އާސެނަލް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ސްޕޮޓްފައިގެ ފައުންޑާ ޑެނިއަލް އެކް، މިހާރުގެ އޯނަރު ސްޓޭން ކްރޮއެންކޭއާ ރަސްމީކޮށް ބައްދަލުކޮށްފައިވާ ކަމަށް ކްލަބު ލެޖެންޑް ތިއަރީ އޮންރީ ބުނެފިއެވެ.
އެކްއާއެކު އާސެނަލް ގަތުމުގެ މަސައްކަތުގައި އޮންރީވެސް ހަރަކާތްތެރިވަމުން އަންނައިރު، އޭނާގެ އިތުރުން ކްލަބު ލެޖެންޑުން ކަމަށްވާ ޕެޓްރިކް ވިއެރާއާއި ޑެނިސް ބާކޭމްޕްވެސް ވަނީ އެކްއާއެކު އާސެނަލްގެ ވެރިން ބަދަލުކުރުމުގެ މަސައްކަތުގައި ބައިވެރިވާކަން އާންމު ކޮށްފައެވެ.
ސުޕަ ލީގުގެ މައްސަލައިގައި އާސެނަލްގެ ވެރިން ނިންމި ނިމުމާ ގުޅިގެން ސަޕޯޓަރުން ރުޅިގަދަވި ވަގުތު، ސްޕޮޓިފައިގެ ވެރިޔާ އެކް އާސެނަލް ގަންނަން ޝައުގުވެރިކަން ފުރަތަމަ ފާޅުކުރީ މީސްމީޑިއާގައެވެ. އޭގެފަހުން އެކަން ރަސްމީކޮށް އޭނާ އިއުލާންވެސް ކޮށްފައިވާއިރު، ހުށަހަޅަން ގަސްދުކޮށްފައިވަނީ ހަތަރު ބިލިއަނަށްވުރެ ބޮޑު އަގެއްކަންވެސް ނޫސްތަކުން ވަނީ އެނގިފައެވެ.
"އެއީ ތެދެއް. އެކްއަކީ އާސެނަލްގެ ސަޕޯޓަރެއް. އޭނާ އާސެނަލް ގަންނަން ބޭނުންވާ ވާހަކަ ބުނީ ސަމާލުކަން ހޯދާކަށް ނޫން. އެކް ވަނީ މިހާރުގެ ވެރިންނާ ބައްދަލުކޮށްފައި. އެމީހުން މިވަގުތު ތިބީ އާސެނަލް ދޫކޮށްލާ ގޮތަކަށް ނޫން. އެކަމަކު އެކް މަސައްކަތް ކުރަނީ އެމީހުން އާސެނަލް ދޫކޮށްލާނެ ހުށަޙެޅުމަކަށް،" އޮންރީ ބުނެފައިވެއެވެ.
އޮންރީ ބުނެފައި ވަނީ އެކް ބޭނުން ވަނީ އާސެނަލްގެ "ޑީއެންއޭ" އާސެނަލްއަށް އަނބުރާ ހޯދައިދޭން ކަމަށާއި، ސަޕޯޓަރުންވެސް މިހާރު އެދޭ އެދުމަކީ އެއީކަން ސާފުވާނެ ކަމަށެވެ. އާސެނަލް ގަތުމަށް އެކް ކުރަމުން އަންނަ މަސައްކަތަކީ ދިގު ދުވަސްތަކަކަށް ދެމިގެންދާނެ މަސައްކަތަކަށް ވާނެ ކަމަށާއި، އެކަން ކުރަން ދިގު ރާސްތާ މަސައްކަތްތަކަށްވެސް އެކްއާއި ޓީމުން ތައްޔާރު ކަމަށް އޮންރީ ވަނީ ބުނެފައެވެ.
އާސެނަލްއިން މިހާތަނަށް 13 ފަހަރަށް ލީގު ހޯދާފައިވާއިރު، އެންމެ ބޮޑު ކާމިޔާބީއަކީ 2003-04 ވަނަ އަހަރުގެ ސީޒަންގެ ލީގުގައި މެޗަކުން ބަލިނުވެ ލީގު ކާމިޔާބު ކުރުމެވެ. އެހެންނަމަވެސް އޭގެ ފަހުން ކްލަބަށް ލީގުގައި އެންމެ އެދެވޭ ކާމިޔާބީތަކެއް ހޯދިފައި ނުވާއިރު، އެ ކްލަބަށް ޔޫރަޕްގައި މާ ބޮޑު ކާމިޔާބީއެއް ނުލިބި އޮތް އޮތުން ވެފައި ވަނީ ސަޕޯޓަރުންގެ މާޔޫސް ކަމަކަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު