އަށާވީސްވަނަ ބައި
"އޭނަ މަންމައަށް ކިޔަނީ ކޮން ނަމެއް؟" ވިއާން އެހިއެވެ.
"މާޖިދާ" އަހަރެން ބުނީމެވެ. އެވަގުތު އަހަރެންގެ ދެއަތުގައި ހިފައިގެން ހުރި ވިއާންގެ ދެއަތް ތިރިއަށް ދޫވެގެން ދިޔައެވެ. ކުއްލިއަކަށް ވިއާނަށް އެ އައީ ކޮން ބަދަލެއް ހެއްޔެވެ؟ ފަހުން ވިއާން އެއްވެސް ބަހެއް ނުކިޔާ ގޮސް އިށީނީ ސޯފާގައެވެ. އަހަރެން ވިއާން ފަހަތުން ގޮސް ކައިރީގައި އިށީނީމެވެ.
"ވިއާން، ކިހިނެއްވީ؟ ޒިޔާން ބައްޕަ ދަންނަންތަ؟" އަހަރެން އެހީމެވެ. ވިއާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ވިސްނުމަކަށް ގެއްލިފައި އިންނަ ހެން އިނީއެވެ. އެންމެފަހުން އަހަރެން ވިއާންގެ ކޮނޑުގައި އަތް އަޅުވަލަފައި ތަޅުވައިލީމެވެ.
"ކީކޭ؟" ސިހިފައި ވިއާން އެހިއެވެ.
"ކިހިނެއްވީ؟ ކުއްލިއަކަށް ކިހިނެއްތިވީ؟" އަހަރެން އެހީމެވެ.
"މަލް އެއްޗެއް ބުނިންތަ؟" ވިއާން އެހިއެވެ.
"އަހަރެން އެހީ ޒިޔާންގެ ބައްޕަ ދަންނަންހޭ" އަހަރެން އެހީމެވެ.
"އަހަރެން އޭނަ ދަންނަން. ވަރަށް ރަނގަޅަށް ދަންނަން. އެއީ ވަރަށް ނުބައި ނުލަފާ އިންސާނެއް. އަހަރެންގެ މުޅި ޅަ ދުވަސްތައް އަހަރެންނާ ވަކިކުރި އިންސާނަކީ އެއީ" ވިއާން ބުންޏެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"ކީކޭ؟ އެހެން ކިހިނެއްވާނީ؟" އަހަރެންނަށް އެހުނެވެ.
"މަލް، އެއީ ހަގީގަތަކީ. އެކަމަކު މިހާރު އަހަރެންނަށް މި ވިސްނެނީ އޭނަ އާ މެދުގައެއް ނޫން. ފަހުން ވާހަކަދައްކާނީ ދޯ. މިހާރު އަހަރެންގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފަށައިފި" ވިއާން ބުނެލިއެވެ. ކޮޓަރި އާ ދިމާލަށް ހިނގައިގަތީ އަހަރެންނާ ވިއާނާ އެއްކޮށެވެ.
"މަލް، މިރޭ ހިނގި އެއްވެސް ކަމަކާ މާބޮޑަށް ނުވިސްނައްޗެ. ހިތްހަމަޖައްސާލައިގެން ނިދަލާ. ގުޑްނައިޓް" ދޮރާ ހަމަވެފައި ވިއާން ބުނެލިއެވެ. ކޮޓަރިއަށް ވަނުމުގެ ކުރިން ބޮލާއެކު އަހަރެންގެ މޫނުގައި ފިރުމައިލިއެވެ.
***
ހެދުން ބަދަލުކޮށްގެން އައިސް ނިދަން އެނދަށް އަރާފައި ފޯނުން ގުރުއާން އެޕް ހުޅުވައިގެން އަހަރެން ކިޔަވަން ފެށީމެވެ. ނިދަން ދެލޯ މަރައިލުމާއެކު އަހަރެންނަށް ހީވީ ޒިޔާންގެ ބައްޕަގެ ވާހަކަތައް ކަންފަތް ދަށުން އިވިލި ހެންނެވެ. ދެލޯ ހުޅުވައިލެވުނީ ކުއްލިއަކަށެވެ. ވިއާން އެދުނަސް އަހަރެންނަށް ހިތްހަމަޖެހިގެން ނިދޭ ގޮތެއް ނުވިއެވެ. ޒިޔާންގެ ބައްޕަގެ ބަސްތައް އަހަރެންނަށް އުނދަގުކުރަމުން ދިޔައެވެ. ޒިޔާންގެ ބައްޕަގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާ މެދު އަހަރެންނަށް ވިސްނެމުން ދިޔައެވެ. ހަގީގަތުގައިވެސް ޒިޔާނަށް އެހާލު އެޖެހުނީ ހަމަ އަހަރެންގެ ސަބަބުން ހެއްޔެވެ؟؟ ހުރިހާ ކަމަކާ ޒިންމާވާންޖެހޭ ފަރާތަކީ އަހަރެން ހެއްޔެވެ؟ ޒިޔާނަށް އެހައި ބޮޑު ބަދަލެއް އައީ އަހަރެން ދެވަނަ ފަހަރަށް ޒިޔާންގެ ހަޔާތަށް ނުދިޔުމުން ހެއްޔެވެ؟ ތެދެކެވެ. ޒިޔާން އަހަރެންގެ ކައިރިން މަޢާފަށް އެދުނެވެ. އަހަރެން މަޢާފް ދިނިންވެސް މެއެވެ. ދެވަނަ ފަހަރަށް ޒިޔާންގެ ހަޔާތާ ގުޅޭނީކަން ނުވަތަ ނޫންކަން އެއީ އަހަރެންގެ އަމިއްލަ ނިންމުމެއް ނޫން ހެއްޔެވެ؟ އަހަރެންގެ ހަޔާތުގައި ކުރިއަށް އަޅާނެ ފިޔަވަޅެއް އަޅާނީ އަހަރެންނެވެ. އެވަރު ޒިޔާންގެ ބައްޕައަށް ނުވިސްނެނީ ހެއްޔެވެ؟ ކުރިން ބަރުބާދުވީ އަހަރެންގެ ހަޔާތެވެ. ހިތްނުތަނަވަސްވެ މުޅި ދިރިއުޅުން ހުއްޓުމަކަށް އައި ކަމުގެ އިހުސާސް ކުރެވުނު ކިތަންމެ ވަގުތެއް އައެވެ. އެ ހުރިހާ ކަމަކަށް ފަހުވެސް އަހަރެން ޚިޔާރުކުރީ ﷲ ގެ މަގެވެ. އެ މަގުން ކައްސާލައިގެން އަހަރެން ނުދަމެވެ. ޒިޔާންގެ ހިތުގައި އެވަރުގެ އީމާންތެރިކަމެއް ނެތީ އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ އަހަރެންގެ ކުށަކީ ޒިޔާންގެ ފުރަތަމަ އަންބަކަށް އަހަރެން ވުން ހެއްޔެވެ؟ ނޫނީ އަހަރެން ޒިޔާނާ އަލުން ނުގުޅުން ހެއްޔެވެ؟ ބަރުބާދުވީ އަހަރެންގެ ހަޔާތެވެ. މިހާރު އަހަރެންނަށް ދުނިޔެއިން އުފަލެއް ލިބެން އުޅޭއިރު އެކަމަށް ކޮންމެ މީހަކު ހުރަސްއަޅަންވީ ކީއްކުރަން ހެއްޔެވެ؟
ހުރިހާ ކަމަކާ އެއްފަހަރާ ވިސްނާލުމުން އަހަރެންގެ ބޮލަށް ބަރުވާން ފަށައިފިއެވެ. ނިދި އަޔަސް ނިދާހިތެއް ނެތެވެ. ނުވެސް ނިދޭނެއެވެ. މަންމަގެ މަތިން ހަނދާންވީ ކުއްލިއަކަށެވެ. ޒިޔާން ހައްޔަރުކުރި ފަހުން އެ މަންމަގެ ހާލެއް އަހަރެންނަށް އަދި ބަލައި ނުލެވެއެވެ. ހުރީ ކައިގެންކަމެއްވެސް ނޭނގެއެވެ. މިފަހަރު އަހަރެންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ. ފޯނު ނަގާފައި ގުޅާލަން އުޅެފައިވެސް އެހިޔާލު ދޫކޮށްލީ ވަގުތުގެ ގޮތުންނެވެ.
***
އާދުވަހަށް އިރު ފެނުން ތޮޅިލައިފިއެވެ. ﷲ ގެ ހެޔޮ ރަހުމަތުން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމުގައި ވިޔަސް އަހަރެންގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެހުރިހާ ނުތަނަވަސްކަމެއް ގުޅިފައިވަނީ ޒިޔާންގެ ބައްޕަގެ ބަސްތަކާއެވެ. ލިބެންވާ ހަގީގީ ހިތްހަމަޖެހުން ނުލިބި އަހަރެންނަށް ކޮންމެވެސް ސިފައެއްގައި އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އަނެއްކޮޅުން ވިއާންގެ ސިކުނޑިވެސް އެކަންތަކާ ގުޅިގެން އެދަނީ ކަމުންނެވެ. ހަގީގަތެއް އަހަރެންނަށް ނޭނގެއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާންއުޅެނީއޭ ހިތް ބުނަން ފަށައިފިއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި އުފަންވާން ފަށައިފިއެވެ.
