ގދ. ތިނަދޫގައި ކޮވިޑު ބަލި ފެތުރުން އިތުރު ވެފައިވާތީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.
ތިނަދޫގައި އާންމުންގެ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ތިނަދޫ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މީގެ ކުރިން ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައިވާ ކަމަށެވެ. އެގޮތުން ސައިހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހިދުމަތް ދިނުން ހުއްޓާލައި ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުމަށް ވަނީ އަންގައިފައެވެ. އަދި ފިހާރަތައް ރޭގަނޑު 10 ޖަހާ އިރު ބަންދު ކުރުމަށާއި އެކަކަށްވުރެ ގިނަ މީހުން ފިހާރަ ތެރެއަށް ނުވެއްދުމަށް އަންގާފައިވެއެވެ.
އޭގެ އިތުރުން ފައިސާގެ މުއާމަލާތް ކުރުމުގައި ނަގުދު ފައިސާ މަދުކޮށް އޮންލައިން ޓްރާންސްފާ ކުރުމަށް ބާރު އެޅުމަށާއި ގާޑިޔާތަކުން ދޭ ހިދުމަތްތައް ހަވީރު 4:00ގެ ފަހުން ހުއްޓާލުމަށާއި އުމުރުން 65 އަހަރުން މަތީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުގޮސް ގޭގައި ނަމާދުކުރުމަށް ބާރުއެޅުމަށްވެސް ވަނީ އަންގައިފައެވެ.
ތިނަދޫ ކައުންސިލުން ބުނީ، މިދުވަސްވަރު އޮފީސްތަކުގެ ހިދުމަތްތަކަށް ކޮންމެހެން ނެރެންޖެހޭ މުވައްޒަފުން އެކަނި ނެރުމަށާއި ފަރު މަސްވެރިކަމަށް ދާ އިރު ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ނޫނީ ނުދިއުމަށްވެސް އަންގާފައިވާ ކަމަށެވެ. އަދި މިފަދަ މަސްވެރިކަމަށް ދާ އިރުވެސް ތިން މީހުންނަށްވުރެ ގިނައިން ނުދެވޭނެ ކަމަށް ބުންޏެވެ.
ކައުންސިލުން އިތުރަށް ބުނީ، ހާލުބެލުން ޕޯޓަލްގައި ރެޖިސްޓްރީނުވެ ތިނަދޫ އަށް އަންނަ މީހުންނަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށާއި އަދި މާސްކު ނާޅައި ބޭރުގެ އުޅޭ މީހުންވެސް ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަދި މުދާ ހިފައިގެން ތިނަދުއަށް އަންނަ އުޅނދުތައް ފަޅަށް ވަނުމުގެ ކުރިން އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ހުއްދައާ ނުލައި އެއްވެސް މުދަލެއް ތިނަދޫއަށް ނުބޭލޭނެއެވެ. މިހެން އަންނަ އުޅަނދުތައްވެސް ފެރީ ޓާމިނަލް ނޫން އެހެން ސަރަހައްދަކަށް މަޑު ނުކުރެވޭނެއެވެ.
މީގެ އިތުރުން އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ޑިއުޓީ އަށް ދިއުމާއި ޑިއުޓީ ނިންމާލުމަށްފަހު އަނބުރާ އައުން މަޑުޖައްސާލުމަށްވެސް ވަނީ އަންގައިފަ އެވެ. އަދި ތިނަދޫން އެހެން ރަށަކަށް ފުރުމުގެ ކުރިން އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހުއްދަ ހޯދައިގެން ނޫނީ ނުފުރުމަށްވެސް ވަނީ އަންގައިފައެވެ.
ތިނަދޫ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންވެސް ވީހާވެސް ގިނަ ވަގުތު ގޭގައި ތިބުމަށާއި ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި ތިން މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅުމަށްވެސް ވަނި އަންގައިފައެވެ.
ތިނަދޫން މިހާތަނަށް 38 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު