ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރަކާއި ޖުވެނައިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުލް ބާރީ ޔޫސުފަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ދައްކައިފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.

އެ ލިސްޓްގައިވާ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސާއިދުގެ ކަންފަތުގެ އޮޕަރޭޝަނެއް ކުރުމަށް 20،000 ޑޮލަރު (308،400ރ.) ދީފައިވާ ކަމަށް މުހައްމަދު ހުސެއިން (އޮއިއްޓޭ) ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ދެ ފަހަރެއްގެ މަތިން 30،000 ޑޮލަރު ( 462،600ރ.) މުހައްމަދު ހުސެއިން ދީފައިވާ ކަމަށްވެއެވެ.

ލިސްޓްގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް 20،000 ޑޮލަރު (308،400ރ.) ދިން ކަމަށް އޮއިއްޓޭ ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ބުރުޒުމަގު ކައިރިން ފަސް ލައްކަ ރުފިޔާ، ބާރީއާ ހަވާލު ކުރި ކަމަށްވެސް އޮއިއްޓޭ ބުނެފައިވާ ކަމަށްވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.