ރެސްޓޯރަންޓާ ކައިރިވިތަނާ އަހަރެންނަށް ހުއްޓެވިއްޖެއެވެ. އެއީ މަންމަކަން އިނގުމުން އަހަރެންނަށް ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ނޭނގުނެވެ. ވަގުތުން އަހަރެންނަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. އިނގުނީ ދެލޮލުން ކަރުނަތަކެއް ފައިބައިގެން ދިޔަ ކަމެވެ. އެކަމަކު ހިތުގައި ސުވާލުވެސް އުފެދުނެވެ. މިފަދަ ދަން ވަގުތެއްގައި މަންމަ އެތަނުގައި ހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

ކުރިއަށް ހިނގައިގަނެފައިވެސް މާމަ އާއި ވިއާން ހުއްޓުނީ އަހަރެންގެ ހަބަރެއް ނުވުމުންނެވެ. ފަހަތް ބަލައިލާފައި ދެން އެ ދެމީހުންގެ ނަޒަރު ސީދާކޮށްލީ އަހަރެން ބަލަހައްޓައިގެން ހުރި ދިމާލަށެވެ.

"ސުބްހާނަﷲ. މާތްރަސްކަލާނގެ ކުޅަދުންވަންތަކަން" މާމަ ބުނެލިއެވެ. އަހަރެން ބަލައިލި އިރު ވިއާން ކަޅިޖަހައިވެސް ނުލާ ހުރީ މަންމައަށް ބަލަހައްޓައިގެންނެވެ. އަހަރެން ވިއާނަށް ބަލަހައްޓައިގެން ހުއްޓާ މަންމައާ ދިމާލަށް ކުރިން ހިނގައިގަތީ މާމައެވެ. އަހަރެން ވިއާން ކުރިމަތީގައި ހުއްޓިފައި ވިއާނަށް އަހަރެންގެ އަތް ދިއްކޮށްލީމެވެ. ހައިރާންކުރުވަނިވި ބެލުމަކުން އަހަރެންނަށް ބަލައިލާފައި ވިއާން އަހަރެންގެ އަތުގައި ހިފިއެވެ. ދެން އަހަރެން ހިނގައިގަތީ މަންމައާ ގާތަށެވެ.

"މަންމާ،" މަންމައާ ގާތަށް ހުއްޓިފައި އަހަރެންނަށް ގޮވައިލެވުނެވެ. އަހަރެންނަށް މަންމަ ބަލައިލިއެވެ. އެވަގުތު މަންމަގެ ދެލޮލުން އަހަރެންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. އަހަރެންނަށް މަންމަގެ ގައިގައި އޮޅުލައިގަނެވުނެވެ.

"މަންމާ، އަޅުގަނޑަށް މައާފުކުރޭ. ޒިޔާން ޖަލަށް ދާން ޖެހުނީ އަޅުގަނޑުގެ ސަބަބުންނެއް ނޫން. އަޅުގަނޑު ރިޕޯޓެއް ނުކުރަން" އަހަރެން ކިޔަމުން ދިޔައިމެވެ.

"މަންމައަށް އިނގޭ. ޒިޔާނަށް އޭނާ ކުރި ކުށުގެ ހައްގު އަދަބު ލިބެން ޖެހޭނެ" ގަޔާ އަހަރެން ދުރުކޮށްލާފައި އަހަރެން ކޯތާފަތުގައި ފިރުމައިލަމުން މަންމަ ބުނެލިއެވެ. ލަސްލަހުން މަންމަގެ ނަޒަރު އަހަރެންނަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި ވިއާނަށް ހުއްޓުނެވެ. ދެތިން ފިޔަވަޅު ވިއާނާ ގާތަށް މަންމަ އެޅިއެވެ. އަދި ގާތުން ވިއާންގެ މޫނަށް ބަލައިލާފައި ދެން ބަލައިލީ މާމައަށެވެ. މާމަ ބޯޖަހައިލި މަންޒަރު އަހަރެންނަށް ފެނުމުން މަންމަގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔަ ތަން ފެނުނެވެ. މާމަ އާއި މަންމަ އާ ދެމެދުގައި ބަސްމޮށުންތެރިކަމަކާ ނުލާ ވާހަކައެއް ދެކެވިއްޖެކަން އަހަރެންނަށް އިނގުނެވެ.

"ދަރިފުޅާ. މަންމަގެ ދަރިފުޅާ" ތުރުތުރު އަޅަމުން ދިޔަ މަންމަގެ އަތް ވިއާންގެ މޫނަ ގާތްކުރަމުން ދިޔައިރު ދުރުބަލަން ހުރި ވިއާން އަވަސް ނޭވާތަކެއް ލަމުން ދިޔައެވެ. އޭނާގެ ދެެެެެެލޮލުން ފައިބަމުން ދިޔަ ކަރުނަތައް މިވަގުތު އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފައިވާކަން ދޭހަވެއެވެ. މަންމަގެ އަތްތިލަ ވިއާންގެ މޫނުގައި ޖެހުނު ވަގުތު ވިއާން ދެލޯ މަރާ ބާރުކޮށްލި މަންޒަރު އަހަރެންނަށް ފެނުނެވެ. އެވަގުތު އަހަރެން ކައިރިއަށް ޖެހިފައި ވިއާންގެ އަތްތިލައިގައި ބާރަށް ހިފަހައްޓައިލީމެވެ.

"ހުރިހާ ވާހަކައެއް ދައްކާނީ މިތަނުގައެއް ނޫން. ހިނގާ ގެއަށް ދާން" ފަހަތުގައި ހުރި މާމަ ބުނެލިއެވެ. އެވަގުތު މަންމަ މާމައަށް ބަލައިލިއެވެ.

"އަހަރެން...އަހަރެން" މަންމަ އެއްޗެއް ބުނަން އުޅުނެވެ.

"މާޖިދާ ހުންނަނީ ކޮންތާކު؟ މިތާ މިވަގުތު ކީއްތިކުރަނީ؟" މާމަ އެހިއެވެ.

"ބަނޑުހައިވެގެން. ކާއެއްޗެއް އެންމެ ފަހުން ކެއީ އިއްޔެ މެންދުރު. އެއީ އަތުގައި އޮތް ވިހި ރުފިޔާއިން ހޮޓަލަކުން ބަތެއް ގަނެގެން. ޒިޔާން ދިޔައިރު ގަނެފައި ހުރި ކުޑަ ރިހާކުރު ފުޅިއެއް ކޮޓަރީގައި އެބަހުރި. ބާކީ އޮތް ދިހަ ރުފިޔާ ހިފައިގެން މިހެންލާފަ މިދަނީ" މަންމަ ކިޔައިދިނެވެ. އަހަރެންގެ ހިތްހަލާކުވި ފަދައެވެ.

"މަންމަ ތިހާލުގަވެސް އެކަނި ތިހުންނަނީ ކީއްކުރަން؟ އަޅުގަނޑު މަންމަ ފޯނަށްވެސް ގުޅިން ނިވާފައޭ ބުނަނީ" އަހަރެން ބުނީމެވެ.

"ނިވާފައެއް ނޫން. ލަބީބު ހަލާކުކޮށްލީ. ޒިޔާން ހައްޔަރުކުރިކަން އިނގުމުން އޭނަ މާލެ އައިސްފައި މަންމައާ ބައްދަލުކުރި. ގެއަށް އައިސް މަންމައަށް ވަރަށް އެއްޗެހި ގޮވި. އޭނަ ބޭނުންވީ އަނެއްކާ އޭނާގެ އަތްދަށަށް މަންމަ ގެންދަން. ގުޅައިގެން މައްސަލަ އަނބުރާ ގެންދަން ދަރިފުޅަށް މަޖުބޫރުކުރަން. އެގޮތް މަންމަ ބޭނުންނުވީ. ކިހާ ދުވަހަކު ލަބީބު ބުނިގޮތަކަށް ކަންތައްތައް ކޮށްގެން އަންބެއްގެ ބަދަލުގައި އޭނަގެ އަޅަކަށް ވެގެން އަހަރެން އުޅުނީ. މިހާރު އަހަރެންނަކީ އޭނަގެ އަންބެއް ނޫން. މިހާރު ވަކިން ކީއްވެ އޭނަ ބުނާ ގޮތް ހަދަންވީކީ؟ އެ އަނިޔާވެރިޔާގެ ސަބަބުން އަހަރެންގެ މިދެއަތުން އަހަރެންގެ ނުކުޅެދުންތެރިކަމެއް ހުރި ކުޑަކުޑަ ދަރިފުޅު ދުރުކޮށްލީ. އަހަރެން ދުވަހަކުވެސް އެ ފިރިހެނާއަށް މަޢާފެއް ނުކުރާނަން" މަންމަ ވާހަކަދެއްކިއެވެ.

އެ ހުރިހާ ވާހަކައެއް ދެއްކި އިރު ވިއާން ދުރަށް ބަލަހައްޓައިގެން އަޑުއަހަން ހުއްޓެވެ. އޭނާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ.

"ދެން ތިވަރަށް ނުރޮއި. މަންމަ ބަލިވެދާނެ. ހިނގާ އަޅުގަނޑުމެންނާ އެކު ގެއަށް ދާން" މަންމަގެ ދެލޯ ކައިރި ފޮހެލައިދީފައި އަހަރެން ބުނީމެވެ.

"ނޫނޭ ދަރިފުޅާ. މިދަރިފުޅުގެ ކުރިމަތީގައި މަންމައަކީ ބޮޑު ކުއްވެރިއެއް. މި ދަރިފުޅު ކުރިމަތީގައި ދިރިއުޅޭން މި މަންމަ ލަދުގަނޭ. މަންމަ މަރުވަންދެން އެ ކޮޓަރިގަނޑު ތެރޭގައި އޮންނަން ބޭނުންވަނީ. މިއަދު މަންމައަށް މިހާ ނިކަމެތި ހާލެއްޖެހިފަ މިހުރީ މަންމަ ގަބޫލުކުރާ ގޮތުގައި އެކަމުގައި މަންމަގެ އިހުމާލެއްވެސް އޮވެގެން. މަންމައަށް އިނގޭ ދަރިފުޅަކީ އަހުލާގު ރަނގޅު ކިޔަމަންތެރި ދަރިއެއްކަން. މަންމަ ކީއްކުރަން އެއްވެސް އިންސާނަކަށް ދެރަގޮތެއްވާން ދަރިފުޅު ނޭދޭނެކަން. މަންމަ މިއަދު އުފާކުރަން. ދަރިފުޅު ދެވަނަ ކައިވެންޏެއް ކުރަން ތިއުޅެނީ މިފަހަރުވެސް މަންމަގެ ދަރިއަކާ. ހެއްދެވި ފަރާތުން ދަރިފުޅު މަންމައާ ދުރުނުކުރެއްވި. އެވަރުން މަންމައަށް ފުދޭ" ރޮއެރޮއެފައި މަންމަ ވާހަކަދެއްކިއެވެ.

އަހަރެންނަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ރޮވިއްޖެއެވެ. އަހަރެމެންނާއެކު މަންމަ ގެއަށް ނުދާނެކަން އިނގުމުން މާބޮޑަށް ހިތުގައި ޖެހުނެވެ. އަހަރެން ބޭނުންވީ މާމަ މެދުވެރިކޮށް މަންމަގެ ވިސްނުން ބަދަލުކުރާށެވެ. ވިއާން ހުރީ ވާހަކަދެއްކޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

"މާމާ" އަހަރެން ގޮސް ހުއްޓުނީ މާމަ ކުރިމަތީގައެވެ. މާމަ އަހަރެންނަށް ބަލައި ލިރު މާމަގެ ދެލޮލުންވެސް އަހަރެންނަށް ކަރުނައެއް ފެނުނެވެ.

"މާމާ، މަންމަ އެއްބަހެއް ނުވި ގެއަށް ދާކަށް. ނިކަން މާމަ ބުނެބަލަ މަންމަ ގަތުގަ. މަންމަ މާމަގެ ބަސް ގަބޫލުކުރާނެ. މަންމަ ދޫކޮށްލާފަ މިތަނުން ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅުގަނޑަށް ނޭޅޭނެ" އަހަރެން ވާހަކަދެއްކީމެވެ. މާމަ ބަލައިލި ހިމޭންވެފައި ހުރި ވިއާނަށެވެ. ދެން އަހަރެންނަށެވެ. މާމަގެ ސިކުނޑީގައި އެނބުރެމުން ދަނީ ކޯޗެއް ކަމެއް ނޭނގެއެވެ.

"މާޖިދާ އެބުނީ ރަނގަޅަށް. އޭނަ އަހަރެމެންގެ ތެރެއަށް ގެންދަނީ ކީއްކުރަން. މާމަ ބޭނުމެއްނޫން އަނެއްކާ ގޭތެރެއަށް ބޮލެއް އިތުރުކުރާކަށް. އަނެއްކާ ލަބީބު އަހަރެމެންގެ ގެއަށް އައިސް މައްސަލަތަކެއް ހިލުވާލައިފާނެ. އެހެންނޫނަސް ވިއާންވެސް އެހާ ރުހޭ ހެނެއް މާމައަކަށް ހިއެއްނުވޭ" ފަރުވާކުޑަ ގޮތަކަށް މާމަ ބުނެލިއެވެ. އެހިނދު ވިއާންގެ ނަޒަރު މާމައަށް ހުއްޓުނެވެ.

"މާމާ...،" އެބަސްތައް ބޭރުވެގެން އެދިޔައީ މާމަގެ ދުލުން ކަމެއް އަހަރެންނަށް ގަބޫލެއް ނުކުރެވުނެވެ.

"މާލޭގަ އުޅެވޭނީ ހަރަދަށްވެސް ބަލައިގެން. އަހަރެމެން ކައިގެން ހިނގާ ގެއަށް ދަމާ" މާމަ ބުނެލިއެވެ. ވިއާން މާމަގެ މޫނާ ނަޒަރު ވަކިކޮށްލި ވަގުތު މާމަ އަހަރެންނަށް އިޝާރާތެއް ކޮށްލިއެވެ. އޭގެ މާމަ އަހަރެންނަށް ފަހުމްވާން ހިނދުކޮޅެއް ނެގިއެވެ.

"މަންމަ އެބުނީ ރަނގަޅަށް. ދަރިފުޅުމެން ލަސްނުވަނީސް އަވަހަށް ގެއަށް ދޭ. މަންމަވެސް މިހެންލާފައި މިދަނީ ގެއަށް ދާންވެގެން" އެހެން ބުނެފައި މަންމަ ކުރިއަށް ހިނގައިގަތެވެ. ވިއާންގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނާތީ އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ. ވިއާނާ ދިމާލަށް ދާން އުޅެނިކޮށް މާމަ އަހަރެން ހިފެހެއްޓިއެވެ. ބަލަބަލާ ހުއްޓަ އިރުކޮޅަކުން ފެނުނީ ވިއާން ފަހަތަށް އެނބުރުނު ތަނެވެ.

"މަންމާ،" ރޮވިފައިވާ އަޑަކުން ވިއާން ގޮވައިލި އަޑު އިވުނެވެ. ހުރި ހިސާބުގައި މަންމަގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ވިއާން ގޮސް ހުއްޓުނީ މަންމަގެ ކުރިމަތީގައެވެ.

"މަންމަ ދާނީ އަޅުގަނޑާއެކު ގެއަށް" އެހެން ބުނެފައި ވިއާން ދެން އައިސް ހުއްޓުނީ މާމަ ކުރިމަތީގައެވެ.

"މާމަ، އަޅުގަނޑު ބޭނުން މަންމަވެސް. ޕްލީޒް މާމަ ބުނި ބަސްތައް އަނބުރާ ގެނޭ" ވިއާން ބުނެލިއެވެ. މާމަ ހީލިތަން ފެނުނެވެ. އަހަރެންނަށްވެސް ހެވުނެވެ.

"މާމަގެ މޮޔަ ދަރިފުޅާ، މާމަ މިއީ ހަމަ އެހައި ގޯސް މީހެއްތަ؟ އަވަހަށް ހިނގާ ގެއަށް ދާން" ވިއާންގެ ބޮލުގައި ފިރުމައިލަމުން މާމަ ބުނެލިއެވެ. އޭރު މަންމަ ހައިރާންވެފައި އަހަރެމެންނަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާވެސް ވިއާން ގޮސް ހުއްޓުނީ މަންމަ ކައިރީގައެވެ.

"އަޅުގަނޑު ގަބޫލުކޮށްފިން ތިއީ އަޅުގަނޑުގެ މަންމަ ކަމަށް. ގެއަށް ދާން ހިނގާ. މަންމަ މިތަނަށް ދޫކޮށްލާފައި އަޅުގަނޑު ގެއަކަށް ނުދާނަން. މިރޭ މަގުމައްޗަށް ނިކުތީ ކޮންމެހެން މަންމައާ ބައްދަލުވެދާނެ ކަމުގެ މާބޮޑު އުންމީދެއް އޮވެގެނެއް ނޫން. އެކަމަކު ހެއްދެވިފަރާތުގެ ރޭވުންތެރިކަން އެހެން ހުރިހާ ކަމަކަށް ވުރެ މޮޅު. މަންމަގެ ތިކަރުނަތަކަށް ފުރަގަސްދީފައި އަޅުގަނޑު ގެއަށް ދާ ތަނުން މަރުވެއްޖިއްޔާ އަޅުގަނޑަށް ﷲގެ ހަޒްރަތުން އަންނާނީ ގަދަފަދަ އަޒާބެއް. މިރޭ މަންމަ އަޅުގަނޑާ ބައްދަލުކުރުވާ ހެއްދެވި ފަރާތުން އަޅުގަނޑަށް އިޝާރާތެއް ދެއްވައިފި. މިއީ އަޅުގަނޑުގެ ހެޔޮކަމުގެ ތިލަފަތަށް އިތުރުވި ބޮޅެއް" ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އަހަރެންނަށް މާމަގެ އަތަށް ބާރުކޮށްލެވުނެވެ.

އެބަސްތައް އިވިގެން އެދިޔައީ ހަަމަ އަހަރެންގެ ވިއާންގެ ދުލުންބައޭ ހިތަށް އެރިއެވެ. ކަރުނަތަކާއެކު ހެމުން މަންމަ ދިޔައެވެ. ބަލާ މީހަކަށް ހީވާނީ މަންމަ މޮޔަވެފަ ހުރި ހެންނެވެ.

"މަންމަ އަޅުގަނޑާއެކު ގެއަށް ދާނަންތަ؟" ވިއާން އެހިއެވެ. ވިއާންގެ ދެއަތުގެ ތެރޭގައި މަންމަގެ ދެއަތްތިލަ އޮތެވެ. ވިއާންގެ މޫނަށް ބަލަހައްޓައިގެން ހުރެ މަންމަ ބޯޖަހަމުން ދިޔައެވެ.

"ދެން ހިނގާ އަވަހަށް ކައިގެން ގެއަށް ދަމާ" މާމަ ބުނެލިއެވެ.

"ގެއަށް ގޮސްފައި ކާނީ. އަޅުގަނޑު ދެއަތުން ކާއެއްޗެއް ތައްޔާރުކޮށްގެން މަންމައަށް ކާންދޭނީ. މަލް، ކާރަކަށް ގުޅާބަލަ. މަންމަ އެހެރީ ވަރަށް ވަރުބަލިވެފަ" ވިއާން ބުނެލިއެވެ. އަހަރެން އަވަސްވެލީ ވިއާން ބުނި ފަދައިން ކަންތައްތައް ކުރާށެވެ.

ގެއަށް ވަދެވުނުއިރު ހުރީ ގަޑިން އެގާރަ ޖެހުމާ ގާތްވެފައެވެ. މަންމަގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބައިންދާފައި އަހަރެން ހިންދެމިލީމެވެ. މަންމަ ހިތްހަމަޖައްސައިލުމަށްޓަކައި ޓީވީވެސް ހުޅުވީމެވެ.

"މަލް، ދަރިފުޅު ހެދުން ބަދަލުކޮށްލައިގެން ނިކުމެބަލަ. މާމަ މި ވަންނަނީ ބަދިގެއަށް" ކޮޓަރި ދޮރުމަތީގައި ހުރި މާމަ ބުނެލިއެވެ. އެ އަޑަށް މަންމަ ކައިރީގައި އިން ވިއާން ތެދުވެގެން ގޮސް މާމަގެ އަތުގައި ހިފައިފިއެވެ.

"މަލްވެސް މާމަވެސް ހެޔޮ ބަދިގެއަށް ނަޔަސް. އަޅުގަނޑު ވަރަށް އަވަހަށް އެއްޗެއް ތައްޔާރުކޮށްލާނަން" ވިއާން ބުނެލިއެވެ.

"އެކަމަކު ކޮންމެ ކޮންމެ އެއްޗެއް މާމައަކަށް ނުއެއް ކެވޭނެެއްނު" އަހަރެން ބުނީމެވެ.

"މިއަދު މެންދުރަށް މާމަ ތައްޔާރުކުރި ފެނު ކެއްކި ތަރުކާރީކޮޅެއް ހުންނާނެ. ކިރުތައްޓަކާއެކު ރަނގަޅުވާނެ. މިހާ ލަސްވީމަ ބަތެއް ނުކެވޭނެއްނު" މާމަ ބުނެލިއެވެ.

ވިއާން ބަދިގެއަށް ވަނުމުން އަހަރެން ކޮޓަރިއަށް ވަނީ ހެދުން ބަދަލުކޮށްލާށެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރެ ވެވުމާއެކު އަހަރެންނަށް ހަށީފުރާ ނޭވައެއް ދޫކޮށްލެވުނެވެ. ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރިން ހުރިތަނަށް ހެއްދެވި ފަރާތަށް ޝުކުރުގެ ސަޖިދައެއް ޖެހީމެވެ. އެކަލާނގެ އިރާދަނުކުރެއްވިނަމަ މިއަދު މަންމައާ ބައްދަލުނުވީހެވެ. އެކަލާނގެ އީ ވަގުތުފާއިތުވުމުގެ ކުރިން ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ބަދަލުކޮށްދެއްވާ ރަސްކަލާނގެއެވެ. އެންމެ ކުޅަނދުންވަންތަ މަތިވެރި އިލާހެވެ. އެންމެ އޯގާވަންތަ އަދުލުވެރި، އިންސާފުވެރި ރަސްކަލާނގެއެވެ.

ކޮޓަރިން ނިކުތްއިރު މަންމަ ކައިރީގައި ސޯފާގައި މާމަ އިނެވެ. ވިއާނަށް އެހީވާން ބަދިގެއަށް ދާން އުޅެނިކޮށް އަހަރެންގެ ކަންފަތް ހުއްޓުނީ މާމަ އާ މަންމަ ދައްކަމުން ދިޔަ ވާހަކަތަކަށެވެ. އެހެންކަމުން އަހަރެންގެ މިސްރާބު ބަދަލުކޮށްލީ މަންމަމެން ކައިރިއަށް ދާށެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރަނީ ތިއީ އަހަރެންގެ އުފަން މަންމަގެ ގޮތުގަ. އޭރުވެސް މިހާރުވެސް ތި މަންމަގެ ފަރާތުން އަހަރެންނަށް ލިބުނީ ހެޔޮ ނަޞޭޙަތް. މަންމައާ މެދު މިއަދު އަހަރެން ފަހުރުވެރިވޭ. ވިއާން އިސްލާމްދީނަށް ހާނުވާފައި ހުރިކަން ވަރަށް ރަނގަޅަށް އަހަރެންނަށް އިނގި ސާފުވެއްޖެ. އެދަރި މިއަދު އަހަރެން ގަބޫލުކޮށް އަހަރެންގެ އަތުގައި ހިފުން އެއީ މަންމަގެ ހެޔޮ ތަރުބިއްޔަތު" މަންމަ ވާހަކަދައްކަމުން ދިޔައެވެ.

"އެކަމަކު އަހަރެންގެ ވީނާ.... ހެހެހެ..." މަންމަގެ ދުލުން ވޭނީ ހުނުމެއްގެ އަޑު އިވިލިއެވެ.

"އަހަރެންނަށް އިނގޭ ކޮންމެސް ދުވަހަކުން ވިއާން ހުންނާނީ އެހެންކަން. އަދިވެސް އެއީ ހަމަ ވީނާގެ މޫނުކޮޅު. ކުޑަވެސް ތަފާތެއް ނެތް" މަންމަ ބުނެލިއެވެ. އަހަރެން އެއްފަރާތުން އިށީންކަން އިނގުމުން މަންމަ އަހަރެންނަށް ބަލައިލާފައި ހީލިއެވެ. އަދި ދެލޯކައިރި ފޮހެލިއެވެ.

"އަހަރެންނަކީ ވަރަށް ނަސީބުގަދަ މީހެއް. މިއަދު އަހަރެންގެ ވަށައިގެންވި ކޮންމެ މީހަކު އެއީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހުން. ޒިޔާންވެސް ހެޔޮ މަގަށް ރުޖޫއަވެގެން އަންނާނެ ނަމައޭ ހިތަށް އަރާ. އެ ދެކުދިން އެކުވެރިންގެ ގޮތުގަ އެއްގޭ ތެރެއިން ފެންނާނެނަމައޭ ހިތަށް އަރާ. އެކަމަކު... އެކަމަކު އެއީ ވުމަށް ވުރެން ނުވުން ގާތް ކަމެއް. ދެ ކުދިންވެސް ލޯބިވާނީ އެއް އަންހެނެއް ދެކެ ކަމެއް ކިހިނެއް އިނގޭނީ؟ މިއީ ހަމަ ހެއްދެވިފަރާތުގެ ރޭވުންތެރިކަން. ޒިޔާން ޖެހޭނީ ހަގީގަތް ގަބޫލުކޮށް މަލް އެއީ ފަހަރިއެއްގެ ގޮތުގަ ބަލައިގަންނަން. ކުރިން ވެފައި އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ" މަންމަ ވާހަކަދެއްކިއެވެ.

"މަންމަ ބޭނުންވަނީ ވިއާނާ ޒިޔާން އެކުގަ އުޅޭތަން ބަލަން އެކަނިތަ؟ ވީނާ އެއީ މަންމަގެ ދަރިއެއް ނޫންތަ؟ މަންމަ ބޭނުމެއްނުވޭތަ ވީނާ ދެކިލަން. އެކުއްޖާ ދެކިލާހިތުން މައި ލަގޮނޑިއަށް ބާރެއް ނުކުރޭތަ؟" އަހަރެން އެހީމެވެ. މަންމަ އަހަރެންނަށް ބަލަހައްޓައިގެން އިނީ ހައިރާންކުރުވަނިވި ބެލުމަކުންނެވެ. އެބެލުން އަހަރެންނަށް އުނދަގުކުރުވިއެވެ. މަންމަ ޖަވާބެއް ނުދޭތީ ކުޑަކޮށް ހިތަށް އުނދަގުވިއެވެ. ވީނާ ވީތަނެއް ކުޑަމިނުން މާމަ ކައިރީގައި އަހައިލުންވެސް މަންމައަށް މުހިންމު ކަމަކަށް ނުވިއެވެ.

"މަންމައަށް އިނގޭ މަންމަގެ ވީނާ ވީތަނެއް. އެއީ މިހާރު އާއިލާދެކެ ލޯބިވާ ހަރުދަނާ ޒިންމާދާރު ދަރިއެއް. އެއީ މަންމަގެ"

"ކޮބާ އަވަހަށް އާދޭ" މަންމައަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ވިއާން އައިސް ހުއްޓުމުންނެވެ. ހީލާފައި މަންމަ ހިފީ ވިއާން ދިއްކޮށްލައިގެން ހުރި އަތުގައެވެ. މަންމަގެ އަތުގައި ހިފައިގެން ކުރީގައި ހުރެ ވިއާން ދިޔައިރު އަހަރެންނާ މާމަ ދިޔައީ ފަހަތުންނެވެ. ވިއާންގެ ބަދަލުވެފައިވާ މިޒާޖު ފެނި މާމަ އަހަރެންގެ މޫނަށް ބަލައިލާފައި ހިނިތުންވެލިއެވެ.

މޭޒު ކައިރީގައި މަންމަ ބައިންދާފައި ތަށި ކައިރިކޮށްދިނީ ވިއާނެވެ. ތައްޓަށް ހޫނުކޮށް ހުރި ނޫޑްލްސް އަޅައިދީފައި މަންމަގެ އަނގައިގެ ލަވައި ކާންދިނީ ވިއާނެވެ. ވިއާންގެ އަތުން މަންމަގެ އަނގައަށް ކާއެތިކޮޅު ލަވައި ކޮންމެ ފަހަރަކު މަންމަގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓެއެވެ. އެމަންޒަރު އަހަރެންނަށް ވީ ވަރަށް ހިތްދަތި ކުރުވި މަންޒަރަކަށެވެ.

"މަންމަ ނިދާނީ އަޅުގަނޑު ކައިރީގަ" އަހަރެން ބުނީމެވެ.

"އުނހު. މަންމަ ނިދާނީ އަޅުގަނޑުގެ ކޮޓަރީގަ. ދޯ މަންމާ" ވިއާން ބުނެލިއެވެ. ވިއާން އަތުގައި ހިފައިފައި މަންމަ ބޯޖަހައިލިއެވެ.

"މާމާ ކައިވެނީގެ ފަހުން އެންމެން ހުޅުމާލެއަށް ބަދަލުވާ ގޮތަށް އަޅުގަނޑު ހަމަޖައްސައިފިން. އަޅުގަނޑަށް އޮފީހުން ދިން ތިން ރޫމުގެ އެޕާޓްމަންޓްގެ ހުރިހާ ކަމެއް ނިމި މާދަމާ މެންދުރަށް ތަޅުދަނޑި ލިބޭނެ. އެތަނުގައި އުޅޭނީ މި ހަތަރު މީހުން" ވިއާން ވާހަކަދެއްކިއެވެ.

"އެހެންވީމަ ބުރަކަމެއްތާ ދޯ. މިހުރިހާ އެއްޗެހި ގެންދަންވެސް ޖެހޭނެއްނު" މާމަ ބުނެލިއެވެ.

"ނޫނޭ. މިތަނަށް އަދި އެބައިން ބާކީ ދިހައަހަރު. އެހެންވީމަ މިތަން ފަރުނީޗަރާ އެއްކޮށް ކުއްޔަށް ދޫކޮށްލާނީ. މިހާރު އިންނާނީ އިއުލާންވެސް ކޮށްފަ. ހީވަނީ ހަފްތާއެއްހާ ދުވަސްތެރޭގަ ތަން ބަލަން މީހުން އަންނަން ފަށާނެހެން" ވިއާން ބުނެލިއެވެ.

"ކިހާ ވަރަކަށް" މާމަ އެހިއެވެ. މާމަގެ ފަރާތުން އެސުވާލު އަންނާނެކަން ކުރިންވެސް އަހަރެންނަށް އިނގެއެވެ. މާމަ ދެކޭ ގޮތުގައި އަމިއްލަ ވަޒަން ދޫކޮށްލާފައި އަތޮޅުތެރެއިން މާލެ ބަދަލުވެގެން އުޅޭ ކޮންމެ މީހަކީ ނިކަމެއްޗެކެވެ. ނުހައްގުން އެއްވެސް މީހެއްގެ އަތުން ބޮޑެތި ފައިސާ ހޯދުމަކީ މާމަ ތަރުހީބު ދޭ ކަމެއް ނޫނެވެ. މާމަ ދެކޭ ގޮތުގައި މާމަގެ ފައިސާގައި ނިކަމެތިންނަށް ހިއްސާވާ ބައެއް ވެއެވެ.

"ތިން ކޮޓަރި ބޮޑު ސިޓިން ރޫމަކާ ދެ ބެލްކަންޏާއެކު ފަނަރަ ހާސް ރަނގަޅެއްނު. އެއްވެސް އެޑްވާންސެއް އަޅުގަނޑު ނުނަގަން" ވިއާން ބުނެލިއެވެ. މާމަ ހިނިތުންވެލިއެވެ.

އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އަހަރެން އެންމެ ބޮަޑަށް ހިތްއެދުނު ވަގުތުކޮޅު ޖެހެން ކުޑަ ވަގުތުކޮޅަކަށް ވެއްޖެއެވެ. ލޯގަނޑު ކުރިމަތީގައި އަހަރެން އިންއިރު ތުންފަތްމަތީގައިި ހިނިތުންވުން އަހަރެންގެ ހިތާ ހަމައަށް ފޯރައެވެ. އަހަރެންގެ ދެލޮލުން ތަފާތު ވިދުމެއް ހުދު އަހަރެންނަށްވެސް ފާހަގަވެއެވެ. ކޮޓަރިއަށް ވަން ރީޝަމް އައިސް އަހަރެން ގައިގައި ބައްދައިލިއެވެ. މަންމަ އާއި މާމަ އައިސް ވަނީ ރީޝަމްގެ ފަހަތުންނެވެ. މާހައުލަށް ވެރިވެފައިވާ އުފާވެރިކަމާއެކު އެންމެންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެމުން ދިޔައެވެ.

"މާމާ، ވިއާން" އަހަރެންނަށް އެހުނެވެ. އަހަރެން ބަލަން ބޭނުންވީ ވިއާން ތައްޔާރުވާން ފަށައިފިތޯއެވެ.

