ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެކަން ފުލުހަށް އެންގުމަށް އަންގަވާފައިނުވާ ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށް ބުނެ ދައުރުކުރަމުން ދާ ވާހަކަތަކާ ގުޅިގެން އިލްޔާސް މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު އާންމު ރައްޔިތެއްގެ ފަރާތުން ލިބުމާއި ގުޅިގެން ވަގުތުން އެ މައުލޫމާތު ރައީސް ނަޝީދަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވި ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށްވާތީ، އެ މުއައްސަސާއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މައުލޫމާތު ފުލުހުންނަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސްއަށް ހިއްސާކުރުމަށް މާރިޔާ އަންގަވާފައި ނުވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، މި މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެ މައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ، ޒިންމާދާރު ކަމެއް ކަމުގައި ގަބޫލެއް ނުކުރެވެއެވެ." ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ އިލްޔާސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި ލިބިވަޑައިގެން އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު