ގުއާޓަމާލާގައި ގޮވުމަށް ތައްޔާރުވަމުންދާ އަލިފާން ފަރުބަދައެއްގެ މަތީ ހޫނު މައުދަނުގެ އެހީގައި ޕިއްޒާ ފިހާ މީހަކަށް މީހުންގެ ސަމާލުކަން މި ވަނ ލިބިފަ އެވެ.

ޑޭވިޑް ގާސިއާ ކިޔާ މި މީހާ ގުއާޓަމާލާގައި ހުންނަ ޕަކާޔާ ފަރުބަދައިން ބޭރުކުރާ ހޫނު ލާވާގެ އެހީގައި ޕިއްޒާ ފިހެ މީހުންގެ ސަމާލުކަން ހޯދަން ފެށުމުން އެ ސަރަހައްދަށް ދަތުރުކުރާ މީހުންނަށް ވެސް ވެފައި ވަނީ މިއީ ދަތުރުގެ ބައެއްގެ ގޮތުގައި ކުރާން ޖެހޭ ކަމަކަށެވެ.

މި އަލިފާން ފަރުބަދަ ގޮވުމަށް ތައްޔާރުވާން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަލިފާން ފަރުބަދައިން ބޭރުކުރާ ދުމުގައި އޭނާ ފިހެން ބޭނުންކުރަނީ 1800 ފެރެންހައިޓުގެ ހޫނުގައި ބޭނުންކުރެވޭ ޒާތުގެ ޓްރޭއެކެވެ. އޭނާ މި މަސައްކަތް ކުރަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ވައި ދައުރުވާ ގޮތަށް ބަލައި ވަރަށް ބޮޑަށް ސަމާލުވެގެން ކަމުގައި އޭނާ ބުނެއެވެ.

މި ހިސާބަށް ދަތުރުކުރާ ފަތުރުވެރިން ޕަކާޔާ ފަރުބަދަ މައްޗަށް އަރައި ޑޭވިޑްގެ ޕިއްޒާގެ އަޖުމަ ބަލައި މީސްމީޑިއާގައި ފޮޓޯތައް ހިއްސާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފަތުރުވެރިން މިހާރު ސިފަކުރެއެވެ.

ޕަކަޔާ އަލިފާން ފަރުބަދަ އަކީ މެދުތެރޭ އެމެރިކާގެ ގައުމުގެ ތަކުގެ ތެރޭގައި ގޮވުމަށް ތައްޔާރުވަމުންދާ ތިން ފަރުބަދައިގެ ތެރެއިން އެއް ފަރުބަދައެވެ. އަދި އެފަރުބަދައިން ބޭރުކުރާ ދުމުގެ އަސަރު ގުއާޓަމާލާ ސިޓީގެ ބޭރުން 15 މޭލަށް ފެންނަން ހުރެއެވެ.

ސްޕޭނުގެ އިސްތިއުމާރުގެ ދަށަށް ގުއާޓަމާލާ 16 ވަނަ ގަރުނުގައި ދިއުމުގެ ކުރިން ޕަކަޔާ ފަރުބަދަ 24 ފަހަރަކު ގޮވާފައިވާ ކަމަށާއި އަދި 1960 ވަނަ އަހަރުން ފެށިގެން އެތަކެއް ފަހަރު ގޮވާފައިވާ ކަމުގައި ހަބަރުތައް ބުނެއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ސެއިސްމޮލޮޖީ ވަލްކޮނޮލޮޖީ މީޓިއޮރޮލޮޖީ އެންޑް ހައިޑްރޮލޮޖީ އިން އެންމެ ފަހުން ނެރެފައިވާ މައުލޫމާތުގައި ބުނީ ފަރުބަދައިން ދުން ބޭރުކުރަމުން އަންނަނީ މެދު މިންވަރެއްގައި ކަމަށާއި ވަށައިގެން ދިރިއުޅޭ ސަރަހައްދުތަކަށް އަދި ނުރައްކަލެއް ނެތް ކަމަށެވެ. ދުމުގެ އަސަރު 2300 މީޓަރަށް (7545 ފޫޓަށް) މިހާރު ވަނީ ފޯރާފައެވެ.

އެކައުންޓެންޓެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އަންނަ ޑޭވިޑް ފަރުބަދަ މަތީ ސަރަހައްދުތަކުގައި ޕިއްޒާ ފިހުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގައެވެ. ފަރުބަދަތައް މަތީގައި ހޫނު މިން 800 ޑިގްރީގައި ހުންނަ ހޮހަޅަތަކުގައި، ޕިއްޒާއެއް 14 މިނިޓު ތެރޭގައި ފިހެލެވޭ އިރު މި ހޫނުގައި ފިހެލާ ޕިއްޒާގައި އާދަޔާ ހިލާފު މީރު ރަހައެއް ހުންނަކަން ފާހަގަކުރެވި މި މަސައްކަތް ކުރަން ބޭނުންވީ ކަމުގައި ޑޭވިޑް ބުނެއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޕަކަޔާ އަލިފާން ފަރުބަދައިން ދުން ބޭރުކުރަން ފެށުމުން ޑޭވިޑް ވަނީ މިސަރަހައްދަށް ބަދަލުވެ މިމަސައްކަތް ކޮށް އާއްމުންގެ ސަމާލުކަން ހޯދައިފައެވެ.