ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބައެއް ހިދުމަތްތައް އޮންލައިން ކުރަން ނިންމައިފިއެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމުގެ ސަބަބުން އެ ކޯޕަރޭޝަނުގެ ބައެއް މަސައްކަތްތައް އޮންލައިން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެމްކޯގެ އޮފީސްތައް ބަންދުކޮށް އޮފީހުން ދޭ ހިދުމަތްތައް އޮންލައިން ކުރަން ވަނީ ނިންމައިފައެވެ. މި ބަދަލާއެކު ސިޓި އަދި ރަސްމީ ލިޔުންފަދަ ތަކެތި ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ.

ވެމްކޯ އިން ބުނީ، ފިޔަވަޅުތަކާ ގުޅިގެން ވޭސްޓް ޓްރާންސްފާ ސެކްޝަންތަކުގެ މަސައްކަތް ރޭގަނޑު 11:00 ގައި ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގޭބިސީތަކުން ކުނި ނަގާނީ މިހާރުވެސް ނަގާ ގަޑީގައި، ރޭގަނޑު 10:00 އިން 11:00 އަށެވެ.