ސައިބޮއެގެން ކޮޓަރިއަށް ވަންގޮތަށް އަހަރެން ފޯނު ހޯދައިލީމެވެ. ޑްރެސިންގޓޭބަލް މަތީގައި އޮތް ފޯނު ހިފައިގެން އައިސް އަލުން އެނދުގައި އިށީނދެފައި މަންމަގެ ނަންބަރު ހޯދަލަފައި ގުޅާލީމެވެ. މޫނުމަތީގައި މަޔޫސްކަން ވަށައިލީ އެ ނަންބަރު ނިވާލާފައި އޮތުމުންނެވެ. ތިންހަތަރު ފަހަރު ގުޅުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. މަންމަގެ ހަބަރެއް ހޯދާނެ އެއްވެސް ގޮތެއް ނެތެވެ. ޒިޔާން ހައްޔަރުކުރިކަން އިނގުމުން މިހާރު ހުންނާނީ ނުލާހިކު ދެރަވެފައެވެ. އަހަރެންދެކެ ހިތްހަމަވެސް ނުޖެހިފަ ހުރެދާނެއެވެ. އެކަމަކުވެސް ދެން ކުރާނެ ކަމެއް ނެތެވެ. މަންމަ ހޯދާނެ ގޮތެއްވެސް ނޭނގެއެވެ. ފޯނު ދުރުގައި ބާއްވާފައި އުއްޑުން އެނދުގައި އޮށޯތީ ފިކުރުތަކާ ދުރުވެލުމަށެވެ. ބޭރުން މާމަ ގޮވައިލުމުން ނިކުތްއިރު ސޯފާގައި މާމަ އާ ވިއާން އިނެވެ. އަހަރެން ގޮސް އިށީނުމާއެކު ވިއާން އަހަރެންނަށް ބަލައިލިއެވެ.
"މިރޭ ހިނގާ މާމަ އާއެކު ފިހާރައަށް. މާދަމާ ވަރަށް ބުރަވާނެއްނު" އަހަރެން އިށީނުމުން މާމަ ބުނެލިއެވެ. އަހަރެން ބޯޖަހާލާއިފައިވެސް އިތުރަށް ބަހެއް ނުކިޔަމެވެ.
"މިތިބަ ދެކުދިންނަށް ކިހިނެއްވެފަ މިތިބީ" އިރުކޮޅަކުން މާމަ ބުނެލައިފިއެވެ. އަހަރެން ފަދައިން ވިއާންވެސް އިނީ ބަސްމަދުވެފައެވެ.
"އަހަރެން ހިތަށް އަރައި ލަބީބަށް މިގެއަށް ވަންނަން ކެރުނުކަމޭ" މާމަ ބުނެލިއެވެ. އަހަރެންނަށް މާމައަށް ބަލައިލެވުނެވެ.
"ވިއާނު ފެނުމުން އޭނައަށް ކިހިނެއް އިނގޭނީ. އެވަރަށް ފާޑަކަށް އެބެލީ މޫނުމަތިން ވައްތަރުގޮތެއް ހުރިކަން އޭނައަށް ފާހަގަކުރެވުނީމަ. ހަގީގަތް އިނގުނީމަ އަދި ހުންނާނެ ފޯރިއެއް" މާމަ ވާހަކަދެއްކިއެވެ. އަހަރެންނަށް ވިއާނަށް ބަލައިލެވުނެވެ. ވިއާން މާމަ ކައިރީގައި ހުރިހާ ވާހަކަތަކެއް ދެއްކި ކން އަހަރެންނަށް ޔަގީންވިއެވެ.
"ކާކާ ވައްތަރު ގޮތެއް" އަހަރެންނަށް އެހުނެވެ. މާމަ ވިއާނަށް ބަލައިލުމާއެކު ވިއާން ދެފަރާތަށް ބޯހޫރާލިތަން އަހަރެންނަށް ފެނުނެވެ. ވަގުތުން މާމަގެ އަނގަމަތީގައި މަލަން އެޅި ކަހަލައެވެ. އެންމެ ބަހެއްވެސް ނުކިއިއެވެ.
"އަޅުގަނޑަށް ކަމެއް ސިއްރުކުރަނީތަ؟ ކޮން ކަންތައްގަނޑެއް މިއީ. މާމައަށް ޒިޔާންގެ ބައްޕަ އިނގެނީ އެއީ ޒިޔާންގެ މަންމަ ކުރިން އިނީ މާމަގެ ދަރިއަކާ. އޭގެފަހުން ޒިޔާންގެ ބައްޕަ އާ އިނީ. އެހެންނު. ޒިޔާންގެ ބައްޕަ އާ ވިއާނާ އޮތީ ކޮން ގުޅުމެއް؟" އަހަރެން އެހީމެވެ. އެކަކުވެސް ޖަވާބެއް ނުދިނެވެ. ތަނަށް ވެރިވެފައިވަނީ ހިމޭންކަމެކެވެ.
"ވިއާން ކީއްވެ ބުނީ އޭނަގެ ޅަ ދުވަސް ހަރާބުކޮށްލީ ޒިޔާންގެ ބައްޕަ އޭ" ކެތްތެރިކަން ކުޑަވެފައިވާ ހާލެއްގައި އަހަރެންނަށް އެހުނެވެ.
"މާޖިދާއަކީ ވިއާންގެ އުފަން މަންމަ" އިރުގަނޑެއްގެ ހިމޭންކަމަށްފަހު މާމަ ބުނެލިއެވެ.
"ވަޓް...؟" އިވުނު ހަބަރާއެކު އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ގަބޫލުކުރަން ދަތިވިއެވެ. އަނެއްކާ މާމަ ސަމާސާއެއް ކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީކީ ސަމާސާއެއް ނޫނެވެ. މާމަ ދުވަހަކުވެސް އެފަދަ ސަމާސާއެއް އަހަރެންނާ ނުކުރެއެވެ.
"މަލް، މާމަ އެބުނީ ތެދެއް" ވިއާން ބުނެލިއެވެ. ވިއާންގެ ދުލުން އެކަމަށް އެއްބަސް ވުމާއެކު އެބަހުގެ ޔަގީންކަން އަހަރެންނަށް ލިބުނެވެ.
"މާނައަކީ ޒިޔާން.... ޒިޔާން އެއީ ވިއާންގެ ކޮއްކޮ.... ނޯ.... އެހެނެއްނުވާނެ" އަހަރެންނަށް ދެކަންފަތް މަތީގައި އަތް އަޅާފައި ދެފަރާތަށް ބޯހޫރަން ފެށުނެވެ. އެހިނދު ވިއާން އައިސް އަހަރެންގެ ކުރިމަތީގައި ކުރުކަކޫ ޖަހާފައި އިށީނެވެ. އަހަރެންގެ އުނގުތެރޭގައި އޭނާގެ ދެއަތް ބާއްވައިލިއެވެ.
"ޒިޔާނަކީ އަހަރެންގެ ކޮއްކޮ. އެކަން އަހަރެންނަށް އިނގުނީ ރޭގަ. އަހަރެމެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެމެންނަށް ހަގީގަތެއް ބަދަލެއް ނުކުރެވޭނެ" ވިއާން އަސަރާއެކު ވާހަކަދެއްކިއެވެ. އެތަނުގައި އިންނަން އަހަރެންނަށް އުނދަގުވިއެވެ. ތެދުވެގެން ކޮޓަރި އާ ދިމާލަށް ދުއްވައިގަނެވިއްޖެއެވެ. ފަހަތުން ވިއާން އައިސް އަހަރެން ލައްޕަން އުޅުނު ދޮރުފަތުގައި ހިފަހައްޓާފައި އެތެރެއަށް ވަނެވެ.
"މަލް، އަޑުއަހާބަލަ. އެއީކީ މައްސަލައެއް ނޫނޭ" ވިއާން އައިސް ފަހަތުން އަހަރެންގެ ދެކޮނޑުގައި ހިފަހައްޓާލާފައި ބުނެލިއެވެ.
"އެއީ މައްސަލައެއް. ވަރަށް ބޮޑު މައްސަލައެއް. ތި ދެބޭންގެ ދިރިއުޅުމަށް އަހަރެން އައިމަ ކިހިނެއްވާނީ. މީހުން ހާދަ މަލާމާތެއް ކުރާނޭ. އަހަރެން ބޭނުމެއްނޫން. މާމަވެސް އެވާހަކައެއް ކުރިން ނުބުނޭ. ބުނިނަމަ އަހަރެން ވިއާންދެކެ ލޯބިނުވީމުހޭ" އަހަރެންނަށް ރޮވިއްޖެއެވެ. ކަރުނަތަކާއެކު ބޮލުގައި ހިފަހައްޓައިގެން އެނދުގައި އިށީނދެވިއްޖެއެވެ.
