ދޯސްތާނާ 2 އިން ކަރްތިކް ވަކިކުރުމުގެ މައްސަލައިގެ އަސްލު ސަބަބު ގުޅެނީ ޖާންވީއާ ކަމަށް ބެލެވެން ފަށައިފިއެވެ.

ކަރްތިކް އާރްޔަން އަދި ޖާންވީ ކަޕޫރު ފެނިގެންދާ ފިލްމު ކަރަން ޖޯހަރުގެ ދޯސްތާނާ 2 އިން ކަރްތިކް ކުއްލިއަކަށް ވަކިކުރުމުން ގިނަ ބަޔަކު ވަނީ ކަރަން ޖޯހަރަށް ފާޑުކިޔައި ތަފާތު ތުހުމަތުތައް ކޮށްފައެވެ.

ކަރަން ޖޯހަރަކީ އަބަދުވެސް ނެޕޮޓިޒަމްގެ ތުހުމަތު ކުރެވޭ މީހެއް ކަމުން މިކަންވެސް އާއްމުން ގުޅުވާލާފައި ވަނީ އެ ސަބަބަށެވެ.

ނަމަވެސް ގިނަ މީހުންނަށް ނޭނގި އޮތް ކަމަކީ ކަރްތިކާއި ޖާންވީއާ ދެމެދު އުފެދިފައި އޮތް ލޯބީގެ ގުޅުމުގެ ސަބަބު މިކަމުގެ އަސްލަކަށް ވެދާނެކަމެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މި ދެތަރިން ވަނީ ރަށްޓެހިވެގެން އުޅުމަށްފަހު މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި ރުޅިވެފައެވެ. މިގުޅުން ނިމުމަކަށް އައިސްފައިވުމުގެ ސަބަބުން ޖާންވީއާއެކު މަސައްކަތްކުރުމަށް ކަރްތިކަށް އުނދަގޫ ވެ، ޝޫޓިންތައް ކެންސަލް ކުރުމަށް އެތައް ބަހަނާތަކެއް ދައްކަމުން އައިސް ޝޫޓިންތައް ލަސްކުރަން ޖެހިފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. ދެތަރިންގެ ލޯބީގެ ގުޅުމަށް ނިމުން އައި ހިސާބުން ފިލްމުގެ ސެޓުގައި އެކަކު އަނެކަކާ ވާހަކަ ދައްކާފައި ނުވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ކަރްތިކް ވަނީ ފިލްމުގެ ޕްރޮޑިއުސަރުންގެ ކިބައިން ޖާންވީ ފިލްމުން ވަކިކޮށްދީފިނަމަ ކަރްތިކް ފިލްމު ކުޅެދޭ އަގު ތިރިކުރަން ތައްޔާރަށް ހުރިކަމުގައިވެސް ބުނެފައިކަމަށް މައުލޫމާތު ލިބެއެވެ.

މިސަބަބުތަކާ ހުރެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރަށް މިކަމަށް ގޮތެއް ނިންމުންވީ އުނދަގޫ ކަމަކަށެވެ. ކަރްތިކް އާއެކު ފިލްމުގެ 60 ޕަސެންޓް ޝޫޓިން ނިންމާފައި އޮތުމުން އަލުން ޝޫޓުކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހި، ފިލްމުގެ ބަޖެޓު އިތުރަށް ބޮޑުވެގެން ދެއެވެ.

ކަންމިހެން ހުރިނަމަވެސް ކަރަން ނިންމީ ކަރްތިކް ވަކިކޮށް އާ ތަރިއަކާއެކު ޝޫޓިންތައް އަލުން ނެގުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަރްތިކްގެ ބަދަލުގައި އޭނާގެ ރޯލުން ފެނިގެންދާނެކަމަށް ބެލެވުނު ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ސިދާތު މަލްހޯތުރާ، ވަރުން ދަވަން، ރާޖް ކުމާރު ރާއޯ، ސިދާތު ޗަތުރުވެދީ ހިމެނެއެވެ.

މިފިލްމުން ކަރްތިކު ވަކިކުރުމުގެ އަސްލު ސަބަބާއިގުޅޭގޮތުން ރަސްމީކޮށް ކަރަން ޖޯހަރު އަދި ކަރްތިކްވެސް އަދި މިވީހާ ތަނަށް ބަޔާނެއް ނެރެފައެއް ނުވެއެވެ.