"އެއީ ފިރިހެން ކުއްޖެއްނު. ތައްޔާރުވާކަށް މާގިނަ ވަގުތެއް ނުނަގާނެ. މިހާރު ވެއްޖެ މަންމަގެ ބޭސް ސިޓީއަށް ބޭހެއް ނަގަން ގޮސް. ވަރަށް އަވަހަށް އަންނާނެ" މާމަ ވާހަކަދެއްކިއެވެ.

"އާނ ތެދެކޭ. އާލިމްވެސް ދިޔަ ވިއާނާއެކު" ރީޝަމް ބުނެލިއެވެ.

ގެނައި މޭކަޕް ސާމާނުތަކުން ފަހަރަކު އެއްޗެއް ރީޝަމް އަހަރެންގެ މޫނުގައި ހާކަމުން ދިޔައެވެ. މާމަ އާއި މަންމަ ބަދިގެފަރާތަށް ދިޔުމުން ރީޝަމްގެ އަނގަ ހުޅުވައިފިއެވެ. ދިމާކުރުންތައް އަހަރެންގެ ބޮލަށް އޮށްސާލައިފިއެވެ.

"މަބުނީ މިރޭ ދެކުދިން ގޭތެރޭގަތަ ފަސްޓް ނައިޓް ހޭދަކޮށްލަނީ" ރީޝަމް އެހިއެވެ. އަހަރެންގެ މޫނުގައި އެއްޗެހި ހާކަން ރީޝާމް ހުރީ ޑްރެސިން ޓޭބަލްގައި ކުޑަކޮށް ފޫ ޖައްސާލައިގެންނެެވެ.

"އާނ ކިހިނެއްވީ. ތިގެއަށްތަ ދާންވީ ފަސްޓް ނައިޓްއަށް" އަހަރެން އެހީމެވެ.

"އުނހު. އަހަރެމެން ނިދަން ބޭނުން. ވިއާންގެ މަންމަ އާއި މާމަގެ ނިންޖަށް ހުރަސްއެޅޭ ވަރު ނުކުރާތި އިނގޭ" ރީޝަމް ބުނެލިއެވެ. ރީޝަމް ކިޔަން އުޅުނު އެއްޗެއް އަހަރެންނަށް ފަހުމްވީ މާ ފަހުންނެވެ.

"ސާބަހޭ. އަހަރެން ރީޝަމްގެ އަތުގައި ކުޑަކޮށް ޖަހައިލަމުން ބުނީމެވެ.

"ކީއްތަވީ. މަލްގެ ފަސްޓަށް ނުވާނެ ދޯ. ވިއާންގެ ފަސްޓު ވީމަ އޭނަ ވަރަށް އާ ވާނެތާ. ނިކަން އެއް ރެއިން ވިއާން މޮޔަކޮށްލަބަ" ރީޝަމް ހުއްޓައިނުލާ އަނގަ ތަޅަމުން ދިޔައެވެ. ދުލުން ނުބުންޏަސް އެވުގުތުކޮޅަށް އަހަރެންގެ ހިތް ދިޔައީ އިންތިޒާރު ކުރަމުންނެވެ. ފިރިއެއް ހައިސިއްޔަތުން ވިއާންގެ އަހަރެންގެ ގައިގައި ބީހިލާނެ ވަގުތަކަށް އަހަރެން މިހެރީ ކެތްތެރިކަން ކުޑަވެފައެވެ. މިހާރުވެސް އަހަރެންނަށް ވިއާންގެ ފިރުމުންތައް އިހުސާސް ކުރެވޭ ކަހަލައެވެ. އިސާހިތަކު ރަތް ޖަންބެއްހެން އަހަރެންގެ މޫނުމަތިގައި ލަދުވެތިކަމުގެ ސާލެއް އެޅިއްޖެއެވެ. ކުއްލިއަކަށް ސިހުނީ ޑްރެސިންގް ޓޭބަލް މަތީގައި އޮތް ރީޝަމްގެ ފޯނުގެ ރިންގުގެ އަޑަށެވެ. ބަލައިލި އިރު އަރާފައި އިނީ އާލިމްގެ ނަމެވެ.

އަމިއްލަ ހިޔާލުތަކެއްގައި އިނދެފައި އަހަރެން ރީޝަމްއަށް ބަލައިލެވުނެވެ. ބުރުގާ ކަރަށް ހެޔޮވަރުކޮށްލި ގޮތަށް އެއްބައިގައި ހިފަހައްޓައިގެން އަހަރެންނަށް އިނދެވުނީ ހުއްޓުން އަރާފައި ހުރި ރީޝަމްއަށް ބަލަހައްޓައިގެންނެވެ. ލަސްލަހުން ރީޝަމްގެ ނަޒަރު އަހަރެންނަށް ހުއްޓައިލިއެވެ. ރީޝަމްގެ ދެލޮލުގައިވީ ހާސްކަމެވެ. އޭނާގެ އެ އަޖައިބެއް ކަހަލަ ތަފާތު ބެލުމުގެ ސަބަބުން އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފިއެވެ.

(ނުނިމޭ)