ދ. ބަނޑިދޫން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ބަނޑިދޫ ކައުންސިލް ރައީސް ހަސަން ހަނީފް "ވަން" އަށް މއުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރޯގާގެ އަލާމާތްތަކެއް ރަށުތެރެއިން ބައެއް މަިހުންގެ ފަރާތުން ފެނުމުން ރެންޑަމްކޮށް ފަސް ސާމްޕަލެއް ނެގި ކަމަށެވެ. އޭގެ ތެރެއިން މިހާރު ނަތީޖާ ލިބުނީ އެންމެ ސާމްޕަލެއްގެ ކަމަށާއި އެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ އެރަށުގައި ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހުރިހާ މެންބަރުން ޕޮޒިޓިވް ވެފައިވާ ކަމަށާއި ރޯގާގެ އަލާމާތްތައް ފެނުނީ އެމީހުންނަށް ތަކެތި އުފުލައިދީ އުޅުމުގެ ތެރެއިން ކޮންޓެކްޓް ވި މީހުންތަކެއްގެ ފަރާތުން ކަމަށެވެ.
ބަނޑިދޫ ހޮސްޕިޓަލުން ބުނީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަސްތެރޭގައި އެ ރަށު ފެމޯރާގެއަށް ވަދެ ނިކުމެފައިވާ މީހަކު ހުރި ނަމަ ލަސްނުކޮށް އެކަން ހޮސްޕިޓަލަށް އަންގާ ޓެސްޓް ކުރުމަށް އަންގާ ކަމަށެވެ.
ހަނީފް އިތުރަށް ވިދާޅުވީ ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓް ވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެރަށް މޮނިޓަރިން އަށް ލާފައި ނުވާ ކަމަށެވެ.
މުޅި ރާއްޖޭގެ އެކި ހިސާބުތަކުން ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރު ވަމުންދާއިރު މިހަރުވެސް 44 ރަށެއް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު