އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުލްގައްޔޫމުގެ ކެބިނެޓުގެ 13 މިނިސްޓަރުން ހިމެނިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިީޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭގޮތަށް އެކުލަވައިލި ޖޮއިންޓް ކޮމިޓީން އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވަމުންދާ މައްސަލަ ބަަލައި އެ ކޮމިޓީން މިއަދު ނެރުނު ރިޕޯޓާއެކު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް ވަނީ އާއްމުކޮށްފައެވެ.
އެ ލިސްޓުގައިވާގޮތުން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބު ފަރާތްތަކުގެ ތެރޭގައި އެކަމުގައި އެންމެ އިސްކޮށް އުޅުނު ރައީސް ޔާމީންގެ ދެވަނަ ނާއިބު ރައީސް އަދި ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން، ރައީސް ޔާމީންގެ އެންމެ ފަހުގެ ނާއިބު ރައީސް އަދި އެމަނިކުފާނުގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބުދުﷲ ޖިހާދުގެ ނަންވެސް ހިމެނެއެވެ.
އަދީބުގެ މައްސަލައިގެ ތަހުގީގު އޮތީ، މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަމަށް ރިޕޯޓުގައި ބުނެފައިވާ އިރު، ފައިސާ ލިބުނު އަދަދެއް އެނގޭކަށް ނެތެވެ. ޖިހާދުގެ މައްސަލަވެސް އޮތީ އެ ހިސާބުގައި ކަމަށް ރިޕޯޓުން ދައްކާ އިރު، އެހެން ރިޕޯޓަކުން ބުުނެފައިވަނީ ހިޔާނާތުގެ ފައިސާއިން ޖިހާދަށް 200،000 ރުފިޔާ ލިބިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ކެބިނެޓުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި، އަބުދުﷲ ނާޒިމް އިބްރާހިމް ވެސް އެ ލިސްޓުގައި ހިމެނިފައިވެއެވެ. އޭނާއަށް ފައިސާ ލިބިފައިވާ އަދަދު ލިސްޓުގައި އެނގެން ނެތް ނަމަވެސް ތަހުގީގު އޮތީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައެވެ.
އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އައިޝާތު ޝިހާމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުވެސް ލިސްޓުގައި ހިމެނެއެވެ. އާއިޝަތު ޝިހާމާއި ދުންޔާއަށް ވެސް ތުހުމަތުކުރަނީ، 200،000 ރުފިޔާ ލިބިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް ލިސްޓުގައި ހިމެނެއެވެ. ހިޔާނާތުގެ ފައިސާއިން މަލީހަށް 200،000 ރުފިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ އިރު، އަނިލްއަށް 300،000 ރުފިޔާ އާއި 20،000 ޔޫއެސް ޑޮލަރު ދިންކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އޭރުގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ދެވަނަ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދެވަނަ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ވެސް އެ ލިސްޓުގައި ހިމެނެއެވެ.
ތޯރިގަށް 200،000 ރުފިޔާގެ ތުހުމަތެއް ކުރާ އިރު، ސައީދަށް 20،000 ޑޮލަރު ހިމެނޭގޮތުން 8.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ޝައިނީއަށް 15،000 ޑޮލަރު ހިމެނޭގޮތުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވާ އިރު، މޫސާ ޒަމީރަށް ދީފައިވާ އަދަދެއް އެނގޭކަށް ނެތެވެ. ނާޒިމަށް ލިބިފައިވާ ފައިސާގެ ޖުމުލަ އަދަދު 5.9 މިލިއަނަށްވުރެ މައްޗަށް އަރާ ކަމަށްވެސް ލިސްޓުގައިވެއެވެ.
ލިސްޓުގައިވާ ގޮތުން މޫސާ އަލީ ޖަލީލަށް ދިން ފައިސާގެ އަދަދު ދެ މިލިއަނަށް އަރާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.
މަޖިލީހުން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން ކުރީ ސަރުކާރުގެ ބައެއް މިނިސްޓްރުންނާއި އޭރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކަށާއި މަޖިލީހުގެ އޭރުގެ އަދި މިހާރުގެ ވެސް ބައެއް މެމްބަރުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް ލިސްޓުގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު