޮށްފައެވެ.

އެހަބަރާ ގުޅިގެން ޕަރޭޝް ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ ހެނދުނު ހަތެއް ޖަހާބޮޑުވަންދެން އޭނާ އޮތީ ނިދާފައި ކަމަށާއި އެކަމުން ބަޔަކަށް އޮޅުން އަރާފައި ވާނަމަ ނިހާޔަތަށް މާފަށް އެދޭކަމަށެވެ.

ޕަރޭޝްގެ މި މަޖާ ޖަވާބު ގިނަ ބަޔަކަށް ކަމު ގޮސް، ހީރާޕޭރީގެ ކެރެކްޓާ ބާބޫރާއޯގެ މަތިން ހަނދާންކޮށްދޭ ކަމަށާއި މިއާ ގުޅުވައިގެން ހީރާޕޭރީގެ ގިނަ މީމްތަކާއި ޕަރޭޝްގެ ފިލްމު ވެލްކަމްގެ މީމްތައް މީސްމީޑިއާގައި ވަނީ ވައިރަލްވާން ފަށާފައެވެ.

ޕަރޭޝް މަރުވެއްޖެ ކަމަށް ބުނެ ދައުރުވަމުން ދިޔަ ހަބަރުގައި ބުނެފައިވަނީ ޔޫރީ ދަ ސާޖިކަލް މާސްކުގެ ތަރި ޕަރޭޝް ރާވަލް 14 މެއި 2021 ވީ ހުކުރު ދުވަހުގެ ހެނދުނު ހަތެއް ޖެހިއިރު ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

މަރުވެއްޖެ ކަމަށް ބުނެ މިފަހަކަށް އައިސް ދޮގު ހަބަރު ފެތުރިގެން ދިޔަ ތަރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ލަކީ އަލީ، އަނިލް ކަޕޫރުގެ އަންހެނުން އަދި ކުޅަދާނަ ބަތަލާ ކިރަން ހޭރު، ޓެލެވިޒަން އެކްޓަރު މުކޭޝް ކަންނާ ހިމެނެއެވެ.

ޕަރޭޝް ރާވަލް ވަނީ މިދިޔަ މާޗުމަހު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކުރިއަށް ހުރި އޭނާގެ މަސައްކަތްތަކަށް ބަލާއިރު ހަންގާމާ2 ހިމެނެއެވެ. 2003ގައި ނުކުތް ހަންގާމާގެ ސިކުއެލް ހަންގާމާ2 އިން ޕަރޭޝްގެ އިތުރުން ސިލްޕާ ޝެޓީ ފެނިގެންދާނެއެވެ.