އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމަނާފައިވަނީ އަބުރުކަތިލައި އަނިޔާ ދިނުމަށް ކަމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ނެރުނު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައިވާ ގޮތުން 2014 ވަނަ އަހަރު ކެމްޕެއިނަށް ސައުދުﷲ އަށް ވަނީ ހިޔާނާތުގެ ފައިސާއިން ހަ ލައްކަ އާއި އަށް ލައްކަ އާއި ދެމެދުގެ އަދަދަކަށް ފައިސާ ދީފަ އެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ސައުދުﷲ މިއަދު ވިދާޅުވީ މި ސަރުކާރަކީ އަނިޔާވެރިކަމާ ދެކޮޅަށް އައި ސަރުކާރެއް ކަމަށް ބުނަމުންދާއިރު ކަމާ ނުގުޅޭ މީހުންގެ ނަންތައް ހިޔާނާތުގެ ލިސްޓުގައި ހިމަނައިގެން އަބުރު ކަތިލުމަކީ ދެވޭ އަނިޔާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސައުދުﷲ ވިދާޅުވީ އެ ބުނާ ކެމްޕެއިނަކީ އެމްއެމްޕީއާރްސީން ހިޔާނާތުގެ ފައިސާ ބެހިކަމަށް ބުނާ ދުވަސްވަރެއް ވެސް ނޫން ކަމަށެވެ. އަދި އޭރު އެމްއެމްޕީއާރްސީ އޮތީ ޓުއަރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެން ކަމުން ކެމްޕެއިނަށް ދިން ކަމަށް ބުނެ ލިސްޓުގައި ހަ ލައްކަ އާއި އަށް ލައްކަ ރުފިޔާ ދިން ކަމަށް ޖަހާފައި ވަނީ އަބުރު ކަތިލަން ނޫން އިތުރު އެހެން ބޭނުމެއްގައި ނޫން ކަމަށެވެ.
"އަނިޔާ އަކީ މުގުރުން ނުވަތަ އެނޫންވެސް ގޮތްގޮތުން ތަޅައިގެން ދޭ އަނިޔާއެކަނި ނޫންކަމަށާއި މިގޮތަށްދޭ އަނިޔާ އަކީވެސް ބޮޑު އަނިޔާއެއް. މިއީ ނޫންތޯ އަނިޔާ އަކީ؟ މުލި ސޯޝަލް މީޑިއާގަ އެކި މީހުން އަޅުގަނޑަށް އެ ގޮވަނީ ވަގަށް. އަޅުގަނޑަކީ ހިޔާނާތުގެ ފައިސާ ފެނުނު މީހެއް ނޫން. އެފައިސާގަ އަތްލައި ބޭނުން ކުރި މީހެއް ނޫން. އަނިޔާ އާއި ދެކޮޅަށް އައި ސަރުކާރަކުންނާއި މަޖިލީހަކުން މިވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން ނެރުނު ރިޕޯޓަކީ މީހުންނަށް އަނިޔާ ދިނުމަށް ނެރުނު ރިޕޯޓެއް. މިކަން ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރަން." އޭނާ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް އޭރު އޭނާ ހިމެނިވަޑައިގަންނަވާ ޕާޓީ، ޕީޕީއެމުން ދެ ލައްކަ ރުފިޔާ ދިން ކަމަށެވެ. ނަމަވެސް އެފައިސާ އާއި ހަވާލުވާން ދިޔައީވެސް އޭނާ ނޫން ކަމަށާއި އެ ފައިސާއިން ކުރި ހަރަދުތަކުގެ ތަފުސީލު އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައި ވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީވެސް ހިޔާނާތުގެ ފައިސާކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައި ވަނީ ކީއްވެތޯ އާއި އޭނާއަށް އެކި ޕްލެޓްފޯމް ތަކުގައި ވަގަށް ގޮވާ މީހުންގެ މައްސަލަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ގާނޫނީ ޓީމާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ސައުދުﷲގެ އިތުރުން މި ސަރުކާރުގެ މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނާއި އަދި ކުރީ ސަރުކަރުގެ އިސްވެރިންތަކެއްގެ ނަންވެސް މި ލިސްޓުގައި ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު