ޖުއާނަކީ މަސްބަންދުކުރާ ފެކްޓަރީއެއްގައި މަސައްކަތްކުރާ ޒުވާނެކެވެ. އެއްދުވަހަކު މަސައްކަތް ނިންމާފައި، ފެކްޓަރީގެ މަސްފިނިކުރާ ކޮޓަރިއެއްގެ ފިނިހޫނުމިން ބަލައިލުމަށް ޖުއާން ދާން ޖެހުނެވެ.

ފިނިކޮޓަރިއަށް ވަންތަނުން ދޮރު ލެއްޕިއްޖެއެވެ. ފިނިކޮޓަރި ތަކުގެ ދޮރުތައް ހަދާފައި ހުންނަ ގޮތުން އެތެރެއިން ހުޅުވޭ ގޮތެއް ނޯވެއެވެ. އެހެންކަމުން ދޮރު ހުޅުވަން ޖުއާން ކުރި ހުރިހާ މަަަސައްކަތެއް ވީ ބޭކާރެވެ. އެހީއަށް އެދި ލެވި ހަޅޭކުގެ އަޑުވެސް ވީ ބޭކާރެވެ. ޖުއާން ފިނިކޮޓަރީގައި ތާށިވުމުގެ ފަަސްވަރަކަށް ގަޑިއިރު ފަހުން، ކުއްލިއަކަށް މީހަކު ދޮރުހުޅުވާލައިފިއެވެ. އޭރު ޖުއާން އޮތީ ހޭނެތިގެން ވެއްޓިފައެވެ. އެމީހާ ދުވެފައި އައިސް ޖުއާން ނަގައިގެން ބޭރަށް ގެންދިޔައެވެ. އަދި ފުރުމަތަ އެހީ ދީގެން ޖުއާންގެ ހޭވެރިކަން ވިއެވެ.

ޖުއާން ތެދުވެ ބެލިއިރު އެއީ ފެކްޓަރީގެ ސެކިއުރިޓީ ގާޑެކެވެ. ސެކިއުރިޓީންނަކީ ފިނިކޮޓަރިތައް ޗެކް ޖުރަން ޖެހޭ ބައެއްވެސް ނޫނެވެ. ޖުއާން ސެކިއުރިޓީ ގާޑާ ސުވާލުކުރިއެވެ. "ކަލޭގެ ޒިންމާތަކުގެ ތެރޭގައި ފިނިކޮޓަރިތައް ބެލުން ނުހިމެނޭއިރު މި ފިނިކޮޓަރި ބަލަން ކަލޭ ހިތައް އެރީ ކީއްވެގެންހެއްޔެވެ."

ސެކިއުރިޓީ ގާޑު ޖަވާބު ދިނެވެ. "މި ފެކްޓަރީގައި އެތައް ސަތޭކަ ބަޔަކު މަސައްކަތްކުރެއެވެ. އެ އެންމެންނަކީ އަހަރެން ދަންނަ މީހުނެއް ނޫނެވެ. އަދި އޭގެތެރެއިން ގިނަ މީހުން އަހަރެން ފެންނަ ކަމަށްވެސް ނަހަދައެވެ. އަހަރެންނާ ސަލާން ގޮވާލައި ހިނިތުންވެލަނީ ވަރަށް މަދު މީހެކެވެ. އެމީސްކޮޅުގެ ތެރޭގައި ކަލޭ ހިމެނެއެވެ. އަހަރެންނަށް ކަލޭ އެނގެނީ އެހެންވެގެންނެވެ."

ސެކިއުރިޓީ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އާދައިގެ މަތީން މިއަދުވެސް ކަލޭ ފެކްޓަރީއަށް ވަންނަމުން އަހަރެންނާ ސަލާން ކުރީމުއެވެ. އެހެންނަމަވެސް މަސައްކަތް ނިންމާފައި އެންމެން ނިކުމެގެން ދިޔައިރުވެސް ކަލޭގެ ވަދާއީ ސަލާމުގެ އަޑެއް އަހަންނަކަށް ނީވުނެވެ. އެތައް އިރެއް ވާންދެން މަޑުކޮށްގެން ހުރެވެސް ކަލޭގެ ހަބަރެއް ނުވުމުން، ކަލެޔަށް ކޮންމެވެސް ކަމެއްވީ ކަމަށް ހިތައި ފެކްޓަރީ ތެރެ ހޯދަން ފެށީއެވެ."

އޭރު ޖުއާން ހުރީ ފެންކަޅިވެފައެވެ. ޖުއާން އުފަލުން ސެކިއުރިޓީ ގާޑާ ސަލާން ކުރުމަށްފަހު އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކައި އިހުލާސްތެއިކަމާ އެކު ސުކުރު އަދާކޮށް ހެޔޮދުއާކުރިއެވެ.

އިބުރަތް؛ މީސްތަކުންނާ ހިތްހެޔޮކަމާއެކު ހިނިތުން ވެ ސަލާން ގޮވާށެވެ. އަދި ހާއްސަކޮށް، ތިމާޔާ ކޮންމެ ދުވަހަކު ބައްދަލުވާ މީހުންނާ ހިތްޔޮކަމާއެކު މުހާތަބު ކުރާށެވެ.

**********

ތަރުޖަމާ؛ އަހްމަދު މިސްބާހު މުނީރު