ކޮވިޑުގެ ހާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވާނަމަ، އިތުރު ފިޔަވަޅުތައް އަޅައި، މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވިދާޅުވީ ކޮވިޑުގެ އަދަދުތައް ދަށްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުމެއްޖެ ނަމަ ލޮކްޑައުނަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އޮތީ އިތުރު ފިޔަވަޅު އަޅަން ޖެހޭފަދަ ހާލަތެއްގައި ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް އަވަހަށް މިއަށްވުރެ މޫވްމަންޓް ރިސްޓްރިކްޝަންތަކެއް ގެންނަން ޖެހޭ. މޫވްމަންޓް ރިސްޓްރިކްޝަންތަކަކާއެކުވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުވާނަމަ އެކަށީގެންވޭ ލޮކްޑައުނަކަށް ދާން ޖެހުންވެސް،" ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ފާއިތުވި ދެ ހަފުތާ ތެރޭގައި ވަރަށް ބޮޑަށް ކޭސްތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި 3،000 މީހުން ޕޮޒިޓިވްވެފައިވާ އިރު، މިއީ މިހާތަނަށް އެއް ހަފުތާއެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވިއެވެ.
"އެ ހަފުތާގެ ނަމްބަރުތަކަށް ބަލައިލާ އިރު، މިއީ އޭގެ ކުރީ ހަފުތާއަށްވުރެ 75 ޕަސެންޓް އިތުރު އަދަދެއް. އެހެންވީމަ ވަރަށް ބޮޑުތަނެއް ކުއްލިއަކަށް މިވަނީ މައްޗަށް ގޮސްފަ،" ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ މީގެ ކުރިން ހަފުތާއަކު ޕޮޒިޓިވްވާ އަދަދު އުޅުނީ 900 ކޭސްގައި ކަމަށާއި އެހެންކަމުން ފާއިތުވި ދެ ހަފުތާގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު