ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަ ކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ މަސައްކަތް ގާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް އެޓާނީ ޖެނެރަލަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވައިފިއެވެ.

ރައީސް އެކަމަށް އިރުޝާދު ދެއްވައިފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެ ޖަލްސާގައި ރައީސް ވަނީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލަށް އިރުޝާދު ދެއްވައިފައެވެ.

އަދި މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް އެކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސް އެންގެވިއެވެ.

ރައީސް ސޯލިހު މިގޮތަށް އިރުޝާދު ދެއްވާފައި މިވަނީ، މިމަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.