"ބުނެގެން ކޮން ފައިދާއެއް ވާނީ. ތަގުދީރުގައި އެމީހަކު ދާންހުރި ދިމާލަކަށް ދާނެ. ބައްދަލުކުރުވާން އިރާދައިގައި ހުރި މީހަކާ ބައްދަލުކުރުވާފަ ގެންދަވާނީ. އެއީ ގުދުރަތީ ގާނޫނު. އެއީ އަހަރެމެން އެއްވެސް އިންސާނަކަށް ބަދަލުކުރެވޭނެ ކަމެއް ނޫން. އަބަދުވެސް ވިސްނަންޖެހޭނީ ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށްކަން. މާމަ އަބަދުވެސް މަލް ކައިރީގައި މިހެން ބުނަމެއްނު" ކޮޓަރިއަށް ވަދެގެން އައި މާމަ ވާހަކަދެއްކިއެވެ.
"އެކަމަކު...."
"އަހަރެން މަލްދެކެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް ލޯބިވޭ. އަހަރެންނާ އަހަރެންގެ ލޯތްބާ ދެމެދަށް އަހަރެންގެ އާއިލާ މީހަކަށްވެސް ނުވަދެވޭނެ. އެއްވެސް މީހަކަށްޓަކައި އަހަރެންނަށް އަހަރެންގެ ލޯބި ގުރުބާނެއް ނުކުރެވޭނެ. މަލް ވައުދުވޭ. އަހަރެން ދޫކޮށްފައި ދުވަހަކުވެސް ނުދާނެކަމަށް" އަހަރެން ކައިރީގައި އިށީނދެފައި ވިއާން އަތް ދިއްކޮށްލިއެވެ. އެ އަތުގެ ތެރެއަށް އަހަރެންނަށް އަތްލެވުނީ ތުރުތުރު އަޅާ ހާލުގައެވެ.
"އެކަމަކު... އެއްބަނޑު ތިންބެއިންގެ ތެރެއިން ކުޑައީ ވީނާތާ؟ ވީނާ މިހާރު ކޮބާ؟ ވީނާ ވީތަނެއްވެސް ބުނެބަލަ" އަހަރެންނަށް ބުނެވުނެވެ. އެއަށް އެކަކުވެސް ޖަވާބެއް ނުދިނެވެ. ކޮޓަރިއަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ވިއާން އިސްޖަހާލައިގެން އިނީއެވެ.
"ވިއާން ވަރަށް ލޯބިވޭ ދޯ ވީނާދެކެ. އަހަރެން ކުރިން ހީކުރީ އެއީ ވިއާންގެ ދަރިއެއް ކަމަށް. މިހާރު ގަބޫލުކުރެވިއްޖެ އެއީ ވިއާންގެ ކޮއްކޮކަން. އަބަދު ފޮޓޯއެއް ފެންނަ ގޮތަށް ގެންގުޅޭނީ ހަނދާންވާތީކަން އަހަރެންނަށް އިނގޭ. ޒިޔާންގެ މަންމަ އަތުގައިވެސް އެބައިން ވީނާގެ ފޮޓޯ. އަހަރެން އަބަދުވެސް މަންމަ އެފޮޓޯއަށް ބަލާފައި ރޯ މަންޒަރު ދެކެން" އަހަރެން ބުނީމެވެ.
"މަލް، ތިވާހަކަނުދައްކާ. މަންމަގެ ވާހަކަތައް އަޑުއަހަން މިވަގުތު އަހަރެން ތައްޔާރެއްނޫން. މަލްއަށް ތިއިނގުނީ އަދި އަހަރެންގެ މަޒީގެ އެއްބައި. ނޭނގި އަދި ވަރަށް މުހިންމު ކަމެއް އެބޮތް. އެކަންވެސް ވަރަށް އަވަހަށް އިނގިދާނެ" ވިއާން ބުނެލިއެވެ.
ދުވަހުގެ ބާކީ ވަގުތުތަކުން ގިނަ ވަގުތު އަހަރެން ހޭދަކުރީ ކޮޓަރި ތެރޭގައެވެ. ފެންމަތިވެގެން ދިޔަ ހިތި ހަގީގަތް އަދިވެސް އަހަރެންގެ ހިތުން ނުފިލައެވެ. އެކަމަކު އެ ހަގީގަތް ގަބޫލުކުރަން ނޫން ގޮތެއް ނެތެވެ. ވިއާން ދެކެ ލޯބިވީ އަހަރެން ގަސްދުގައެއް ނޫނެވެ. ވިއާނަކީ ޒިޔާންގެ ބޭބެކަން ކުރިން އަހަރެންނަށް އިނގުނުނަމަ އަހަރެން އެލޯތްބާ ދުރަށް ދާން މަސައްކަތް ކުރީމުހެވެ. އެކަމަކު މިއަދު އެއްވެސް ކަމެއް ބަދަލުކުރެވޭކަށް ނެތެވެ. މާމަ ފަދައިން މަނންމަވެސް އަހަރެންނަށް ހުރިހާ ކަމެއް އިނގި ހުރެ ހުރިހާ ކަމެއް ސިއްރު ކުރީއެވެ. ކޮންމެގޮތެއް ވިޔަސް އެއިން އެއްވެސް މީހަކު އަހަރެންނަށް ދެރައެއްލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. މިކަމުގައި ބޮޑު މައްސަލައެއް ނިކުންނާނީ ޒިޔާނަށް މި ހަގީގަތް އިނގޭ ހިސާބުންނެވެ. އޭނަ ކަންތައް ކުރާނެ ގޮތެއް ހިޔާލަށް ގެންނަންވެސް ދައްޗެވެ.
