ފްރެންޑްސްގެ ކާސްޓުން އެއްކޮށް ފެންނާނެކަމުގެ ދިގު އިންތިޒާރުގެ ނިމުން ގެނުވައި، ރީޔުނިއަން އެއް އުފައްދަން އުޅޭކަމުގެ ހަބަރު ވެގެން ދިޔައީ ފްރެންޑްސްގެ ފޭނުންނަށް އުފާވެރި ހަބަރަކަށެވެ. އަދި ރިޔުނިއަންގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް އަނެއްކާވެސް މިއޮތީ އުފާވެރި ހަބަރެކެވެ.

މިމަހުގެ 27ގައި ފްރެންޑްސް ރިޔޫނިއަން އެޗްބީއޯ މެކްސްއިން ސްޓްރީމް ކުރާނެ ކަމުގައި އެޗްބީއޯއިން މިވަނީ އިއްޔެ އިއުލާނުކޮށްފައެވެ.

ގިނަމީހުންނަށް ހީވެފައިވާގޮތާއި ހިލާފަށް ފްރެންޑްސް ރިޔުނިއަން އަކީ ފްރެންޑްސްގެ އެޕިސޯޑެއް ނޫނެވެ. ފްރެންޑްސް ރިޔުނިއަންގައި އެޝޯގެ ތަރިން ފެނިގެން ދާނީ އެމީހުންގެ ކެރެކްޓާގައި ނޫން ކަމަށާއި، އެކަމަކު ކާސްޓުން އެއްތަން ވެ ޝޯއާ ބެހޭ ގޮތުން ވާހަކަދައްކައި ފްރެންޑްސްގެ ސެޓަށް ގޮސް، ހަނދާންތައް އާކޮށް ދިމާވި ކަންތަކުގެ ވާހަކަ ހިއްސާކުރާނެއެވެ.

ފްރެންޑްސްގެ ކާސްޓުންގެ އިތުރުންވެސް ހާއްސަ މެހެމާނުން ފެނިގެންދާނެ ކަމަށާއި އެގޮތުން ބީޓީއެސް، ލޭޑީ ގަގާ، ޖަސްޓިން ބީބާ، ކިޓް ހެރިންޓަން، ޑޭވިޑް ބެކަމް ފަދަ އެތަކެއް ފަރާތްތަކެއް ހިމެނެއެވެ.

މިއީ ކޮންމެވެސް ވަރަކަށް މާޔޫސްކަން ވެސް ގެނުވަފާނެ ހަބަރެއް ނަމަވެސް، ކާސްޓުން އެއްވެ ޝޯއާ ބެހޭގޮތުން ވާހަކަދައްކައި ރިޔުނިއަންގައި ފެނިގެންދާނެ ގިނަ ކަންތައްތަކަށް ހަމަގައިމުވެސް ފްރެންޑްސަށް ފޯރިހުންނަ ފަރާތްތައް އިންތިޒާރުކުރާނެކަން ޔަގީނެވެ.