އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓުގައި ނަން ހިމަނާފައި އޮތީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

އިއްޔެ ލީކުކޮށްލާފައިވާ ލިސްޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން ނާޒިމްއަށް ފަސް މިލިއަން ނުވަލައްކަ ރުފިޔާ ލިބިފައިވާ ކަމަށް ވަނީ ހިމަނައިފައެވެ. އަދި މަޖިލީހުން އާންމުކުރި ލިސްޓުގައި ވެސް ނާޒިމްގެ ނަން އޮވެއެވެ. އަދި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ނާޒިމް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ކަމަށެވެ.

"މިއީ ސިޔާސީ ގޮތުން އަޅުގަނޑުގެ އަގު ވައްޓާލުމަށްޓަކައި ވަކި ބަޔަކު ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" ނާޒިމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ޖަވާބުދާރީ ވާން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރަށް ހުރި ކަމަށާއި އެފަދަ ތަހުގީގަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވައިފައެވެ.

އެމްއެމްޕީއާރުސީއާއި އެފަދަ އެއްވެސް ހިޔާނާތަކާއި އަދި ހައްގު ނޫން މުއާމަލާތަކާ ގުޅިގެން ވެސް މިއަދާ ހަމައަށް އެފަދަ އެއްވެސް ފައިސާއެއް ނުވަތަ ނުހައްގު މަންފާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 281 މީހަކަށް މަންފާވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ލިސްޓެއް އާންމުކޮށްފައިވާ އިރު، އެ ލިސްޓުގައި ތިބި ގިނަ ފަރާތްތަކަކުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.