މުނިފޫހިފިލުވުން

ދީޕިކާ އާއި އޭނާގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ، ރަންވީރު ޕޮޒިޓިވް ކަމެއް އަދި ނޭނގެ

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން އާއި އޭނާގެ މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ދީޕިކާ ޕޮޒިޓިވްކަން އޭނާ އަދި ރަސްމީކޮށް ހާމަނުކުރި ނަމަވެސް, މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދީޕިކާއަށް ކޮވިޑު ޖެހުނީ މިއަދުއެވެ. އަދި އޭނާ މިވަގުތު ހުރީ އާއިލާއާއެކު ބެންގަލޫރުގައެވެ.

ދީޕިކާ ޕޮޒިޓިވްވި އިރު, އޭނާގެ ބައްޕަ އަދި އިންޑިއާގެ ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑުކޯން އަށްވެސް ކޮވިޑު ޖެހި ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައެވެ.

އަދި ދީޕިކާގެ މަންމަ އުޖާލާ ޕަޑުކޯން އާއި އަނީޝާ ޕަޑުކޯންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ދީޕިކާގެ ފިރިމީހާ އަދި ފިލްމީ ތަރި ރަންވީރު ސިންގް ކޮވިޑަށް ޕޮޒިޓިވްކަމެއް އަދި ނޭނގެއެވެ.

ދީޕިކާގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެނިގެންދާނީ ރަންވީރު ސިންގާއެކު ފިލްމު, ''83'' އިންނެވެ. އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ސްޕޯޓްސް ލެޖެންޑް, ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ފިލްމުގައި ރަންވީރު ފެނިގެންދާނީ ކަޕިލް ދޭވްގެ ރޯލުންނެވެ. އަދި ދީޕިކާ ފެނިގެންދާނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ދޭވްގެ ރޯލުންނެވެ.

މި ފިލްމުގެ އިތުރުން ޝާހްރުކް ހާންއާއެކު ފިލްމު "ޕަތަން" އަދި ރިތިކް ރޯޝަންއާއެކު ފިލްމު "ފައިޓާ" އިންވެސް ދީޕިކާ ފެނިގެންދާނެއެވެ.