ކޮންމެއަކަސް ހާމަވެގެން ދިޔަ ހަގީގަތް ދިރުވާލައިގެން އަހަރެން ހަމަޖެހުމުގެ ނޭވައެއް ލީމެވެ. ކައިރީގައި އޮތް ފޯނު ނަގާފައި އަނެއްކާވެސް މަންމަގެ ނަންބަރަށް ގުޅީމެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. ކޮންމެގޮތެއް ވިޔަސް އެއީ ވިއާންގެވެސް މަންމައެވެ. އެމަންމައަށް އަމުދުން ދެރަގޮތެއްވާން މިހާރު އަހަރެންނަށް ނޭދެވެއެވެ. ވިއާނާ ވާހަކަދައްކައިގެން މަންމަ ގެއަށް ގެންނަން ޖެހެއެވެ. އަހަރެން އަންބެއްގެ ގޮތުގައި ގަބޫލުކުރަންޏާ ވިއާން ޖެހޭނީ މަންމަވވެސް މަންމަގެ ގޮތުގައި ބަލައިގަންނާށެެވެ. ވިއާންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހުނަސް އަހަރެން ޝަރުތު ކަނޑައަޅަން ނިންމީމެވެ.
އެނދުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިފައި ރީތިވެލީމެވެ. ފޯނު ހިފައިގެން ގޮސް އެންމެ ފުރަތަމަ އަހަރެން ވަނީ މާމަ ކޮޓަރިއަށެވެ. ނަސީބު ކަންދިމާކުރި ގޮތުން އަހަރެންނަށް ވަދެވުނީ ވިއާންވެސް އެކޮޓަރީގައި އިން ވަގުތެއްގައެވެ. ވިއާން އުޅުނީ އަލަމާރި މަތީގައި ހުރި ފޮއްޓެއް ނަގަން މާމައަށް އެހީވެއެވެ.
"އަނހަ. އަވަހަށް އާދޭ" އަހަރެން ފެނުމާއެކު މާމަ ބުނެލިއެވެ. އެ އަޑަށް ވިއާންވެސް އެނބުރި ބަލައިލިއެވެ. އަހަރެން ވަދެގެން ގޮސް ހުއްޓުނީ އެނދު ކައިރީގައެވެ.
"އަޅުގަނޑު މާމަ އާ ވިއާން ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން" އަހަރެން ބުނީމެވެ. މާމަ އާ ވިއާންގެ ސަމާލުކަން އަހަރެންނަށް ލިބުނެވެ. މާމަ އާ ވިއާން އެނދުގައި އިށީނުމުން އަހަރެން އިށީނީ ވަކިން ހުރި ގޮނޑީގައެވެ.
"އަޅުގަނޑު ބޭނުން އަޅުގަނޑު ދިރިއުޅޭ ތަނެއްގަ މަންމަ ބަހައްޓަން" ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ. އެވަގުތު ވިއާންގެ މޫނަށް އައި ބަދަލު އަހަރެންނަށް ފެނުނެވެ.
"ވިއާން ޕްލީޒް ނޫނެކޭ ނުބުނައްޗޭ. ކޮންމެގޮތެއް ވިޔަސް އެއީ ވިއާންގެ މަންމަ. މަންމަ ކުރި ކަމެއްވިއްޔާ ކުރީ ޒިޔަންގެ ބައްޕަގެ ނުފޫޒުން. އެމަންމައަށް މަޖުބޫރުކޮށްގެން. ވިއާނާ ވީނާދެކެ މަންމަ ވަރަށް ލޯބިވޭ. އެދެލޮލުން ކަރުނަ ހިކިފަ ހުންނަ އެންމެ ވަގުތުކޮޅެއްވެސް ނުދޭ. އެކަމަކު މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ. މަންމަ މިރަށަށް އައީ ޒިޔާންގެ ބައްޕަގެ ކައިރިން ވަރިވެގެން. ޒިޔާން މަންމަ ބަލާނެކަމުގެ އުންމީދުގަ. އެކަމަކު ކަންތައްއެވީ ކިހިނެއް؟ އެމަންމަ މާލޭގަ އުޅޭ ހާލެއްވެސް ނޭނގޭ. އަހަރެން ގުޅަން ވަރަށް މަސައްކަތްކޮށްފިން. ނިއްވާފަ އޮންނަނީ ފޯނު. އަހަރެން ކުރިންވެސް ބުނީމެއްނު މަންމައަކީ ކިހާ ފެންވަރެއްގެ މީހެއްކަން" އަހަރެން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.
"ދަރިފުޅު މިއަދު އުފާކޮށްބަލަ މަލްއަށްޓަކައި. މާމަ ކިހާ ވަރަކަށް ހަމަ މިވާހަކަތައް ދަރިފުޅު ކައިރީގައި ދެއްކިން. އަދިވެސް ވަގުތުފާއިތުނުވޭ. މާމަވެސް ބޭނުންވަނީ ހަމަ އެގޮތް. މާޖިދާ ގެނެސް މިގޭގަ ބަހައްޓަން. އޭރުން އާއިލާވެސް ބޮޑުވީނު. ވިއާން ކައިރީގަ މަންމަވެސް މާމަވެސް އަދި މަލްވެސް ހުންނާނެ. ކިހާ އުފާވެރި އާއިލާއަކަށް އޭރުން މިއާއިލާ ވާނެ. އަދިވެސް މާމަ ގަބޫލުކުރަނީ މާޖިދައަކީ މާމަގެ އަމިއްލަ ދަރިއެއްގެ ގޮތުގަ" މާމަ ވާހަކަދެއްކިއެވެ. މާމަގެ ވާހަކަތަކުން އަހަރެންނަށް ހިތްވަރެއް ލިބުނު ކަހަލައެވެ. ވިއާނާ އެތައް ގޮތަކަށް ވިސްނައިދިނީމެވެ.
"އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް. މަންމަ ގެނޭ" އެންމެފަހުން ވިއާން އެއްބަސްވިއެވެ. އަހަރެންނަށް ހިނިތުންވެވުނެވެ. ވަގުތުން ވިއާންގެ ގައިގައި ބައްދައިލަން ބޭނުންވިއެވެ. ދެއަތުގައި ބޮސްދޭން ބޭނުންވިއެވެ.
"ވަރަށް އުފާވެއްޖެ. ހިނގާ މިރޭ އަހަރެމެންނާއެކު ވިއާންވެސް ފިހާރައަށް ދަމާ. އޭރުން ފަހަރެއްގަ މަގެއްގެ މަތިން މަންމަ ފެނިދާނެއްނު" ލިބުނު އުފަލަކުން އަހަރެންނަށް ބުނެވުނެވެ. ވަގުތުން އެކަމަށް ވިއާންވެސް މާމަވެސް އެއްބަސްވިއެވެ.
***
ހަވީރުވުމާއެކު ގުޅައިގެން ރީޝަމްގެ ދެމަފިރިން ގެއަށް ގެނައިމެވެ. ފެންމަތިވެގެން ދިޔަ ހުރިހާ ކަމެއް އަހަރެން ރީޝަމް އާ ހިއްސާކުރަން ބޭނުންވިއެވެ. ރީކް ސިޓިންރޫމަށް ދޫކޮށްލާފައި އަހަރެމެންގެ ހަތަރު މީހުން ކޮފީބޯން ތިބީ ބެލްކަނީގައެވެ. ޒިޔާންގެ ކަންތައްތައް އިނގުމުން ފުރަތަމަ ރީޝަމް އާ އާލިމަށްވެސް ގަބޫލުކުރަން ދަތިވިއެވެ. ރީޝަމް އަހަރެންނަށް ބަލައިލިގޮތުން އޭނާގެ ހިތުގައި އޮތް އެއްޗެއް އަހަރެންނަށް އިނގުނު ކަހަލައެވެ.
"ޒިޔާން އެއީ އަހަރެންގެ މާޒީ. ވިއާން އެއީ އަހަރެންގެ މުސްތަގުބަލް" އަހަރެން ބުނީމެވެ. ރީޝަމް ހީލާފައި ހިފީ އަހަރެންގެ އަތުގައެވެ. ރީޝަމްގެ އެ އަމަލުން އަހަރެންނަށް ހިތްވަރެއް ލިބުނު ކަހަލައެވެ.
"ޒިޔާން އެނބުރި އައުމުން ފަހަރެއްގަ ކަންތައްތައް ގޯސްވެދާނެ. އެކަމަކު މިހާރު ވިސްނަންވީ މިވަގުތަށް. މަލްގެ މުށުތެރޭގައި ތިވަނީ ހެއްދެވިފަރާތުގެ ރަހްމަތް. އެ ނިއްމަތަށް ޝުކުރުކޮށް އެކަލާނގެއަށް ސަޖިދައަށް ތިރިވުމުގެ ބަދަލުގައި މީހަކު ކިޔާފާނެ އެއްޗަކަށް ވިސްނައިގެން ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި" ރީޝަމް ވާހަކަދެއްކިއެވެ.
