ކުޅިވަރު

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ކޮވިޑް-19ގެ ހާލަތުގެ ގޯސްވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އިއުލާނު ކުރި ފިޔަވަޅުތަކާއެކު މާލޭގައި މިހާރު ކުރިއަށްދާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް މެދުކަނޑާލައިފިއެވެ.

ފިޔަވަޅުތަކާއެކު އެފްއޭއެމުން ތިންވަނަ ޑިވިޝަން މެދުކަނޑާލި ނަމަވެސް، މިމަހު ތެރޭގައި އޮންނަ އޭއެފްސީ ކަޕުގެ މެޗުތަކަށް އަދި ވަކި ގޮތެއް ނުނިންމައެވެ. ރޭ ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، އޭއެފްސީ މުބާރާތުގެ މެޗުތަކާއި ގުޅޭ ގޮތުން މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ.

މީގެ ކުރިންވެސް ތިންވަނަ ޑިވިޝަން މުބާރާތް ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮށްވައި މުބާރާތް މެދުކަނޑާލަން ޖެހުނެވެ. މިދިޔަ ފެބްރުއަރީ މަހަށް މުބާރާތް ފުރަތަމަ ޝެޑިއުލް ކުރި ނަމަވެސް، ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ އެޗްޕީއޭގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް އެފަހަރު ވަނީ ހުއްޓާލައިފައެވެ. އަދި އެފަހަރު ފުރަތަމަ ޑިވިޝަންވެސް މެދުކަނޑާލަން ޖެހުނެވެ.

ފުޓުބޯޅަ ހުއްޓުމަކަށް އައުމާއެކު އެފަހަރު ކުލަބުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު އިރު، ކުލަބުތަކާއި ކުޅުންތެރިންގެ އާދޭހާއެކު އެޗްޕީއޭން ވަނީ އުސޫލުތަކާއެކު މުބާރާތްތައް ފަށަން ހުއްދަ ދީފައެވެ.

މުބާރާތުގެ ފޯމެޓް މި ވަގުތު އޮތް ގޮތަށް ބަލާ އިރު، ފުރަތަމަ ދެ ގުރޫޕުގައި ހަތަރު ޓީމު ހިމެނޭނެއެވެ. އަދި ދެން އޮތް ދެ ގުރޫޕުގައި ހިމެނޭނީ ތިން ޓީމެވެ. ކޮންމެ ގުރޫޕަކުންވެސް ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ބައެއް ޓީމުތައް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ދެވަނަ ބުރު ނިމި، މިވަގުތު ލީގު ބްރޭކަކަށް ގޮސްފައިވާ އިރު، ދެން އެންމެ އަވަހަށް އޮތީ އޭއެފްސީ ކަޕުގެ މެޗުތަކެވެ. އެއަށްފަހު ގައުމީ ޓީމުގެ ކޮލިފިކޭޝަންގެ މެޗުތަކެއްވެސް އޮތް އިރު، ކޮވިޑުގެ ހާލަތާއެކު ދެން އޮތް މެޗުތަކަށް ވާނެ ގޮތެއް އަދި އޮތީ ކަނޑަނޭޅިއެވެ.