ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގައި ތިރިގެއިން މިދިޔަ ހޯމަ ދުވަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 232 މެމްބަރުންގެ ތެރެއިން 124 މެމްބަރުން ވަނީ ބޮޑުވަޒީރު އޮލީއަށް އިތުބާރު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އިތުބާރު އޮތް ކަމަށް 93 މެމްބަރުން ވޯޓު ދެއްވި އިރު 15 މެމްބަރުން ވަކި ފަރާތަކަށް ޖެހިވަޑައިނުގަންނަވައެވެ.
ޖުމުލަ 275 މެންބަރުން ތިއްބަވާ ގާނޫނު ހަދާ މަޖިލީހުން ތިރިގެއިން ރުހުން އޮތް ކަމަށް ނިންމާނީ 136 މެންބަރުންގެ ރުހުން ލިބިގެންނެވެ.
އެ ވޯޓަށް އެހުމުގެ ކުރިންވެސް އޮލީގެ އިތުބާރު ނެތް ކަމަށް ނިންމާނެ ކަމަށް އޮތީ ބެލެވިފައެވެ. އެއީ ޕީޕަލްސް ސޯޝަލިސްޓް ޕާޓީ ނޭޕާލުގެ ތާއީދު ނުލިބުމާއި އޮލީގެ ކޮމިއުނިސްޓް ޕާޓީގެ އެތެރޭގެ ކޯޅުމުގެ ސަބަބުން އުފެދިފައިވާ ފެކްޝަނުން ވޯޓުގައި ބައިވެރިނުވާން ނިންމުމުންނެވެ.
އޭގެ އިތުރުން ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް 2018 ވަނަ އަހަރު ވަޑައިގެންނެވުމަށް ނޭޕާލް ކޮމިއުނިސްޓް ޕާޓީއާއެކު ހެދި ކޯލިޝަންގެ ތެރޭގައިވެސް މިފަހުން ކޯޅުން ބޮޑުވެ, އިތުބާރު އޮތްކަމުގެ ވޯޓުގެ ކުރިން އެ ކޯލިޝަންވެސް ރޫޅިގެން ދިއުން ވެގެން ދިޔައީ އޮލީއަށް ދިމާވި ގޮންޖެހުމަކަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މި ނިންމި ނިންމުމާއެކު ނޭޕާލުގެ ރައީސް ބިދްޔާ ދޭވީ ބަންދާރީ ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އާ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލައިފައެވެ. އަދި އާ ސަރުކާރެއް އެކުލަވާލެވެންދެން އޮލީ ސަރުކާރު ހިންގެވުމަށް ރައީސް އަންގަވާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