މިއަހަރުގެ ލޯތްބާއެކު ކެމްޕޭންގެ މުއްދަތު އިތުރުކޮށްފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ކުރިއަށްގެންދާ ލޯތްބާއެކު ކެމްޕޭންގެ މުއްދަތު އިތުރުކުރީ، އިތުރު ބަޔަކަށް އެ މަސައްކަތުގައި ބައިވެރިވެ، އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށްޓަކައެވެ.

އެގޮތުން އައިއޭސީން ބުނީ އެ ކެމްޕޭންގެ މުއްދަތު މިމަހުގެ 19 ވާ ބުދަ ދުވަހުގެ 18:00ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ.

ލޯތްބާއެކު ކެމްޕޭންގެ ދަށުން އައިއޭސީން އަންނަނީ ދުނިޔޭގެ ފަގީރު ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލޯތްބާއެކު ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 7770000026259 ބިއެމްއެލްގެ ރުފިޔާ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުން އައިއޭސީން އެދެއެވެ.

ލޯތްބާއެކު 2021 އާ ގުޅޭގޮތުން އައިއޭސީގެ ޗެއާމަން އަހްމަދު އިގުބާލް ފާހަގަކުރެއްވިގޮތުގައި، އައިއޭސީގެ ޕާޓްނަރެއް ކަމަށްވާ އީހާހާ (އައިއެޗްއެޗް) ގެ އެހީއާއެކު މިއަހަރުގެ ކެމްޕޭނުގައި އިތުރު ގައުމުތަކަކާއި ސަރަހައްދުތަކެއް ވަނީ އިތުރުކުރެވިފައެވެ.

ލޯތްބާއެކު ހަރަކާތުގައި މިއަހަރު 16 ސަރަހައްދެއް ހިމެނެއެވެ. އެއީ ޔަމަން، ފަލަސްތީން، ސީރިއާ، ލުބްނާން، (ލުބްނާންގައި އެހީ ފޯރުކޮށްދޭނީ ލުބްނާނުގެ ރައްޔިތުންގެ އިތުރުން ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުންނަށް)، ޖޯޑަން (ޖޯޑަންގެ ބޯޑަރު ސަރަހައްދުގައި ތިބި ސީރިއާ އަދި ފަލަސްތީނުގެ ރައްޔިތުން)، ތުރުކީ (ތުރުކީގައި ތިބި ސީރިއާ ރެފިއުޖީން އަދި ޔޫގިއާސް މުސްލިމް: ޗައިނާއިން ލިބެމުންދާ އަނިޔާތަކުން ފިލައިގެން ތުރުކީގެ އެހީގެ ދަށުގައި ތިބި ފަރާތްތައް)، ނޭޕާލް ( ނޭޕާލުގެ އާއިލާތަކުގެ އިތުރުން ނޭޕާލުގައި ދިރިއުޅެމުންދާ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީން)، މިޔަންމާ (ބުރުމާގެ ރަހީން ސްޓޭޓުގެ ރައްޔިތުން)، ބަންގުލަދޭޝް (ބަންގުލަދޭޝްގެ ފަގީރު އާއިލާތަކުގެ އިތުރުން ރޮހިންޔާ ރެފިއުޖީން) އެވެ.

މި ނުވަ ގައުމުގެ އިތުރުން މިއަހަރު އޭޝިއާ ބައްރުގެ އިތުރު ގައުމުތަކާއި އަދި މުޅިން އަލަށް އެފްރިކާ ބައްރުގެ ގައުމުތައް ވެސް މިއަހަރުގެ ލޯތްބާއެކު ކެމްޕޭނުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން އެފްރިކާ ބައްރުގެ ތެރެއިން އެހީވާ ގައުމުތަކަކީ ނައިޖާ، މާލީ، ގާނާ، ޗާޑް، ސޯމާލިއާ އަދި އޭޝިއާ ބައްރުގެ ތެރެއިން އެހީވާ އިތުރު ދެ ގައުމަކީ ސްރީލަންކާ އާއި އިންޑޮނޭޝިއާއެވެ.

މިއީ އައިއޭސީން ލޯތްބާއެކު ކެމްޕޭން ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.