ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ހާލުކޮޅުގެ މައުލޫމާތު ލިބެންދެން ކުރިއަށް ގެންދިއުމަށް ފެށި ޖަލްސާ ނިންމާލައިފިއެވެ.

ރޭ ދަންވަރު އެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންދެން އެ ޖަލްސާ ނިންމާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޖަލްސާ މެދުކަނޑާލި ނަމަވެސް އެކަމުގެ އިތުރު މައުލޫމާތު ލިބިވަޑައިގަތުމާއެކު އަނެއްކާވެސް ޖަލްސާ ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

މެދުކެނޑުމަކަށް ފަހު މިއަދު ހަވީރު އަލުން ޖަލްސާ ފެއްޓެވުމަށްފަހު އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދެއްވައި އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ އެންމެ ފަހުގެ ސާޖަރީއަށްފަހު މިވަގުތު އޮންނެވީ އައިސީޔޫގައި ކަމަށާއި ގާތުން މޮނިޓާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ދެން އޮތީ ލިބިވަޑައިގަތް ގިނަ ގުނަ އަނިޔާތަކުން އެމަނިކުފާނު ފަސޭހަފުޅުވުމުގެ މަރުހަލާ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ޑޮކްޓަރުން ފަހުން މައުލޫމާތު ދެއްވާނެ ކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވޭ،" އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ބުރަ އިހުލާސްތެރި މަސައްކަތް ދެންވެސް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، ރައީސް ނަޝީދު އަލުން އަނބުރާ ރިޔާސަތަށް ވަޑައިގަންނަވަންދެން އޭނާގެ ގައިގައި ހުރި ހިތްވަރަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ތާރީހެއް އަޅުގަނޑު ދަންނަވާނަން. މަޖިލިސް ނިމުނީ،" ރޭ ދަނަވަރު ފެއްޓެވި ޖަލްސާ ނިންމަވާލެއްވިކަން އިއުލާނު ކުރައްވައި އީވާ ވިދާޅުވިއެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގަތް މަޖިދީމަގުގައި އޮތް ކާރަށް އަރައިވަޑައިގަތުމުގެ ކުރިން ވަނީ އެއްޗެއް ގޮއްވާލައިފައެވެ. އެ ހަމަލާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ އިރު ޝައްކު ކުރެވޭ އަމަލުތަކެއް ހުރި ހަތަރު މީހަކު އެ ސަރަހައްދުގައި ރޭ އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.