"ޔަގީން. އަހަރެން ވިއާން ދޫކޮށްލާފައި ޒިޔާން ކައިރިއަކަށް ނުދާނަން. ޒިޔާން ޖެހޭނީ ކޮންމެސް ދުވަހަކުން އަހަރެން ފަހަރިއެއްގެ ގޮތުގައި ބަލައިގަންނަން" އަހަރެން ބުނީމެވެ. އަހަރެން ބަލައިލީ އަހަރެންނާ ދިމާލަށް އިން ވިއާނަށެވެ. ވިއާން އަހަރެންނަށް ބަލަން އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
އިޝާނަމާދު ކުރި ގޮތަށް އަހަރެމެން ގެއިން ނިކުމެއްޖައިމެވެ. އެކުގައި މާމަ ހުރުމުން ތިންމައިންވެސް އުޅުނީ ފައިމަގުގައެވެ. މަގުމައްޗަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންނަށް ހުރިހާ ދިމާލެއް ބެލެމުން ދިޔައީ މަންމަ ފެނޭތޯއެވެ. އަހަރެންގެ ދުލު ކުރީގައިވެސް ވަނީ އެ ދުއާއެވެ. ވިއާނާ މާމައަށް ވުރެ ކުޑަ ތަންކޮޅެއް ފަހަތުގައި ހުރެ ހުރިހާ ދިމާލެއް އަހަރެން ބަލަމުން ދާތީ އެއްވަރަށް ހިނގުމަށް ދެތިންފަހަރު ގޮވަލާފައި ވިއާން ހަނދާންކޮށްދިނެވެ. ވިއާންވެސް މަގުމަތި ހޯދައި ބަލާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އެހިތުގައިވެސް މަންމަ އާ ބައްދަލުކުރުމުގެ އުންމީދެއް އޮތީހެން ހީވިއެވެ.
"މި ނިމުނީނު. ހިނގާ އެއްޗެއް ކާންދާން. ވަރަށް ބަނޑުހައިވެއްޖެ" އެންމެފަހު ފިހާރައިން ނިކުތުމާއެކު ވިއާން ބުނެލިއެވެ. އެންމެ ކައިރީގައި ހުރި ރެސްޓޯރަންޓާ ދިމާލަށް އަހަރެމެން ހިނގައިގަތްއިރު އަހަރެން ހުރީ އިންތިހާއަށް ދެރަވެފައެވެ. ގެއަށް ވަންނަ ވަގުތު ޖެހުނުއިރުވެސް މަންމަ ހަބަރެއް ނުވިއެވެ. ދެން ކުރާނެކަމެއް ނެތެވެ. އަދިވެސް ހިތުގައި އުންމީދެއް ވީތީ ކުރިއަށް ހިނގާފައި ދިޔައިމެވެ.
ރެސްޓޯރަންޓާ ދިމާލަށް ހިނގާފައި ދަނިކޮށް އަހަރެން ހުރި ފަރާތުގެ ޕޭވްމަންޓްމަތިން ހައުސްކޯޓެއްގައި ހުރި އަންހެނަކު އަހަރެންނަށް ފެނުނެވެ. އެ ސަރަހައްދު ފެންނަނީ ފުދޭވަރަކަށް އަނދިރިކޮށެވެ. އެ އަންހެންމީހާ ރެސްޓޯރަންޓްތެރެ ބަލަމުންދާކަން އަހަރެންނަށް ފާހަގަވިއެވެ. މާމަ އާ ވިއާނަށް އެމީހާ ދައްކަން އުޅެފައި ހުއްޓައިލީ މާމަ އާ ވިއާން އޮލަ ވާހަކައެއް ދައްކަމުން އަންނާތީއެވެ.
ރެސްޓޯރަންޓާ ކައިރިވިތަނާ އަހަރެންނަށް ހުއްޓެވިއްޖެއެވެ. އެއީ މަންމަ ކަން އިނގުމުން އަހަރެންނަށް ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގުނެވެ. ވަގުތުން އަހަރެންނަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. އިނގުނީ ދެލޮލުން ކަރުނަތަކެއް ފައިބައިގެން ދިޔަ ކަމެވެ. އެކަމަކު ހިތުގައި ސުވާލުވެސް އުފެދުނެވެ. މިފަދަ ދަން ވަގުތެއްގައި މަންމަ އެތަނުގައި ހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟
(ނުނިމޭ)
ވާހަކަ
ވާހަކަ