ޚުޝުބޫ އަކީ ވަރަށް ރީތި އަންހެންކުއްޖެކެވެ. ގައިގެ ކުލަ ދޮން، ހަންގަނޑު އޮމާން ލޫޅާފަތި ކުއްޖެކެވެ. ކޮލެޖު ނިންމާފައި ޚުޝުބޫ ކާވެނި ކުރީ އެކުގައި ކިޔަވަން އުޅުނު ކުއްޖެއް ކަމުގައިވާ ޖުނާހު އާއި އެވެ. ޖުނާހު އަކީ ޝަހަރުގެ މެދު ފަންތީގައި ގުނައިލެވޭ ވިޔަފާރިވެރިއެކެވެ. ޖުނާހުގެ މިލްކިއްޔާތުގައި ރީތި ބޮޑު ގެއެއް ހުރެއެވެ. ދެމީހުންވެސް ކާވެނިކުރީ އެކުގައި މުޅި އުމުރު ހޭދަކޮށްލުމަށް ވަައުދުތަކާއި އަހުދުތައް ކޮށްގެންނެވެ.
ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ޚުޝުބޫގެ ހަންގަނޑުގައި ބިހިތަކެއް ނަގަން ފެށިއެވެ. އަދި އެ ބިހިތައް ފެޅި ފާރުވާން ފަށައިފިއެވެ. ދުވަސްވާ ވަރަކަށް ބިހިތައް މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޚުޝުބޫގެ މުޅި ހަށިގަނޑަށް ބިހިތައް ފެތުރި، ފާރުވެ ހަންގަނޑުގައި ހުރި އޮމާންކަމާއި ރީތިކަން ގެއްލިއްޖެއެވެ.
ބިހިތަކަށް ފަރުވާއެއް ލިބޭތޯ ޝަހަރުގެ ހުރިހާ ކްލިނިކް ތަކަށާއި، ހަަަސްފަތާލު ތަކަށް ދެވިއްޖެއެވެ. ޝަހަރުގައި ތިބިއްޔާ ތިބި ހުރިހާ ހަމުގެ ޑޮކްޓަރުންނަކަށް ދެއްކިއްޖެއެވެ. އެހެން ނަވެސް ޚުޝުބޫގެ ބައްޔަށް ޝިފާއެއް ނުލިބުނެވެ. މިކަމާ ޚުޝުބޫ ވަރަށް ދެރަވެ ކަންބޮޑުވާން ފެށިއެވެ. އަދި އޭނާގެ ފިރިމީހާ ޖުނާހު އޭނާ ދޫކޮށްލާފައި ހިނގައިދާނެ ކަމުގެ ބިރު ހީވާން ފެށިއެވެ.
ޖުނާހު އަށް ޚުޝުބޫ ދެރަވެފައި ހުންނަކަން އެނގެއެވެ. އަދި ޚުޝުބޫގެ ހިތްހަމަ ޖައްސައިދިނުމަށް ޓަކައި ނަސޭހަތްދީ ހިތްވަރުދީ ހަދައެވެ. އެހެން ނަމަވެސް ޚުޝުބޫގެ ހިތަށް ތަސައްލީއެއް ލިބޭގޮތެއް ނުވެއެވެ.
ކުއްލިއަކަށް ޖޫނާހު ވިޔަފާރި ދަތުރެއްގައި ޝަހަރުން ބޭރަށް ދާން ޖެހުނެވެ. އަދި އެ ދަތުރުގައި އުޅެނިކޮށް ކާރު އެކްސިޑެންޓެއް ވެ ޖުނާހުގެ ލޮލުގެ ފެނުން ގެއްލުނެވެ. ޖުނާހުގެ ލޮލުގެ ފެނުން ގެއްލުނު ފަހުން ޚުޝުބޫ އެހާ ބޮޑަށް އޭނަގެ ގައިގައި ހުރި ބިހިތަކާ މެދު ކަންބޮޑުވެގެނެއް ނޫޅެއެވެ. ސަބަބަކީ މިހާރު އޭނަގެ ފިރިމީހާޔަށް އޭނާ ނުފެންނާނެތީއެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. އަދި ޖުނާހު އާއި ޚުޝުބޫ ވެސް ވަރަށް ލޯބިން އެކުގައި އުޅެމުން ގެންދިޔައެވެ. ޖުނާހު ހިނގާފައި ދާއިރު މަގު ދައްކައިދެނީ ޚުޝުބޫއެވެ. އަދި ޖުނާހުއަށް ބޭނުންވާ އެހެން ހުރިހާ ކަމެއްވެސް ޚުޝުބޫ ގެންދިޔަައީ ކޮަށްދެމުންނެވެ.
ޚުޝުބޫގެ ހަންގަނޑުގައި ނެގި ބިހިތައް މުޅި ހަށިގަނޑަށް ވަނީ ފެތުރިފައެވެ. އަދި ބިހިތައް ފާރުވުމުގެ ސަބަބުން މުޅި މީހާގެ ސިފަ ވަނީ ގެއްލިފައެވެ. އެހެންނަމެސް މިކަމެއް ޖުނާހުއަކަށް ނޭނގެއެވެ.
ދުވަސްތައް ހަފުތާތަކަށް، ހަފްތާތައް މައްސަރުތަކަށް އަދި މައްސަރުތައް އަހަރުތަކަށްވެ، ދުނިޔޭގެ ހިނގުން ހުއްޓުމެއްނެތި ކުރިއަށް ދެއެވެ. ޖުނާހު އާއި ޚުޝުބޫވެސް ވަރަށް ލޯބިން އެކުގައި އުޅެމުން ގެންދިޔައެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދަނިކޮށް، އެއް ދުވަހަކު ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. ޚުޝުބޫ ސިޑިން ފައިބަނިކޮށް ވެއްޓި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަސްފަތާލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.
މިކަމާ ޖުނާހު ވަރަށް ދެރަވިއެވެ. އެ ދުވަހު ޖުނާހުގެ ލޮލުން ކަރުނަ ނުހިކެއެވެ. މަރުވެ އެދިޔައީ އޭނާގެ ލޮބުވެތި އަލަތު އަނބި މީހާއެވެ.
ކަށުކަމާކެމީގެ ކަންތައްތައް ނިންމާލުމަށްފަހު، ޖުނާހު ޤަސްތުކުތީ އެގެޔާއި އަދި އެޝަހަރު ވެސް ދޫކޮށް ދުރު ހިސާބަކަށް ދިއުމަށެވެ. މިގޮތަށް ނިޔަތް ގަނެގެން ހިނގައިގަތް ތަނުން ފަހަތުން މީހަކު ގޮވާލާފައި ބުނެފިއެވެ. މިހާރު ދެން ޖުނާހު ދާނީ ކާކުގެ އަތުގައި ހިފައިގެން ހެއްޔެވެ. މިއޮތް ހުރިހާ ދުވަހު މަގު ދައްކައިދިނީ ޖުނާހުގެ އަނބި މީހާ ޚުޝުބޫ ނޫން ހެއްޔެވެ.؟
ޖޫނާހު އޭނާގެ ލޮލުގައި އޮތް އަވި އައިނު ނަގައި އެއްލާލުމަށް ފަހު، ކަރުނަތައް ފޮހެލަމުން ބުންޏެވެ. އަހަރެންނަކީ ލޯފަން މީހަކީމެއް ނޫނެވެ. އަހަރެން ލޯފަން މީހަކަށް ހެދިގެން އުޅުނީއެވެ. ސަބަބަކީ އަހަރެންގެ އަނބިމީހާގެ ސިފަ އަހަރެންނަށް ފެންނަ ކޮންމެ ފަހަރަކު، އޭނާޔަށް ލިބޭ ހިތާމަ އެބަލީގެ ސަބަބުން ލިބޭ ހިތާމަޔަށް ވުރެ ބޮޑުވުމެވެ. ލޯފަން މީހަކަށް ހެދިގެން އަހަރެން އުޅުނީ އަހަރެންގެ ލޯބިވާ އަނބި މީހާ ހިތްހަމަޖައްސައި ދިނުމަށްޓަކައެވެ. އޭނާއަކީ ވަރަށް ރަނގަޅު އަންބެކެވެ.
ޢިބްރަތް: އުފަލުގައި އުޅުމަށްޓަކައި ބައެއް ފަހަރު އަނެކާގެ ފަރާތުން ފެންނަ ނުވަތަ އަނެކާގެ ކިބައިގައި ހުންނަ ތިމާ ހިތްހަމަ ނުޖެހޭ ބަައެއް ކަންތައްތައް ނުފެންނަ ކަމަށް ހަދައި ދޫކޮށްލަން ޖެހެވެ.
****************
ތަރުޖަމާ؛ އަހުމަދު މިސްބާހު މުނީރު