އއ. ބޮޑުފޮޅުދޫ އާއި މ. ކޮޅުފުށި އާންމު ހާލަތަށް ގެނެސްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނީ ބޮޑުފޮޅުދޫ އާއި ކޮޅުފުށި މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ބޮޑުފޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހެކެވެ. އެރަށުން ޖުމުލަ 23 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެރަށުން ޖުމުލަ ފަސް މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އަތޮޅު ތެރޭގެ ގިނަ ރަށްތަކުގައިވެސް ދަނީ ބާރު ސްޕީޑުގައި ކޮވިޑް ފެތުރެމުންނެވެ. އެގޮތުން މިހާރުވެސް 28 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.