ކުޅިވަރު

11 އަހަރަށްފަހު އިންޓައިން އިޓަލީ ލީގު ކާމިޔާބު ކޮށްފި

11 އަހަރަށްފަހު އިންޓަ މިލާނުން އިޓަލީ ލީގު، ސެރެއާ އޭ ކާމިޔާބު ކޮށްފިއެވެ.

އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތް އެޓަލަންޓާ ރޭ ކުޅުނު މެޗުން ސަސުއޯލޯއާ 1-1 އިން އެއްވަރުވުމާއެކު ބާކީ ހަތަރު މެޗު އޮއްވައި އިންޓައިން ލީގު ޔަގީން ކޮށްފައިވާއިރު، އިންޓަ މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާއެކުގައެވެ.

އިޓަލީގެ ތާރީހީ ކްލަބު، އިންޓަ މިލާނުން މިފަހަރުގެ ލީގު ހޯދުމަކީ ޔުވެންޓަސްގެ ރެކޯޑު ނިމުމަކަށް ގެނައި ތަށްޓެކެވެ. މިދިޔަ ނުވަ އަހަރުވެސް ޔުވެންޓަސްއިން ލީގު ކާމިޔާބު ކޮށްފައިވާއިރު، އެޓީމުގެ ކޯޗަކީ އެންޓޯނިއޯ ކޮންޓޭއެވެ. އަބަދުވެސް ކާމިޔާބު ކޯޗެއްގެ ގޮތުގައި ކޮންޓޭ ފާހަގަކުރެވިފައިވާއިރު، އޭނާ އިންޓައަށް ބަދަލުވީ ޗެލްސީއާއެކު އިނގިރޭސި ލީގުވެސް ހޯދާފައެވެ.

ކޮންޓޭގެ ކޯޗުކަމުގައި މިދިޔަ ދެއަހަރު އިންޓައިން ކާމިޔާބީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އޭނާ ވަނީ ލީގުގެ ދެވަނައިގައި މިދިޔަ ސީޒަން ނިންމާލުމުގެ އިތުރުން ޔޫރޮޕާ ލީގުގެ ފައިނަލަށްވެސް ޓީމު ގެންގޮސް ދީފައެވެ. ކުރިން ޔުވެންޓަސްއާއެކު ކޮންޓޭ އިޓަލީ ލީގު ހޯދާފައިވާއިރު، މިއީ އިންޓައިން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ.

އިންޓަ އިން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުގެ ކޯޗަކަށް ހުރީ ޖޯސޭ މޮރީނިއޯ އެވެ. މޮރީނިއޯއާއެކު އިންޓައިން ވަނީ އެއް ސީޒަނެއްގައި ތިން ތަށި ހޯދާ ޔޫރޮޕްގެ ފުޓުބޯޅަ ތާރީހުންވެސް ޖާގަ ހޯދާފައެވެ. އިންޓައާއެކު އެއް ސީޒަނެއްގައި އިޓަލީ ލީގާއި، ކަޕް އަދި ޗެމްޕިއަންސް ލީގު ހޯދުމަށްފަހު މޮރީނިއޯ ދިޔައީ ރެއާލް މެޑްރިޑަށެވެ.