ގެއެއްގެ ގޯތި ތެރޭގައި ހުރި ކުކުޅު ކޮށްޓަކުން ހުދު ކުލައިގެ ކުކުޅަކާއި ރަތް ކުލައިގެ ހާލެއް، ވަގަށް ނެގި މައްސަލައިގައި އޭނާ ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ސ. ހިތަދޫ އަނަފް އަބުދުﷲ އެރަށު ސަންޝައިން ވިލާ ގޯތިތެރެއަށް ވަދެ، އެގޭ ގޯތިތެރޭގައި ހުރި ކުކުޅު ކޮށިން ހުދު ކުލައިގެ ކުކުޅަކާއި ރަތް ކުލައިގެ ހާލެއް، ވަގަށް ނަގާފައިވާ މައްސަލަ އެކެވެ.

މި މައްސަލަ ބެލުމަށްފަހު، ގާނޫނުލް އުގޫބާތުގައި ވާ ގޮތުގަ މަތީން މި ކުށުގެ އަދަބެއްގެ ގޮތުން އަނަފް އަބުދުﷲ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ފުރަތަމަ ހުކުމް ކުރި އެވެ.

ނަމަވެސް އެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން، އޭނާގެ މައްޗަށް ކުރި ޖަލު ހުކުމްގެ އަދަބު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަށް، ބަދަލުކޮށް އެ ފައިސާ ހަތަރު މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރުމަށް ވަނީ ކޯޓުން އަންގައިފައެވެ.